ހުރިހާ ގައުމެއްގެ ހަމަލާތައް ކުށްވެރިކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލަން ރާއްޖޭން ގޮވާލައިފި

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންގެންދާ ހަމަލާތަކާއި ރައްދުގައި އީރާނުން އެ ސަރަހައްދުގެ ގައުމުތަކަށް ދެމުންގެންދާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ހަނގުރާމަ ވަގުތުން ހުއްޓާލައި ސުލްހަ ހޯދުމަށް ކުރެވޭ މަސައްކަތް އަވަސް ކުރުމަށް ރާއްޖޭން މިއަދު ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭން މީގެ ކުރިން ވަނީ، މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން ފެށި ހަނގުރާމައާ މެދު ކަންބޮޑުވުން ފާޅުކޮށް، ހަމަލާތައް ހުއްޓާލަން ގޮވާލާފަ އެވެ. ނަމަވެސް، އެމެރިކާ އަދި އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ރާއްޖޭން ސީދާ ކުށްވެރިކޮށްފައެއް ނުވެ އެވެ.
ނަމަވެސް، ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ރާއްޖޭން ވަނީ، އެމެރިކާ، އިޒްރޭލު އަދި އީރާނުން ދެމުންގެންދާ ހަމަލާތައް ރަސްމީ ސިފައެއްގައި ފުރަތަމަ ފަހަރަށް ކުށްވެރިކޮށްފަ އެވެ.
ބުނީ ކީކޭ؟ - ފޮރިން މިނިސްޓްރީން ބުނީ، އީރާނުން އަވަށްޓެރި އަރަބި ގައުމުތަކަށް ދޭ ހަމަލާތަކާއި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތައް ރާއްޖޭން ކުށްވެރިކުރާ ކަމަށެވެ. ހާއްސަކޮށް، ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވެއިތު އަދި ބަހްރޭން ފަދަ އަރަބި ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގަލްފު ސަރަހައްދުގެ އެއާޕޯޓުތަކާއި ތެޔޮ ރައްކާކުރާ މަރުކަޒުތައް ފަދަ އާންމުންނާ ގުޅުންހުރި ތަންތަނަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ސީދާ ހިލާފު އަމަލުތަކެކެވެ.
"އެ ގައުމުތަކުން އެއްވެސް ބަދަލުހިފުމުގެ އަމަލެއް ނުހިންގަނީސް، އީރާނުން މިފަދަ ހަމަލާތައް ދެމުންދިއުމަކީ ހިތާމަހުރި ކަމެއް،" ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، އެމެރިކާ އާއި އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި އަންހެން ކުދިން ކިޔަވާ ސްކޫލަކަށް ދިން ހަމަލާއެއްގައި ސަތޭކައަށް ވުރެ ގިނަ އާންމުން މަރުވުމާއި ހޮސްޕިޓަލްތަކާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެކަން ރާއްޖޭން ހަރުކަށި އިބާރާތުން ކުށްވެރިކުރި އެވެ.
"މިފަދަ އަމަލުތަކުގެ ސަބަބުން ގަލްފު ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސްވެ، ސުލްހަ ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅެމުންދެ އެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކަކުން ވެސް ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
މެދުއިރުމަތީގެ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި، ބައިނަލްއަގުވާމީ މުޖުތަމައުން ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަކޮށް، ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ވެސް ރާއްޖޭން ވަނީ ގޮވާލާފަ އެވެ.
އެނގުން މުހިންމު - އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން ފެށި ހަނގުރާމައިގައި އީރާނުން 1،500އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
މި ހަމަލާތަކުގެ ބަދަލުގައި އީރާނުން ގެންދަނީ ސައުދީ، ބަހްރައިން، ކުވެއިތު އަދި ގަތަރު ފަދަ ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ.
މީގެ އިތުރުން، ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް %40 އުފުލާ ހޮރްމުޒް ކަނޑުއޮޅި ބަންދުކުރަން އީރާނުން ނިންމުމުން، މިފަހުގެ ތާރީހެއްގައި ހަކަތައިގެ ބާޒާރަށް ކުރިމަތިވި އެންމެ ބޮޑު ނުތަނަވަސްކަން ކުރިމަތިވެ، ތެލުގެ އަގު ވަނީ ބޮޑުވެފަ އެވެ. ގަލްފުގެ ގިނަ ގައުމުތަކުން ވަނީ ބައިނަލްއަގުވާމީ ބާޒާރަށް ތެޔޮ ސަޕްލައިކުރުން މަދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ