މިފްކޯގެ ވިޔަފާރި ފުޅާކުރުމާ ގުޅޭ ގޮތުން ޖަޕާނުގެ "ޖެޓްރޯ"އާއެކު މަޝްވަރާކޮށްފި

ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރި ފުޅާކުރުމާ ގުޅޭ ގޮތުން ޖަޕާނު ސަރުކާރުގެ އިދާރާއެއް ކަމުގައިވާ ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާއެކު މިފްކޯއިން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ބައްދަލުވުން އޮތީ މިފްކޯއިން ޖަޕާނުގެ ޓޯކިޔޯއަށް މިހާރު ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ޓޯކިޔޯގައި ހުންނަ ޖެޓްރޯގެ މައި އިދާރާގައެވެ. މިފްކޯއިން ބުނި ގޮތުގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމާއި، އެކަމުގައި ޖެޓްރޯއަށް އެހީތެރިކަން ދެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ. https://x.com/mifcomv/status/2031053548755337439 މި ބައްދަލުވުމުގައި މިފްކޯގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާޠިފް ޝަކޫރާއި ކޯޕަރޭޓް އެފެއާޒް ޖެނެރަލް މެނޭޖަރު އާމިނަތު ސަނިއްޔާ ޝަރީފެވެ. މި މަޝްވަރާގައި ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ހަވާލުވެޑައިގެން ހުންނެވި ޑެޕިއުޓީ އެމްބެސެޑަރު އަޙްމަދު ޢާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއީ ދުނިޔޭގެ މުހިންމު މާކެޓުތަކުގައި މިފްކޯގެ އުފެއްދުންތަކަށް އޮތް ފުރުޞަތުތައް ފުޅާކުރުމަށާއި، ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އެ ކުންފުނިން ބުންޏެވެ. ޖެޓްރޯ ނުވަތަ ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަންއަކީ ޖަޕާނާއި ދުނިޔޭގެ އެހެން ގައުމުތަކާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އަދި 1958 ވަނަ އަހަރު ޖަޕާނުގެ އެކްސްޕޯޓް ކުރިއެރުވުމަށް އުފެއްދި ޖެޓްރޯގެ މައިގަނޑު އަމާޒަކީ ކުދި އަދި މެދުފަންތީގެ ޖަޕާނުގެ ކުންފުނިތަކަށް ދުނިޔޭގައި އެކްސްޕޯޓްކުރުމުގެ ގާބިލްކަން އިތުރުކުރުމަށް އެހީތެރިވެދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ