ނެބިއުލައިޒް ކުރުމުން ރޯދަ ގެއްލޭނެތަ؟
ރޯދަމަހު މީހުންނަށް ޖަވާބު ލިބެން ބޭނުންވާ ވަރަށް ގިނަ ސުވާލުހުރެއެވެ. ޚާއްޞަކޮށް ރޯދަޔާ ބެހޭ ކަންކަމުގައި އޮޅުންފިލުވަން ބޭނުން ކަންކަން ބައިވަރެވެ. އޭގެތެރޭގައި ވެސް ގިނައީ ރޯދަޔާ ގުޅުންހުރި ސުވާލުތަކެވެ. ނޫނީ ރޯދަމަހުގެ އެހެނިހެން އަޅުކަންތަކާ ބެހޭ ގޮތުން އުފެދޭ އެކިއެކި ސުވާލުތަކެވެ. ރޯދަމަހު މިފަދަ ސުވާލުތައް އިތުރުވާ ކަމުން ދޭހަކޮށްދެނީ ދީނީ ކަންކަމަށް މީހުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުޤެވެ. އަދި ހަމަ އެހެންމެ އެ މީހުން ކުރާ އަޅުކަންތައް ރަނގަޅު ގޮތުގައި ކުރުމަށް ބޭނުންވާ ބޭނުންވުމެވެ. މި ގޮތުން ބަލާއިރު ރޯދައާ ގުޅުން ހުރި އެއް ސުވާލަކީ، "ބަލިވެ އުޅޭ މީހަކު ނެބިއުލައިޒްކުރުމުން އޭނާގެ ރޯދައަށް ވާނީ ކިހިނެއްބާއެވެ؟" މި ސުވާލެވެ. އާދެ! އެންމެ ފުރަތަމަ ބަލައިލަންވީ ނެބިއުލައިޒްކުރުމަކީ ކޮބައިކަމާ މެދެވެ. ނެބިއުލައިޒްކުރުމަކީ ފެނުން އާވި އަރުވައިގެން އޭގެ އާތްވާ އެކު ނޭވާލުމެވެ. އޭގެ ސަބަބުން ފުއްޕާމެއަށް ލުއި ވެއެވެ. އެ ކަމަށް ޓަކައި ވަކިން ޚާއްޞަ އާލާތެއް ހުރެއެވެ. އެއީ ކުޑަ މެޝިނެކެވެ. އެ މެޝިނުގެ ވަކި ތަނެއްގެ ތެރެއަށް ނޯމަލް ސެލައިން (ޑަކްޓަރީ ފަރުވާގައި ބޭނުންކުރާ ފެނެއް) އަޅާފައި އެ ފެނުގެ ތެރެއަށް ބަލި މީހާއަށް ބޭނުންވާ ބޭސް ވެސް އަޅައެވެ. އަދި މެޝިން ހިންގައިލުމުން، ބޭސް އެއްވެފައި ހުންނަ ފެން، ބޮކިޖަހާފައި އޭގެން ރަޝާޝްތަކެއް (ވަރަށް ކުދިކުދި ފެންތިކިތަކެއް) އުފައްދައެވެ. އަދި ވައިގެ ތެރެއަށް އެ ރަޝާޝްތައް ބުރައިގެން ގޮސް އާވި ފަދައިން މައްޗަށް އަރައަރައިހުރެއެވެ. ބަލިމީހާ އެ އާވީގެ ތެރެއިން ނޭވައި ލީމާ، އޭނާގެ އަނގައިގެ ތެރެއިންނާއި ނޭފަތުގެ ތެރެއިން ވައިގެތެރޭ ބޭހާ އެކުވެފައި ހުންނަ ރަޝާޝްތައް ވަދެގެން ގޮސް ފުއްޕާމެއަށް ވާސިލުވެއެވެ. މިއީ މޫސުމީ ބަލިބައްޔާއި ނޭވާހިއްލުންފަދަ ނޭވައިލާ ނިޒާމަށް ޖެހޭ އެކިއެކި ބަލިބައްޔަށް ދޭ ފަރުވާއެކެވެ. އެހެންވީމާ ރޯދައަށް ހުއްޓާ މި ފަރުވާ ދެވިދާނެތޯ ކުރެވޭ ސުވާލަކީ މަދުން ކުރެވޭ ސުވާލެއް ނޫނެވެ. އެއީ ގިނަ ބަޔަކަށް ޖަވާބު އެނގެން ބޭނުންވާ މުހިންމު ސުވާލެކެވެ. އާދެ! ރަޝާޝްތަކެއްގެ ގޮތުގައި ވިޔަސް، ނޭފަތާއި އަނގައިގެ ތެރެއިން ފެން އާވި، ހަށިގަނޑަށް އެތެރެވުމަކީ ރޯދަ ގެއްލޭނެ ކަމެކެވެ. އެހެންކަމުން ރޯދައަށް ހުންނަ މީހާ ނެބިއުލައިޒްކުރުމަކީ ހުއްދަވާނެ ކަމެއް ނޫނެވެ. ކޮންމެހެން ކުރަންޖެހިގެން، އެ ނޫން އެހެން އެއްވެސް ގޮތެއް ނެތުނު މީހާ، ނެބިއުލައިޒް ކުރަންވީއެވެ. އެހެނަސް ނެބިއުލައިޒް ކުރުމުން، އޭނާގެ އެ ދުވަހުގެ ރޯދަ ގެއްލޭނެއެވެ. އަދި އޭނާ ޖެހޭނީ ފަހުން އެހެން ދުވަހަކުން އެ ރޯދަ ޤަޟާކުރާށެވެ. އޭނާއަކީ ބަލިމީހެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ﴾ (البقرة: ١٨٥) މާނައީ: "އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފި ނަމަ) އެހެން ދުވަސްތަކަކުން އެ އަދަދު ހަމަކުރުން ހުށްޓެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ