އީރާނުގެ މަސްރަހު ގޯސްވެ، ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކައްކާ ގޭސް ލިބުމުގައި ދަތިތަކާ ކުރިމަތިވެ، އިންޑިއާގެ ރެސްޓޯރެންޓްތަކާއި ހޮޓާތަކުގެ ހިދުމަތްތައް މެދުކެނޑި ނުވަތަ ބަންދުކުރަން ޖެހިދާނެކަމުގެ އިންޒާރު އެ ދާއިރާގެ ފަރާތްތަކުން ދީފި އެވެ.
މި ދަތިކަން ކުރިމަތިވީ އީރާނާއި، އެމެރިކާ އަދި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، ގަލްފް އަދި ސްޓްރެއިޓް އޮފް ހޯމޫޒް ހުރަސްކޮށް މުދާ އުފުލާ އުޅަނދުފަހަރަށް ހުރަސްތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ. މީގެ ސަބަބުން ހަކަތައިގެ އަގުތައް އުފުލި، ގަތަރާއި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުން ސަޕްލައިކުރާ މިންވަރަށް ވަނީ އަސަރުކޮށްފަ އެވެ.
ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) އެތެރެކުރާ އިންޑިއާއިން ވަނީ، ގައުމުގެ އެތެރޭގެ ބޭނުންތަކަށް ގޭސް އުފައްދާ މިންވަރު އިތުރުކުރުމަށް ރިފައިނަރީތަކަށް އަމުރުކޮށްފަ އެވެ. ނަމަވެސް، މި ފިޔަވަޅާ އެކު ވެސް ރެސްޓޯރެންޓްތަކަށް ބޭނުންވާ ވަރަށް ގޭސް ހޯދުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
މެކްސިކަން ކާނާގެ ޗެއިންއެއް ކަމަށްވާ ކެލިފޯނިއާ ބުރިޓޯގެ ބާނީ ބާޓް މުލާ ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ އަތުގައި މިހާރު ހުރީ އެންމެ ދެ ދުވަހަށްވާ ވަރަށް ގޭހެވެ. އަދި މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ބައެއް އައުޓްލެޓްތަކުގައި ގޭސް އިގްތިސާދުކުރުމާއި ކަރަންޓު އުނދުނަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ރެސްޓޯރެންޓްތަކަށް ބޭނުންވާ ގޭސް އިތުރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަތައް މުރާޖައާކުރުމަށް ސަރުކާރުން މިހާރު ވަނީ ހާއްސަ ޕެނަލެއް އެކުލަވާލާފަ އެވެ.
ފަސް ލައްކައަށް ވުރެ ގިނަ ރެސްޓޯރެންޓް ތަމްސީލުކުރާ ނޭޝަނަލް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް އިންޑިއާ އިން ސަރުކާރަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، މި ސިނާއަތަކީ ވިޔަފާރިތަކަށް ހާއްސަ އެލްޕީޖީއަށް ނުހަނު ބޮޑަށް ބަރޯސާވެފައިވާ ދާއިރާއެއް ކަމަށެވެ. އަދި ގޭސް ލިބުމަށް އެއްވެސް މެދުކެނޑުމެއް އަތުވެއްޖެ ނަމަ، ގިނަ އަދަދެއްގެ ރެސްޓޯރެންޓްތައް ބަންދުކުރަން ޖެހި، ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އެ ޖަމްއިއްޔާއިން ވަނީ ދީފަ އެވެ.
ބެންގަލޫރު ފަދަ ސިޓީތަކުގެ ރެސްޓޯރެންޓް އޮޕަރޭޓަރުން ބުނާ ގޮތުގައި، ގޭސް ސިލިންޑަރު ފޯރުކޮށްދޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އުޑުޕީ ފުޑް ހަބް ޗެއިން ހިންގަވާ މަނީޝް ވީ ޝެޓީ ވިދާޅުވި ގޮތުގައި، މިއަދު އެ ކުންފުނީގެ އެއް ރެސްޓޯރެންޓަށް އެއްވެސް ގޭސް ސިލިންޑަރެއް ލިބިފައެއް ނުވެ އެވެ.
ސިނާއަތުގެ މަންދޫބުން އިންޒާރު ދޭ ގޮތުގައި، ސަލާމަތީ ސަބަބުތަކަށްޓަކައި ގިނަ ރެސްޓޯރެންޓްތަކުގައި ގޭސް ރައްކާކޮށްފައި ހުންނަނީ ވަރަށް މަދު މިންވަރަކަށެވެ. އެހެންކަމުން، ގޭސް ސަޕްލައި އާންމު ހާލަތަކަށް ނައިސްފި ނަމަ، ކުރިއަށް އޮތް އެއް ހަފުތާ ނުވަތަ ދެ ހަފުތާގެ ތެރޭގައި ގިނަ ތަންތަނުން ގޭސް ހުސްވާނެ ކަމަށް ބެލެވެ އެވެ.
ގޭސް ލިބުން ދަތިވެ، އިންޑިއާގެ ރެސްޓޯރެންޓްތައް ބަންދުކުރަން ޖެހިދާނެކަމުގެ އިންޒާރު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ