ދުވާލެއްގެ ފަތުރުވެރިންގެ ރެކޯޑް މި މަހު 3 ވަނަ ފަހަރަށް ހަދައިފި؛ އިއްޔެ 11،136 މީހުން

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި ދުވަހުގެ ރެކޯޑު އިއްޔެ އަނެއްކާވެސް އާކޮށް، މި މަހުގެ ތެރޭގައި މި ރެކޯޑު އާކުރި ތިންވަނަ ފަހަރަށް ވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު:
އިއްޔެ 11،136 ފަތުރުވެރިން ރާއްޖެ އައި
މީގެ ކުރިން މި މަހުގެ ތެރޭގައި ރެކޯޑު އާކޮށްފައިވަނީ 1 އަދި 8 ފެބްރުއަރީގައި؛ 1 ފެބްރުއަރީގައި 10،253 ފަތުރުވެރިން އަދި 8 ފެބްރުއަރީގައި 10،462 ފަތުރުވެރިން އައި
ތަފްސީލް - މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ޖުމްލަ 349،990 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %7.6ގެ ކުރިއެރުމެކެވެ. އަދި މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7,777އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އާދެ އެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމު:
ޗައިނާ - 49,704 ފަތުރުވެރިން
ރަޝިއާ - 40,141 ފަތުރުވެރިން 
އިޓަލީ - 34,320 ފަތުރުވެރިން 
އިނގިރޭސިވިލާތް - 32،563 ފަތުރުވެރިން 
ޖަރުމަނު - 21،558 ފަތުރުވެރިން 
އިންޑިއާ - 19،920 ފަތުރުވެރިން 
ފްރާންސް - 11،998 ފަތުރުވެރިން 
އެމެރިކާ - 9،524 ފަތުރުވެރިން 
ޕޮލެންޑް - 8،960 ފަތުރުވެރިން 
އޮސްޓްރިއާ - 7،348 ފަތުރުވެރިން 
ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ ތަންތަނަށް ބަލާއިރު، %68.1 ފަތުރުވެރިން ރިސޯޓުތަކުގައި މަޑުކޮށްފައިވެ އެވެ. ގެސްޓްހައުސްތަކުގައި 26.9 ފަތުރުވެރިން މަޑުކުރިއިރު، ހޮޓާތަކުގައި %2.8 އަދި ސަފާރީ އުޅަނދުފަހަރުގައި %2.1 ފަތުރުވެރިން ވަނީ ވަގުތު ހޭދަކޮށްފަ އެވެ.
އެނގުން މުހިންމު - ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖެއަށް ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ