އެމްއެމްއޭއަށް ޑޮލަރު މާރުކުރުން ފަހުން އުވާލާނެ ކަމަށް ގަވަރުނަރު ވިދާޅުވި: މަޓީ

މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ޑޮލަރު މާރުކުރަން މަޖުބޫރުވާ ގޮތަށް އެކުލަވައިލި ގަވާއިދާއި ގާނޫނު ފަހުން އުވާލާނެ ކަމަށާއި އެއަށް ފަހު އުންމީދަކީ ފްލޯޓިން އެކްސްޗޭންޖް ރޭޓު ނިޒާމަކަށް ބަދަލުވުން ކަމުގައި އެމްއެމްއޭގެ ގަވަރުނަރާ ހަވާލާދީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން މިއަދު ބުނެފި އެވެ.
އެނގުން މުހިންމު - ފްލޯޓިން އެކްސްޗޭންޖު ރޭޓަކީ ބާޒާރުން އޭގެ އަމިއްލަ ޒާތުގައި ޑޮލަރުގެ އަގު ކަނޑައަޅާ ނިޒާމެވެ. ރާއްޖޭގައި އޮންނަނީ ފިކްސްޑް އެކްސްޗޭންޖް ރޭޓު ނިޒާމެކެވެ. މި ނިޒާމުގައި ޑޮލަރު ގަނެވިއްކާނެ އަގު ކަނޑައަޅަނީ މަރުކަޒީ ބޭންކުންނެވެ.
ވީ ކިހިނެއް؟ - މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ 36 ވަނަ އަހަރީ އާންމު ޖަލްސާގައި ކުރިއަށްގެންދިޔަ އޯޕަން ޑިސްކަޝަންގައި ހިޔާލު ފާޅުކުރި މީހަކު ސުވާލު އުފެއްދީ ރާއްޖޭގައި މިހާރު އޮތް ފިކްސްޑް އެކްސްޗޭންޖް ރޭޓުގެ ބަދަލުގައި ފްލޯޓިން އެކްސްޗޭންޖް ރޭޓުގެ ނިޒާމަކަށް ބަދަލުނުކުރަނީ ކީއްވެގެން ކަމާ މެދު އެވެ.
ބުނީ ކީކޭ؟ - އެ މައުލޫގައި ހިޔާލު ފާޅުކުރައްވަމުން މަޓީގެ ނިމުނު ދައުރުގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނަޒީރު ވަނީ އެ ޖަމިއްޔާ އާއި އެމްއެމްއޭއާ ދެމެދު ބޭއްވި ބައްދަލުވުމެއްގައި ދެކެވުނު ބައެއް ވާހަކަތައް ހިއްސާކުރައްވާފަ އެވެ.
ރާއްޖޭގައި ޓޫރިޒަމް ވިޔަފާރިވެރިންގެ އެންމެ ބޮޑު އެއް ޖަމިއްޔާއަކީ މަޓީއަށް ވާއިރު، ބޭރު ފައިސާއާ ބެހޭ ގަވާއިދު އެކުލަވައިލީ އެކަމާ ބެހޭގޮތުން މަޓީއިން ދިން ލަފަޔާއި ހިޔާލުތަކާ ދެކޮޅަށެވެ. އެކަމާ ގުޅިގެން މަޓީއިން އޭރު ނޫސްބަޔާން ވެސް ނެރުނެވެ.
ނަޒީރު ވިދާޅުވީ އެ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އެމްއެމްއޭއާ އެކު މަޓީއިން ބޭއްވި ދެ ގަޑިއެއްހާއިރުގެ ބައްދަލުވުމެއްގައި ޑޮލަރު މާރުކުރުން މަޖުބޫރުކުރާ ގަވާއިދު އެކުލަވައިލި ނަމަވެސް، ފަހުން އުވާލާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އެ ދުވަހު ވިދާޅުވި ކަމަށެވެ.
އޭގެ އިތުރުން ނަޒީރު ވިދާޅުވީ އެ ގަވާއިދު އުވާލުމަށް ފަހު މިހާރު އޮތް ފިކްސްޑް އެކްސްޗޭންޖް ރޭޓުގެ ނިޒާމުން ފްލޯޓިން އެކްސްޗޭންޖް ރޭޓު ނިޒާމަކަށް ބަދަލުވާނެ ދުވަހަކަށް އުންމީދު ކުރައްވާ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު އެ ހިޔާލަށް މަރުހަބާ ކިޔާނެހެން ހީވަނީ،" ނަޒީރު ވިދާޅުވި އެވެ.
ތަފްސީލު - ނަޒީރު އެހެން ވިދާޅުވުމުން، އެ ބަދަލުތައް އަންނާނީ ކިހާ މުއްދަތެއްގެ ތެރޭގައިކަން ގަވަރުނަރު ވިދާޅުވިތޯ މަޓީގެ އާ ޗެއާމަން ހުސައިން އަފީފް (ޗަމްޕާ އަފީފް) ވަނީ ސުވާލުކުރައްވާފަ އެވެ.
ނަމަވެސް ނަޒީރު ވިދާޅުވީ އެ ބަދަލުތައް ގެންނާނެ ވަކި މުއްދަތެއް ގަވަރުނަރު ވިދާޅުނުވާ ކަމަށެވެ.
"އެހެންވީމަ ފަހަރެއްގައި އެ މަސައްކަތްތައް މިހާރު ކުރައްވަނީ ކަންނޭނގެ،" ނަޒީރުގެ ޖަވާބާ ގުޅިގެން އަފީފް ވިދާޅުވި އެވެ.
މަޓީގެ އަހަރީ އާންމު ޖަލްސާއަށް އެމްއެމްއޭގެ ގަވަރުނަރާއި ފިނޭންސް މިނިސްޓަރަށް ދައުވަތު އެރުވި ނަމަވެސް، އެ ދެ ބޭފުޅުންނަށް އެ ޖަލްސާގައި ބައިވެރިވެވޭ ގޮތް ނުވުމުން އެކަމާ ގުޅޭ އިތުރު ތަފްސީލެއް ޖަލްސާގައި ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ