ރައީސްގެ ގަރާރު: ދެ އިންތިހާބު އެއްކޮށްލުމުގެ ވޯޓު ބާއްވާނީ އޭޕްރިލް 4 ގައި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެފެންނަ ނުފެންނަ ވޯޓު އަންނަ އޭޕްރިލް މަހު 4 ވަނަ ދުވަހު ބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ފަރާތުން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސް ކުރީ މި މަހު 10 ވަނަ ދުވަހު އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން އެފަދަ އިސްލާހެއް ގެންނަން ހުށަހަޅާ ބިލެއް ރައީސް ތަސްދީގު ކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހެ އެވެ. އެ ބިލަށް އަމަލު ކުރަން ލާޒިމް ވާނީ ވޯޓުގައި ބައިވެރިވި ރައްޔިތުންގެ އަގުލަބިއްޔަތު ލިބި ރައީސް ތަސްދީގު ކުރެއްވުމުންނެވެ.
ރައީސް ރޭ ނެރުއްވި ގަރާރުގައިވާ ގޮތުން އެކަމާ ގުޅޭ ވޯޓު ނަގާނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމާފައިވާ އޭޕްރިލް 4 ގަ އެވެ.
އެ ގަރާރުގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގައި ކުރާނެ ސުވާލަކީ:
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"
ކައިރި ކައިރީ އިންތިހާބު ބޭއްވުމުގެ ބަދަލުގައި ދެ އިންތިހާބު އެއްކޮށްލަން ޖެހޭ އެއް ސަބަބެއް ކަމަށް ޕީއެންސީގެ މެންބަރުން ބުނަނީ ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 180 މިލިއަން ރުފިޔާ ސަލާމަތް ކުރުމެވެ.
އޭގެ އިތުރުން ރައްޔިތުންގެ އަގުލަބިއްޔަތުން ވަކި ސަރުކާރެއް އިންތިހާބު ކުރާތާ ހަ މަސް ފަހުން އަނެއްކާވެސް ބޮޑު އިންތިހާބެއް ބާއްވަން ޖެހޭތީ ސިޔާސީ ގޮތުން ހަމަނުޖެހުން އުފައްދަން މަގުފަހިވާ ކަމަށާއި ސިޔާސީ ގޮތުން ހަމަޖެހުން އަންނާނީ ވެސް އެ ބަދަލު ގެނެސްގެން ކަމަށް އެ މެންބަރުން ވިދާޅުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ