ދަތިތަކާއެކު ވެސް، ނާޖިހު އުފެއްދި ކެލިގްރަފީން ރޯދަ މަހަށް ދިރާގުގެ ބްރޭންޑިން ތަފާތު
ދިރާގު ހެޑު އޮފީސް ކުރިމައްޗަށް ހުއްޓުމާ އެކު، ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ކެލިގްރަފީގެ ހުނަރުން ފުރިފައިވާ ކުރެހުމެކެވެ. އެ އޮފީހުގެ ދޮރުގައި އޮރެންޖާއި މަޑު ނޫކުލައިން އެ ކުރެހުން ޖަރީކޮށްފައި ވަނީ ބަލާލަން ހިތްގައިމު ގޮތަކަށެވެ. އެ ދޮރުގައި އެއް އަރިއަކަށް ހުރީ ކުރަހަން ފަށާފައެވެ. އަރަބި އަކުރުން ފުރިފައިވާ އެ ކުރެހުމުގެ ޖާދޫގައި ޖެހި، ފަންނުވެރިޔާއާ ވާހަކަދައްކަން ބޭނުންވެއްޖެއެވެ. ދިރާގާ ގުޅިގެން އެ ކުރެހުން ޖަރީކުރި މޭސްތިރިއަކީ، ޒުވާން ކެލިގްރަފީ ކުރެހުންތެރިޔާ ހުސައިން ނާޖިހެވެ. އޭނާ ބުނި ގޮތުގައި، ކުރެހުމުގައި ވިސްނީ ރޯދަ މަހާ ގުޅޭ ގޮތަކަށް އަރަބި ކެލިގްރަފީ ހިމަނައިގެން ކުރެހުމަށެވެ. މި ކެރުހުމުގައި ނާޖިހު ބޭނުންކުރީ ހަމައެކަނި ދިރާގުގެ ކުލަތަކެވެ. އަދި، ދިރާގުގެ ބްރޭންޑިންއާ ގުޅޭ ކުރެހުމެއް ތައްޔާރުކުރުމަށް އޭނާ ވިސްނިއެވެ. ނާޖިހު ކުރެހުމުގެ މަސައްކަތުގައި --- ސަން ފޮޓޯ/ މުހައްމަދު ރިޔާޒް މިއީ، ކުންފުންޏާ އެކު ނާޖިހު މަސައްކަތް ކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. އެކަމަކު، މި ފަހަރު އެތައް ގޮތަކުން އޭނާއަށް ތަފާތެވެ. ކުރިން ނަމަ، އޭނާ ކުރަހަނީ ކުރިއަލާ ރާވައިގެނެއް ނޫނެވެ. އެ ތަނަކަށް ގޮސް، ކުރަހަނީއެވެ. ވަކި އެއްޗެއް ސިފަކޮށްދޭކަށް ނޫނެވެ. އެއާ ޚިލާފަށް މި ފަހަރު ނާޖިހުގެ ކުރެހުން ހެދީ، ދުރާލާ ކަންކަން ރާވައިގެންނެވެ. އެ ކަމަށް ތައްޔާރުވެ، ޚިޔާލު ހޯދުމަށް މިދިޔަ ނޮވެންބަރުގައި އޭނާ ފެށިއެވެ. އޭނާ ކެލިގްރަފީއަށް ޝައުގުވެރިވީ މީގެ ފަސް އަހަރު ކުރިންނެވެ. އެ ފަސް އަހަރު ތެރޭގައި ބިއްލޫރީގައި ކުރާހަފައި ނުވާތީ، މި ފަހަރު އޭނާއަށް ދަތިތަކާ ދިމާވިއެވެ. އެކަމަކު، އަލަށް އެތައް ކަމެއް ދަސްވިއެވެ. "މި ޕްރޮޖެކްޓުން ވަރަށް ބައިވަރު ކަންކަން ދަސްވެއްޖެ. ބިއްލޫރިގައި ކުރަހަން ޖެހިއްޖެއްޔާ ކުރަން ޖެހޭނެ ކަންތައްތަކާއި ރަނގަޅު ކުރެވިދާނެ ކަންކަން [ދަސްވެއްޖެ މިހާރު]." އޭނާ ކިޔައިދިނެވެ. ދިރާގުގެ ޕީއާރު އެންޑް ސްޕޮންސާޝިޕްގެ އެސިސްޓެންޓް މެނޭޖަރު ނަޝާޔާ ނައީމް 'ސަން'އަށް އިންޓަވިއު ދެނީ --- ސަން ފޮޓޯ/ މުހައްމަދު ރިޔާޒް ދަތިތަކާ ކުރިމަތިލައިގެން ވިޔަސް އޭނާ ހުރީ މި ކުރެހުމާ ދޭތެރޭ ހިތްހަމަޖެހިފައެވެ. އެއަށް ވުރެ ބޮޑަށް ނާޖިހު އުފާވީ، ޒުވާން ކުރެހުންތެރިންނަށް ކުންފުނިތަކުން ޖާގަ ދޭން ފެށީމައެވެ. އޭނާގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް އެފަދައިން ކަންކަން ވުމެވެ. ދިރާގުގެ ޕީއާރު އެންޑް ސްޕޮންސާޝިޕްގެ އެސިސްޓެންޓް މެނޭޖަރު ނަޝާޔާ ނައީމް ވިދާޅުވި ގޮތުގައި، ރޯދަ މަހު އެ ކުންފުނީގެ ހެޑް އޮފީހުގެ އިތުރަށް ހުރިހާ ބްރޭންޑިންއެއްގައި ބޭނުންކުރާނީ ނާޖިހުގެ ކުރެހުމެވެ. ނާޖިހަށް އެ ފުރުސަތު ދިނީ، އެހެން އަހަރުތަކާ ތަފާތުކޮށްލަން ކަމަށާއި ބޭނުންވަނީ، ގިނަ ދިވެހި ހުނަރުވެރިން ކުރިއަރުވައި، ހުނަރުތައް ދައްކާލަން ކަމަށް ނަޝާޔާ ވިދާޅުވިއެވެ. މި ފަހަރު ހަމަގައިމު ވެސް ދިރާގުގެ ބްރޭންޑިން ތަފާތު ވާނެއެވެ. ރޯދަ މަހު ދިރާގުން އެންމެންނަށް މި ފަހަރު ފެންނާނީ، ނާޖިހުގެ ހުނަރުން ޖަރީވެފައިވާ ކެލިގްރަފީގެ ޖާދުލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ