ޑިމާންޑް ބޮޑުވެފައިވާ 20 ރުފިޔާއާއި 100 ރުފިޔާގެ އައު ނޫޓުތައް ދައުރުކުރަން ފަށައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ގެންގުޅޭ "ރަންދިހަފަހެއް" ނޫޓު ސީރީޒްގެ 20 ރުފިޔާ އާއި 100 ރުފިޔާގެ އަލަށް ގެނައި ނޫޓުތައް މިއަދު ބާޒާރަށް ނެރެ، ދައުރުކުރަން ފަށައިފިއެވެ. އެމްއެމްއޭއިން ބުނީ އެ ފައިސާއަކީ އިގުްތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށް ބިނާކޮށާއި އެމްއެމްއޭއަށް ލިބޭ ބައުވެ، ހަލާކުވެފައިވާ ނޫޓުތައް އައުކުރުމަށް ނެރޭ ބެޗެއް ކަމަށެވެ. މަރުކަޒީ ބޭންކުން ބުނީ މިއަދު ބާޒާރަށް ނެރުނު ފައިސާގެ ތެރޭގައި ހިމެނެނީ މި މަހުގެ ދެވަނަ ދުވަހު އެ އޮތޯރިޓީއަށް ލިބުނު 100 ރުފިޔާގެ ނޫޓުތަކާއި، މިދިޔަ އާދިއްތައިގައި ލިބުނު 20 ރުފިޔާގެ ނޫޓުތައް ކަމަށެވެ. https://sun.mv/217947 އެ ނޫޓުތައް ބާޒާރަށް ނެރުމުގެ މައިގަނޑު މަގުސަދަކީ އިގްތިސާދުގެ ތެރޭގައި ނަގުދު ފައިސާ ދައުރުކުރުމުގައި ދަތިކަމެއް ނެތި، ބޭނުންވާ މިންވަރަށް ފައިސާ ފޯރުކޮށްދިނުން ކަމަށް އެމްއެމްއޭއިން ބުންޏެވެ. އެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި އަލަށް ނެރުނު ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. އަދި ނޫޓުގައިވާ ތާރީޚަކީ 31 ޖުލައި 2025 (6 ސަފަރު 1447) އެވެ. ސްޓޮކް މަދުވުމުން އާ ނޫޓުތައް ނެރުމަކީ ފައިސާ ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން އާންމުކޮށް ކުރަމުންދާ ކަމެއްކަންވެސް އެ އޮތޯރިޓީން ފާހަގަކުރިއެވެ. އެމްއެމްއޭއިން ބުނީ، މި ފަހަރު ނެރުނު 20 ރުފިޔާގެ ނޫޓުގެ ފަރުމާއަށް މުހިންމު ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން 20 ރުފިޔާގެ އައު ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން އަލަށް ހިމަނާފައިވާނެ ކަމަށް އެ އޮތޯރިޓީޏް ބުންޏެވެ. އެއީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކުގައިއާއި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކުއެވެ. ރަންދިހަ ފަހެއް ނޫޓުތައް: ޑިމާންޑް ބޮޑުވެފައިވާ 20 ރުފިޔާއާއި 100 ރުފިޔާގެ އައު ނޫޓުތައް ދައުރުކުރަން ވަނީ ފަށައިފައި -- މީގެ އިތުރުން، ޖުލައި 7، 2024 ގެ ތާރީޚުގައި އެންމެ ފަހުން ނެރެފައިވާ 100 ރުފިޔާގެ ނޫޓާ އެއްގޮތަށް 100 ރުފިޔާގެ މި އައު ޗާޕުގައިވެސް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ. އެމްއެމްއޭ އިން އިތުރަށް ހާމަކުރި ގޮތުގައި، އަލަށް ނެރުނު ނޫޓުތަކާއެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާ އާއި 100 ރުފިޔާގެ ހުރިހާ ނޫޓުތަކަކީވެސް ސައްހަ، ބޭނުންކުރެވޭނެ ފައިސާގެ ގޮތުގައި ދެމިއޮންނާނެއެވެ. އަދި އާންމުންގެ ބޭނުންތަކާ އެއްވަރަށް ފައިސާ ފޯރުކޮށްދީ، ދިވެހި ފައިސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެ އޮތޯރިޓީން ދެއެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގެ ބާޒާރުގައި ކުދި ނޫޓުތަކަށް އޮންނަ ޑިމާންޑް ބޮޑުވެފައިވަނީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދަކަށް އޭޓީއެމްތައް ބަހައްޓަމުން ދިއުމާ ގުޅިގެން އެ ނޫޓުތަކަށް އޮންނަ ޑިމާންޑު ބޮޑުވުމުންނެވެ. އެމްއެމްއޭއިން ފައިސާގެ އައު ސްޓޮކެއް ނެރޭއިރު، ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅޭ ކަމަށް ބުނެ، ޕެންޝަން ފަންޑުގެ މުއާމަލާތަކާ ގުޅޭ ގޮތުން ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އެއާއެކު، ދިވެހި ރުފިޔާގެ އަގު ވެއްޓި މުދަލުގެ އަގު އުފުލޭނެ ކަމުގެ ކަންބޮޑުވުންތައް ވެސް ފާޅުކުރަމުންދެއެވެ. އެމްއެމްއޭއިން މީގެ ކުރިން ވަނީ، ފައިސާގެ އައު ސްޓޮކް ގެނައުމަކީ އިގުތިސާދުގެ ތެރެއަށް އިތުރަށް ފައިސާ ނެރުމެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ބޭނުންކުރަމުންދާ ފައިސާގެ ސްޓޮކް ދެމެހެއްޓުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެފައެވެ. ދިވެހިރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ "ރަން ދިހަފަހެއް" ނޫޓު ސީރީޒަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން 2016 ވަނަ އަހަރު ތައާރަފުކުރި ނޫޓުތަކެކެވެ. މި ނޫޓުތަކަކީ ރާއްޖޭގެ ސަގާފަތާއި އަމިއްލަވަންތަކަން ދައްކުވައިދޭ، ސެކިއުރިޓީ ފީޗާތައް ވަރުގަދަ ނޫޓުތަކެކެވެ. ވަކިން ޚާއްސަކޮށް، ފެހުރިއްސެއްގެ ކުރެހުން ހިމެނޭ 1000 ރުފިޔާގެ ނޫޓަކީ ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ބޮޑު ސަމާލުކަމެއް ލިބިފައިވާ ރީތި ނޫޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ