ކިހާ ރީތި، ދެބެންގެ ކުޅިވަރުގެ އަގުވަޒަންކުރުން އެކުއެކުގައި

އިއްޔެ ރޭ ރާއްޖޭގެ ޒުވާން ކުޅިވަރުގެ ތަރިންގެ ކުރިމަތީގައި އެ ފެނުނީ ކުޅިވަރުގެ ދެ ނަމޫނާ އެވެ: މޫސާ މަނިކު (ކުޑަމޫސަ) އާއި އޭނާގެ އެއްބަފާ ކޮއްކޮ މުހައްމަދު ނަދީމެވެ.
އެކަމަކު މިހާރުގެ ޒުވާން ކުޅިވަރު ތަރިންނަށް އެ ދެބެންގެ ކުޅިވަރުގެ ހަޔާތުން މާ ގިނަ މައުލޫމާތެއް ލިބިފައެއް ނޯންނާނެ އެވެ. އެނގޭނީ ނަދީމަކީ ކާމިޔާބު ވޮލީބޯޅަ ކޯޗެއް ކަމެވެ. ކުޑަމޫސަ ފެންނާނީ ކުޑަކުދިންނަށް ފުޓްބޯޅައިގެ ހުނަރު ކިޔައިދޭން އުޅެނިކޮށެވެ.
ހުޅުމާލޭ ޓްރެކް ދަނޑުގައި އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ދެބެންނަށް ވަނީ ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް ދީފަ އެވެ. އެއް ރަސްމިއްޔާތެއްގައި އެ އަގުހުރި އެވޯޑް ލިބުމުން އަގުވަޒަންކުރުމުގެ ހާއްސަކަން އެތައް ތަނެއް މަތިވެ އެވެ. ދެބެންގެ ކުޅިވަރުގެ ހިދުމަތުގެ ވާހަކަ އެ އަންނަނީ ގުޅިގެން، ލާމެހިގެންނެވެ.
އެއީ 1980 އާއި 1990ގެ އަހަރުތަކުގައި ރާއްޖޭގެ ކުޅިވަރުގެ އެންމެ މަޝްހޫރު ދެ ނަމެވެ. ނަދީމް ފުރަތަމަ ކުޅުނީ ބޭބެއާ ދެކޮޅަށް ނިއު ރޭޑިއަންޓަށެވެ. ގެ ހުންނަނީ ނިއު ނިސްބަތްވާ ހިސާބުގަނޑުގައި ކަމަށް ވިޔަސް، މުޅި އާއިލާއަކީ ނިއުއަށް މަރުދޭ ބަޔަކަށް ވިޔަސް، މަޖީދިއްޔާއިން ތައުލީމު ހާސިލްކުރުމަށް ފަހު ނަދީމް ގުޅުނީ ވާދަވެރި ވެެލެންސިއާއަށެވެ. (އޭގެ ސަބަބުތައް މި ރިޕޯޓުން އެނގޭނެ އެވެ.)
ނަމަވެސް 1989ގައި އޭނާ ނިއުއަށް ބަދަލުވެ، ބޭބެއާ އެކު ދަނޑަށް ނުކުތެވެ. 
މޫސަ އާއި ނަދީމަކީ ކުޅިވަރުގެ މަތީ ހުނަރުވެރިންނެވެ. މޫސަގެ ކާމިޔާބީތައް ގުޅިފައި އޮތީ ފުޓްބޯޅަ އާއި ވޮލީގައި ކަމަށް ވިޔަސް، ނަދީމަކީ އެ ދެ ކުޅިވަރުގެ އިތުރުން އެތުލެޓިކްސްގެ ވެސް ތަރިއެކެވެ.
މި ދެބެންގެ ތަފާތަކީ ކުޅިވަރުގެ އަހުލާގެވެ. ރާއްޖޭގެ ކުޅިވަރުގެ ޝަހުސިއްޔަތެއް ކަމަށްވާ ވިކްޓަރީގެ އިބްރާހިމް އިސްމާއިލް، އެއް ފަހަރަކު މޫސަގެ މުހިންމު ވާހަކައެއް އަޅުގަނޑަށް ކިޔައިދިނެވެ. ވިކްޓަރީ އާއި ނިއުގެ ވާދަވެރިކަން އެންމެ ބޮޑުވި 1980ގެ އަހަރުތަކުގައި އިބްރާހިމް އިސްމާއިލަކީ ވިކްޓަރީގެ ކޯޗު އަބްދުލް ޖަލީލު (އަބްޖީ)އާ އެކު ބެންޗުގައި އިންނެވި ތަޖުރިބާކާރެކެވެ.
އޭނާ ވިދާޅުވި ގޮތުގައި ހެންވޭރު ދަނޑުގައި ނިއު ޕްރެޓިސް ކުރާއިރު ބައެއް ފަހަރަށް އެތަން ބަލަން ވަޑައިގަނެ އެވެ. ޕްރެކްޓިހުގައި މޫސަގެ ފާހަގަކުރެވުނު އެންމެ މުހިންމު ތަންކޮޅަކީ، އެހެން ކުޅުންތެރިންނަށް ވުރެ ބޮޑަަށް އޭނާ ކުރާ މަސައްކަތެވެ.
"މިސާލަކަށް ހިލޭ ޖެހުން ޖަހަން ފަރިތަކުރަނީ. ޕްރެކްޓިސް ނިމުނިއްޔޭ ހަމަ ބުނެލާއިރަށް [ކުޅުންްތެރިޔާގެ ނަން ކަނޑާލާފައި] ވަގުތުން ހުއްޓާލާނެ. އެކަމަކު ކުޑަމޫސަތަ؟ އޭނާ ދަނޑުން ފައިބާނީ އިތުރު ބޯޅައެއްގައި ޖަހާފައި،" އޭރުގެ މަޝްހޫރު އެހެން ކުޅުންތެރިޔަކާއި މޫސަ އަޅާބައްލަވަމުން އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ކުޑަމޫސައަށް ފުޓްބޯޅަ ކުޅެވުނީ އެހެންވެ އެވެ. އޭނާގެ ކުޅުމުގެ ހަޔާތުގެ ފަހު ދުވަސްކޮޅު ހުރާގެ ހުއްރިއްޔާ ޓީމަށް އެ ހޯދައިދިން ބޮޑެތި ކާމިޔާބީތަކުގެ ފަހަތުގައި އޮތީ ކުޅުންތެރިން ލައްވާ އޭނާ ކުރުވި ބުރަ މަސައްކަތެވެ. އޭނާގެ ކުޅިވަރުގެ އަހުލާގެވެ. 
ކުޅުމާ ވަކިވުމަށް ފަހު ނަދީމުގެ ކާމިޔާބީތައް ލިއަމުން އަންނަނީ ވޮލީބޯޅައިގަ އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން އެތައް ޓީމަކަށް ތަށި ހޯދައިދިނެވެ. ޒުވާން އެތައް ކުޅުންތެރިން ކޯޓަށް ނެރެދިނެވެ. މޮޅެތި ކުޅުންތެރިންނަށް ހަދައިދިނެވެ.
އެ މަސައްކަތާ އެކު، މިއަދު ކުޑަމޫސައަށް ވުރެ ބޮޑަށް މީޑިއާގައި އާންމުކޮށް ފެންނަނީ ނަދީމެވެ. މޫސަ އުޅެނީ އޭނާގެ އަމިއްލަ އެކަޑަމީގައި ކުޑަކުދިންނަށް ފުޓްބޯޅަ ދަސްކޮށްދިނުމުގަ އެވެ.
އެކަމަކު ވޮލީބޯޅައިގެ ދާއިރާގައި މޫސަ މިހާރު ނޫޅުނަސް އޭނާއަކީ 1980ގެ އަހަރުތަކުގައި ރާއްޖޭގެ އެންމެ މޮޅު ސެޓަރެވެ. 
ދަނޑާއި ކޯޓުގެ ބޭރުގައި ނަދީމާއި ކުޑަމޫސައަކީ މިޒާޖު ވަރަށް ތަފާތު ދެބެންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މޫސަގެ ވާހަކަތަކަށް ވުރެ ބޮޑަށް ނަދީމާ ގުޅޭ އުފެއްދުންތައް މީޑިއާގައި ގިނަވާނެ އެވެ. ނޫސްވެރިންނާ ވާހަކަ ދެއްކުމާއި އާންމުކޮށް ބާއްވާ ގިނަ އިވެންޓްތަކުގައި ބައިވެރިވުމަކީ ނަދީމުގެ ސިފައެކެވެ. އެއާ ހިލާފަށް މޫސައަކީ މީޑިއާއާ ދުރު އަދި އެކި އިވެންޓްތަކުން އާންމުކޮށް ފެންނަ މީހެއް ނޫނެވެ. އެހެންކަމުން މޫސައާ ބެހޭ މާ ގިނަ ވާހަކަތަކެއް މިހާރުގެ މީޑިއާ ތެރޭގައި ދައުރެއް ނުވެ އެވެ.
ދެބެންގެ ކުޅިވަރުގެ ހަޔާތުގައި އެ މީހުންނާ ބެހޭ ގިނަ ލިއުންތަކެއް އަޅުގަނޑު ވާނީ ލިއެފަ އެވެ. ދެބެންނާ ގުޅިފައި ހުރި އެންމެ މުހިންމު ހާދިސާތައް ވެސް އޭގެ ތެރޭގައި ހިމެނޭނެ އެވެ. މިސާލަކަށް މަހު މުސާރައަށް ކުޅުންތެރިން ގެންގޮސްގެން ވެލެންސިއާއިން ރާއްޖޭގެ ކުޅިވަރު 1992ގައި ބަދަލުކޮށްލި އިރުގެ ކަވަރޭޖެވެ.
ވެލެންސިއާއަށް ސޮއިކޮށްފައި ފަހުން މޫސަގެ ނިންމުން ބަދަލުކުރި އެވެ. މައްސަލަ ނިންމަން ޖެހުނީ ކޯޓުންނެވެ. އެ ދުވަހު ކޯޓުގައި، އޭނާގެ ދިފާއުގައި ވަކީލުން ދެއްކި ވާހަކަތަކާއި ވެލެންސިއާގެ ރައްދުގެ ބަސްތައް މިހާރު ވެސް ހަނދާން އެބަ ހުއްޓެވެ. ހުކުމް އައީ ވެލެންސިއާއާ އެއްކޮށް މޫސަ ހެދި އެގްރިމެންޓަކީ ސައްހަ އެއްޗެއް ކަމެވެ.
ނިއު ރޭޑިއަންޓްގެ މައިގަނޑު ކުޅުންތެރިޔާއަށް ވެފައި ނިއު ދެކެ އެހާ ބޮޑަށް ލޯބި ވެސް ވާނެތީ، ނިއުގެ ސަޕޯޓަރުން އޭރު އުއްމީދުކުރީ ވެލެންސިއާއަށް ނުކުޅެ މޫސަ ހުންނާނީ ކަމަށެވެ. ނަމަވެސް އޭނާއަކީ ވިސްނުން ތޫނު، ހުނަރުވެރި، މޮޅު ކުޅުންތެރިއެކެވެ. އެހެންވެ އޭނާގެ ކުޅިވަރު ހަޔާތް ވަކި ކްލަބަކަށްޓަކައި ހުއްޓައެއް ނުލާނެތާ އެވެ.
ދެތިން ދުވަސް ފަހުން މޫސަ ހުރީ ވެލެންސިއާ ޓީމާ އެއްކޮށް ޕްރެކްޓިސް ދަތުރުގައި ސްރީ ލަންކާގަ އެވެ. ނިއުގެ ސަޕޯޓަރުންގެ ހިތްހަލާކުވި އެވެ.
ވެލެންސިއާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގައުމީ ތަށި ކާމިޔާބުކޮށްދިނީ އޭނާގެ ކެޕްޓަންކަމުގެ ދަށުން 1993ގަ އެވެ. ފައިނަލްގައި ނިއު އަތުން ވެލެންސިއާ މޮޅުވީ އާދައިގެ ނަތީޖާއަކުން ނޫނެވެ: 7:0 އެވެ.
ދެބެން އެކުގައި ހޯދައިދިން ކާމިޔާބީތަކުގެ ތެރެއިން ހުއްރިއްޔާގެ ތާރީހު ވެސް ފުދެ އެވެ. ރާއްޖޭގެ ރަށަކަށް ގައުމީ ފެންވަރުގެ ފުޓްބޯޅަ ތައްޓެއް ފުރަތަމަ ހޯދައިދިނުމުގައި، ކޯޗެއްގެ އިތުރުން ކުޅުންތެރިއެއްގެ ގޮތުގައި މޫސަ ހުރި ހުރުމާއި އޭނާއާ އެކު ނަދީމު، ދަނޑުމަތީގައި އެ ޓީމުގެ އުނި ބައިތައް ބައްދައިދޭން ކުރި ހިތްވަރާއި ދެއްކި ހުނަރު ހިމެނޭނެ އެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެކި އެވޯޑްތައް ކާމިޔާބުކުރި މިހާރުގެ ކުޅިވަރުގެ ތަރިންނަށް މިއީ ނަމޫނާ ދެބެންނެވެ. އަގުހުރި ފިލާވަޅުތަކެއް ބޭނުން ނަމަ، ހަޔާތުގެ ކޮންމެ ދިމާލަކުން ވެސް މޫސަ އާއި ނަދީމަށް އެ ފިލާވަޅުތައް ނަގައިދެވޭނެ އެވެ. ހާއްސަކޮށް އެ މީހުންގެ ކުޅިވަރުގެ އަހުލާގުންނެވެ.
މިހާރުގެ ޒުވާން ތަރިންގެ އުނި ބަޔަކީ ވެސް އެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ