ޕެންޝަން ބޯޑުގެ ޗެއާޕާސަނަކަށް ކުރިމަތިނުލާތީ އަނެއްކާވެސް ހުޅުވާލައިފި

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ދިން ދެ ހަފްތާގެ ތެރޭގައި އެ މަގާމަށް އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިނުލުމުން، އެ ފުރުސަތު އަނެއްކާވެސް މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އެ މަގާމުގައި ހުންނެވި އަހުމަދު އިނާޒު މި މަހުގެ ކުރީކޮޅު އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ، ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑަށް، މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ފައިސާ ހޯދުމަކީ އިގްތިސޯދަށް ގެއްލުވާވާނެ ނިންމުމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ވިދާޅުވެ އެވެ.
އިނާޒުގެ އިސްތިއުފާއާ އެކު، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން މި މަހުގެ 2ގައި ހުޅުވާލައި އޭރު ދިން ދެ ހަފްތާގެ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ.
ތަފްސީލް - "އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ، މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. އަދި ހަވާލާދީފައިވާ އިއުލާނުގެ ދަށުން މި މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުން، އަލުން އެޕްލިކޭޝަން ހުށަހަޅުއްވަން ޖެހިވަޑައިނުގަންނަވާނެ ވާހަކަ ދަންނަވަމެވެ،" ޕެންޝަން އޮފީހުން މިއަދު ކުރި އިއުލާނެއްގައިވެ އެވެ.
ޕެންޝަން އޮފީހުން މިއަދު ވަނީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 1ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފަ އެވެ.
މަގާމުގެ ޝަރުތަކީ:
ވިޔަފާރި، އިގްތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވުން
 ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ހާސިލުކޮށްފައިވުން
އެ އިއުލާންގައިވާ ގޮތުން، ޗެއާޕާސަން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ގާނޫނުގައިވާ ގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 3 ނަން ޝޯޓްލިސްޓް ކުރާނެ އެވެ. އެއަށް ފަހު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެ މީހުންގެ ޝަރުތު ހަމަވާކަން ޔަގީންކުރާނެ ކަމަށް ބުންޏެވެ. އެ މަގާމަށް މީހަކު އައްޔަންކުރައްވާނީ ރައީސް މުހައްމަދު މުއިއްޒެވެ.
ގުޅުން ހުރި - ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހަތަރު މަގާމުގެ ތެރެއިން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ މި މަހުގެ 10ގައި ހުޅުވާލާފަ އެވެ. އެ މުއްދަތު ވެސް އަންނަ އަންގާރަ ދުވަހުގެ މެންދުރު 1ގެ ނިޔަލަށް ހަމަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ