އުއްމީދަކީ ޗައިނާއާ އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރުން: ރައީސް
އުއްމީދަކީ، ޗައިނާއާ އޮތް ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ، މިއަދު ފާހަގަކުރާ ޗައިނާގެ އާ އަހަރުގެ ތަހުނިޔާ އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާއި ޗައިނާގެ ރައްޔިތުންނަށް ފޮނުއްވާފައެވެ. މިގޮތުން، އެ ގައުމުގެ އަޒުމާއި ކާމިޔާބީން ރަމްޒުކޮށްދެނީ މިދިޔަ އަހަރުތަކުގައި ޗައިނާއިން ހޯދާފައިވާ ތަރައްގީގެ ލަނޑުދަނޑިތައް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ، ކުރިއަށް އޮތް ތަނުގައި ޗައިނާގެ ރައްޔިތުންނަށް ފާގަތި، އުޖާލާ ދުވަސްތަކަށް އެދޭ ކަމަށް ވިދާޅުވެފައެވެ. https://x.com/MMuizzu/status/2023630547017494740 މީގެ އިތުރުން، ރާއްޖެއާއި ޗައިނާގެ ރައްޔިތުންގެ ފައިދާއަށްޓަކައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް އެފަދައިން ވިދާޅުވިއިރު، ޗައިނާއަކީ، ރާއްޖެއާ ގާތްގުޅުމެއް ބާއްވާ ގައުމެކެވެ. އެ ގައުމުން ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު މަޝްރޫއުތަކަށް އެހީވެފައިވެއެވެ. އޭގެތެރޭގައި ސިނަމާލެ ބުރިޖު ހިމެނޭއިރު، ވިލިމާލޭގައި މިހާރު އަންނަނީ ހޮސްޕިޓަލެއް އަޅަމުންނެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު، ރަސްމީ ދެ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ