ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ހަބް ޖުލައިގައި ހުޅުވަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ކުރިއެރުވުމަށް ޕްރޮގްރާމްތައް ތަރައްޤީ ކުރާ "އެމްޕަވަމަންޓް ހަބް"ގެ މަސައްކަތް ނިންމާ، ޖުލައި މަހު އެތަނުގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން ވިދާޅުވެއްޖެއެވެ.
މި މަރުކަޒު ޤާއިމުކުރަނީ، ހުޅުމާލެ ފޭސް 2ގެ އަމާން އުދަރެސް 7 ވަނަ ޓަވަރުގެ ފުރަތަމަ ފަންގިފިލާގައެވެ. ސެންޓަރުގެ މަސައްކަތް ފެށީ، ޖެނުއަރީ މަހުއެވެ.
މިއީ ރަސްމީ ތަޢުލީމު ނިންމުމަށްފަހު މުޖުތަމަޢުއަށް ނިކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ތަރައްޤީ ކުރުމަށާއި،، މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވުމަށް މަގުފަހިކޮށްދޭނެ ފުރުޞަތުތައް ހޯދައިދިނުމަށް ޤާއިމު ކުރާ މަރުކަޒެކެވެ.
މި ހަބުގައި ކުރިއަށް ގެންދާނެ ޕްރޮގްރާމްތަކުގެ ތެރޭގައި ކަލިނަރީ އަދި ހޮސްޕިޓަލިޓީ ދާއިރާއާއި، ރީޓެއިލް މަސައްކަތުގެ ތަމްރީނާއި، އައިޓީ ދާއިރާގެ ތަމްރީނުތައް ހިމެނެއެވެ. އަދި އަތްތެރި މަސައްކަތް ފަދަ އެކި ފަންނީ ހުނަރުވެރިން ބިނާކުރުމުގެ ގޮތުން ތަފާތު ތަމްރީނުތައް ކުރިއަށް ގެންދާނެއެވެ.
މީގެއިތުރުން ބައިވެރިން ތައްޔާރު ކުރާ އަތްތެރި މަސައްކަތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ޚާއްޞަ ޖާގައަކާއި، އެ ތަކެތި ވިއްކުމަށް ފިހާރައެއް ޤާއިމްކުރާނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލު ކުރާ މަދަނީ ޖަމިއްޔާތަކުން ހިންގާ އެކިއެކި ހަރަކާތްތަކާއި، ބައްދަލުވުންތައް ބޭއްވުމަށް ޚާއްޞަ ޖާގައަކާއި، އެފަދަ މީހުންނަށް އަޅާލުމާއި އޯގާތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދާނެއެވެ.
މި މަރުކަޒު ފަރުމާ ކޮށްފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ތަން ބޭނުން ކުރެވޭ ގޮތަށެވެ. ފުރޮޅުލީ ގޮޑި ބޭނުންކުރާ މީހުންނާއި، ފެނުމުން މަޚުރޫމުވެފައިވާ މީހުންނަށް ޓެކްޓައިލް ޕާތުވޭ ހިމެނެއެވެ. އަދި ފާޚާނައާއި ނަމާދު ކޮޓަރިއާއި، އޯޓިޒަމް ހުންނަ ފަރާތްތަކަށް "ސެންސަރޫ ރޫމް"އެއްވެސް ޤާއިމުކޮށްފަވެއެވެ.
މި މަރުކަޒު ވެގެންދާނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިނިވަންކަމާއެކު، މާނަހުރި ގޮތެއްގައި މުޖުތަމަޢުގައި ބައިވެރިވާނެ އެތައް ފުރުޞަތުތަކެއް ފަހި ކޮށްދޭނެ މަރުކަޒަކަށެވެ.
އަދި ސްކޫލު ދައުރު ނިންމާ ކުދިންނަށް ބޭނުންވާ އެކި ހުނަރުތަކާއި، ވަޒީފާގެ ބާޒާރަށް ނެރުމުގެ ގޮތުން ކުރިއަށް ގެންދާ އެކި ޕްރޮގްރާމްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތް ކުރާ އެކި ޖަމިއްޔާތަކާ ގުޅިގެން ތަފާތު ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެވޭނެ ފުރަތަމަ މަރުކަޒަށެވެ.
މި މަރުކަޒަކީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޒަކާތު ފަންޑުން ޚަރަދުކޮށް، އިޖުތިމާޢީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި އެފްޑީސީ ގުޅިގެން ހަދަމުންދާ މަރުކަޒެކެވެ. މި ތަނުގައި މިހާރު ކުރަމުންދަނީ، އިމާރާތް ރޭނުގެ މަސައްކަތްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ