މެދުއިރުމަތީގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު މި ދަނީ ބަލަމުން: މިނިސްޓްރީ

ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ މަޝްރަހު ގޯސްވެފައިވާއިރު، އެ ސަރަހައްދުގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށާއި ދަރިވަރުންގެ ހާލަތު ގަވައިދުން މޮނީޓާ ކުރަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިއްޔެ އިސްވެ އީރާނަށް ދިން ހަމަލާތަކާ އެކު، އީރާނުން ވަނީ ބަދަލު ހިފުމުގެ ގޮތުން މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާތަކެއް ދީފަ އެވެ. އެއާ އެކު، ގަލްފް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ބައެއް ސަރަހައްދުތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފަ އެވެ.
ތަފްސީލް - އެކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ:
މެދުއިރުމަތީގައި އުޅޭ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން މޮނީޓާ ކުރަމުންދާ ކަމަށް
އެހީތެރިކަން ބޭނުންވޭތޯ ޔަގީންކުރުމަށް، ކަމާ ގުޅުން ހުރި އެ ގައުމުގެ އިދާރާތަކާއި ޑިޕްލޮމެޓިކް މިޝަންތަކާއި ތައުލީމީ މަރުކަޒުތަކާ ވާހަކަ ދައްކަމުންދާ ކަމަށް
އެ މިނިސްޓްރީން ބުނީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެ މުއައްސަސާއިން މި ވަގުތު އެންމެ އިސްކަން ދޭ ކަންތައް ކަމަށާއި އެކަމަށް ކޮންމެ ފިޔަވަޅެއް އެޅުމަށް ވެސް ތައްޔާރަށް އޮތް ކަމަށެވެ.
ގުޅުން ހުރި - ހަނގުރާމައާ ގުޅިގެން ދިމާވެދާނެ ދަތިތައް ހައްލު ކުރުމަށްޓަކައި ރައީސް މުހައްމަދު މުއިއްޒު ވަނީ، ނުވަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ