މެދުއިރުމަތީގެ ހާލަތުގެ އަސަރު ކުޑަކުރަން އިތުރު އެއާލައިންތައް ރާއްޖެ ގެންނަނީ

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި، ހާލަތުގެ އަސަރުތައް ކުޑަކުރުމަށް އިތުރު އެއާލައިންތައް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެއަށް ފަތުރުވެރިން އުފުލާ ބޮޑެތި ގިނަ އެއާލައިންތަކުގެ ދަތުރުތައް މި ހަމަނުޖެހުންތަކާ ގުޅިގެން ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އޭގެ ތެރޭގައި އެމިރޭޓްސް، ފުލައިދުބާއީ އަދި ގަތަރު އެއާވޭސް އާއި އިއްތިހާދު އެއާވޭސް ހިމެނެ އެވެ. އެއާ އެކު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭން ނުފުރި އެބަތިއްބެވެ.
ތަފްސީލް - ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ މަދަނީ ވައިގެ ދަތުރު ފަތުރުތަކާއި ފަތުރުވެރިކަމަށް މި ހާލަތުގެ ސަބަބުން އަންނަ ބަދަލުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އޭގެ އަސަރުކުރާނެ ކަމެއް ކަމަށެވެ.
މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިގްތިސޯދަށް، ހާއްސަކޮށް ފަތުރުވެރިކަމަށް މުހިއްމު ދަތުރުތަކެއްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ، އެންމެ އިސް އަމާޒަކީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި ރާއްޖެން ބޭރަށް ދަތުރުކުރާ ދިވެހިންނަށް އަދި ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުން ކަމަށެވެ.
މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުގެ ޝެޑިއުލްތަކަށް ބަދަލު އައި ނަމަވެސް އެހެން އެއާލައިންތަކުގެ ދަތުރުތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނީ، ހާލަތުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުުރުމަށް ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއާލައިންތައް ރާއްޖެ ގެނައުމާ ގުޅޭ މަޝްވަރާތައް ކަމާ ގުޅުންހުރި ފަރާތްތަކާ އެކު ކުރަމުން އަންނަ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި މެހުމާންދާރީގެ އެންމެ މަތީ މިންގަނޑުތައް ދަމަހައްޓާނެ ކަމަށެވެ.
ފާހަގަ ކުރެވޭ - ރާއްޖެ އާއި މެދުއިރުމަތީގެ ގައުމުތަކާ ދެމެދު ކުރާ ދަތުރުތައް ހުއްޓުމަކަށް އައިސްފައިވާއިރު، މިއަދު ވެސް 14 ފްލައިޓު ވަނީ ކެންސަލްވެފަ އެވެ. އިއްޔެ މި ހާލަތު ފެށިގެން އައިއިރު 1،400އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖޭން ނުފުރި ތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ރޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ