ފުޓުބޯޅައިގެ ގައުމީ މައި އިދާރާ، އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައެއްގައި ދައުވާކޮށްފައިވާ އެ ތަނުގެ ފިނޭންސް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ މުހައްމަދު އަގީލް ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށް މިދިޔަ ހަފުތާގައި ރާއްޖެ ގެނެސްފި އެވެ.
ވީިކިހިނެއް؟ - އަގީލްގެ މައްޗަށް އުފުލާފައިވާ ދައުވާ ރާއްޖޭގައި އޭނާ ނެތުމުން މަޑުޖެހިފައިވަނިކޮށް، މިދިޔަ ޖެނުއަރީ މަހު ފަހުކޮޅު ތައިލެންޑުން އޭނާ ހައްޔަރުކުރަނީ ވިސާ މައްސަލައެއްގަ އެވެ.
އޭރު އަގީލް ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާތީ، ތައިލެންޑްގެ ފުލުހުން އޭނާ ދިވެހި ފުލުހުންނާ ހަވާލުކުރި އެވެ.
ތަފްސީލް - ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މިދިޔަ މަހު 21 ވަނަ ދުވަހު އޭނާ ރާއްޖެ ގެނެސް، ފުލުހުންގެ ބެލުމުގެ ދަށުން މިދިޔަ މަހު 22 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރި އެވެ.
އެ ދުވަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުގައި ޕީޖީ އޮފީހުން ވަނީ އެދިފަ އެވެ. އެ އޮފީހުން އެދުނު ގޮތަށް އެ ދުވަހު ކްރިމިނަލް ކޯޓުން އަމުރުކުރުމުން މިދިޔަ މަހު 22 ވަނަ ދުވަހުން ފެށިގެން އަގީލް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ފާހަގަކޮށްލެވޭ - އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ ތަނުގެ ފައިސާއިން އަމިން ކޮންސްޓްރަކްޝަންގެ ލަގްޒަރީ އެޕާޓްމަންޓެއް ގަތް މައްސަލާގައި އަގީލްގެ މައްޗަށް ކޮށްފައިވަނީ މަނީލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ.
ނަމަވެސް އަގީލް އުޅޭ ތަނެއް ނޭނގޭތީ، އޭނާގެ ބައި ކުރިއަށް ނުގޮސް އޮތީ މަޑުޖެހިފަ އެވެ.
އެފްއޭއެމްގެ 1 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މި މައްސަލާގައި ބައްސާމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ 6 ޖެނުއަރީގައި އިއްވާފަ އެވެ. މި މައްސަލާގައި ދައުވާކުރި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.
އެނގުން މުހިންމު - 1 މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމުން ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާ ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ.
ނަމަވެސް ބައްސާމާއި އަމިން ކޮންސްޓްރަކްޝަންސްގެ ފަރާތުން ބުނަނީ އެ ލޯނު އެފްއޭއެމަށް ލިބުމުގެ މާ ކުރިން ބައްސާމް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ކަމަށެވެ.
އެފްއޭއެމް ހިޔާނާތުގެ ދައުވާކުރާ އަގީލް ރާއްޖެ ގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ