ސޫރަތުއްނޫރުގެ 35 އާޔަތުގައި ﷲ މިސާލެއް ޖައްސަވަ އެވެ. މި މިސާލުގެ މާނައިގައި ވެއެވެ. "ﷲ އީ، އުޑުތަކާއި ބިމުގެ ނޫރެވެ. އެކަލާނގެ ނޫރުފުޅުގެ މިސާލަކީ ފާރުގެ އެއްފަރާތުން އަނެއް ފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ (މިޝްކާތެއްގެ) މިސާލެވެ. އެއާނގުގެ ތެރޭގައި ބައްތިއެއް ވެއެވެ. އެ ބައްތި ވަނީ ބިއްލޫރިގަނޑެއްގެ ތެރޭގަ އެވެ. އެ ބިއްލޫރިގަނޑު ރަންމުތުގެ ތަރިއެއް ފަދަ އެވެ. އެ ބައްތި ދިއްލެނީ ބަރަކާތްތެރި ޒައިތޫނި ގަހަކުންނެވެ. އެއީ އިރުމަތީގެ ގަހެއް ނޫނެވެ. އަދި އެއީ ހުޅަނގުގެ ގަހެއް ވެސް ނުމެނޫންމެ އެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެ އެވެ. އަލިކަމެއްގެ މައްޗަށް ހުރި އަލިކަމެކެވެ. އަދި ﷲ، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ ނޫރުފުޅަށް ތެދުމަގު ދައްކަވަތެވެ. އަދި ﷲ، މީސްތަކުންނަށް މިސާލުތައް ޖައްސަވައިދެއްވަ އެވެ. ﷲ އީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ."
ﷲ ކީރިތި ޤުރްއާނުގައި ﷲއާ ބެހޭ ބަހުސްތައް ދެ ގޮތަކަށް ބަޔާންކުރައްވަ އެވެ. އެކަމަކު ﷲ ވޮޑިގެންވާކަން ސާބިތުކުރައްވަން ބަހުސްދިނުމަކީ ޤުރްއާނުގެ ސިފައެއް ނޫނެވެ. ﷲ މުޅިން ވެސް އަންގަވަނީ ﷲއަކީ އެއްކައުވަންތަ އިލާހުކަމެވެ. ފާތިހާ ސޫރަތް ފަށްޓަވަނީ ވެސް އެފަދައިންނެވެ. މިކަމުގެ މައިގަނޑު ސަބަބަކީ އެއްކައުވަންތަ ކަލަކު، ޔަޢުނީ ﷲ ވޮޑިގެންވާކަމުގެ ފާޅުކަން ބޮޑުކަމެވެ. އިންސާނާ ލޯ ހުޅުވު މާއެކު އޭނާއަށް ފެންނަނީ ﷲ ވޮޑިގެންވާކަމުގެ ހެކިތަކާއި ހުއްޖަތެވެ. ހަމައެގޮތަށް އިންސާނާ ހަލްގުކުރެއްވިއިރު ﷲ ވަނީ އޭނާގެ ނަފުސުގައި ރޫހު ލައްވާފަ އެވެ. އެ ރޫޙް، އޭނާ ދިރިހުރިހާ ހިނދަކު ﷲގެ އެއްކައުވަންތަކަން ގަބޫލުކޮށް އެކަން ފާޅުކުރުމަށް އެދި ގޮވަ އެވެ. ﷲއަކީ ކޮބައިކަމާ ގުޅޭ ދެވަނަ ބަހުސް ބިނާކުރެވިފައިވަނީ އެއްކައުވަންތަ އިލާހު މި މަފުހޫމް ރަނގަޅުކޮށްދިނުމަށެވެ. އެގޮތުން ޤުރްއާނުގެ އެތައް ތަނެއްގައި ﷲ އަކީ ކޮބައިކަން ﷲ ބަޔާންކުރައްވަ އެވެ.
ކޮންމެ އަހަރަކު އެތައް ހާސް މީހުން އިސްލާމް ދީނަށް ވަދެ އެވެ. އޭގެ ތެރޭގައި ހިމެނޭ އެއްބަޔަކީ އިލްމުވެރިންނެވެ. ދީނަށް ވަންނަ މީހުން، އެމީހުން ދީނަށް ވަންނަ ސަބަބު ހާމަކުރާއިރު އެމީހުން ދީނަށް ވަންނަ މައިގަނޑު ސަބަބަކަށް ދައްކަނީ އެމީހުންގެ ހިތަށް ހައްގަކީ ނުވަތަ ތެދަކީ ޤުރްއާންކަން ވަނުމެވެ. އެމީހުން އިސްލާމްވީ މުސްލިމުންގެ ކާނާ މީރުވެގެން ނުވަތަ މުސްލިމުންގެ ފޭރާން ރީތިވެގެނެއް ނޫނެވެ.
މި މިސާލުގައި ﷲ މިއަންގަވަނީ އެކަލާނގެއަކީ އުޑުތަކާއި ބިމުގެ ނޫރުކަމުގަ އެވެ. މި މިސާލު ދެނެގަތުމަށްޓަކައި ނޫރު މި ބަހުގެ މާނައަށް ފުންކޮށް ވިސްނާލަން ޖެހެ އެވެ. އަރަބި ބަހުގައި ނޫރު މި ބަސް ތަފާތު މާނައިގައި ބޭނުންކުރެ އެވެ. އެގޮތުން ފެނުމަކީ ނޫރެވެ. ހަމައެގޮތަށް ލޮލުގެ އަލިކަމަކީ ވެސް ނޫރެވެ.
ﷲ މި ދުނިޔޭގައި ދެ ބާވަތުގެ އަލިކަން ލެއްވި އެވެ. އެއީ ދުނިޔޭގެ އަލިކަމާއި އަޅުގަނޑުމެންގެ ލޮލުގެ އަލިކަމެވެ. ދުނިޔޭގެ އަލިކަމުގައި އިރުގެ އަލިކަމާއި އަލިފާނުން ނުވަތަ ބައްތީގެ އަލިކަން ހިމެނެ އެވެ. ދުނިޔޭގައި ލެއްވި އަލިކަމާއި އިންސާނާގެ ލޮލުގެ އަލިކަން ގުޅުމުން މެނުވީ ކައުނުގެ އެއްވެސް ހަގީގަތެއް އިންސާނަކަށް ނުފެނެ އެވެ. ލޯފަން މީހަކަށް ފެންނާނެ އެއްވެސް އެއްޗެއް މި ދުނިޔެއަކު ނުވެ އެވެ. ހަމައެގޮތަށް އެންމެ ލޯ އަލި މީހާއަށް ވެސް އަނދިރީގައި ނުވަތަ އަލިކަމެއް ނެތް ހާލުގައި ފެންނާނެ އެއްވެސް އެއްޗެއް ނުވެ އެވެ. މިދެންނެވުނީ ޖިސްމާނީ ނުވަތަ ފިޒިކަލް އަލިކަމުގެ ވާހަކަ އެވެ. އެހެންކަމުން ނޫރުން އަންގައިދެނީ ﷲގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަމެވެ.
ﷲ، ޖިސްމާނީ އަލިކަމުގެ އިތުރަށް ރޫހީ އަލިކަން އިންސާނާއަށް ތަނަވަސްކޮށްދެއްވި އެވެ. އެކަމަކު އެއީ އޭނާ ހޯދަން ޖެހޭ އެއްޗެކެވެ. އެ ހޯދަން ބޭނުންވާ ހުރިހާ ވަސީލަތެއް ﷲ އިންސާނާއަށް ދެއްވި އެވެ. އިންސާނާގެ ފުރާނަ ނުވަތަ އޭނާގެ ދިރުން ގުޅިފައިވަނީ ރޫހާ އެވެ. މި ދިރުން ގުޅިފައިވަނީ އޭނާގެ ހިތާ އެވެ. އިންސާނާ ދުނިޔެއަށް އުފަންވަނީ ރޫހީ އަލިކަމާ އެކު އެވެ. އެކަމަކު އޭނާ ކާފިރުވާ ހިސާބުން އެ އަލިކަން އޭނާގެ ކިބައިން ވަގުތީ ގޮތުން ބީވެގެންދެ އެވެ. އޭނާއަށް ރޫހީ އަލިކަން އަލުން ލިބެނީ އިންސާނާގެ ނަފުސުގެ ބޭރުގައިވާ ރޫހީ އަލިކަމާއި އޭނާ ގުޅިލޭމެހުމުންނެވެ. އިންސާނާގެ ނަފުސުގެ ބޭރުގައިވާ ރޫހީ އަލިކަމަކީ ﷲގެ ވަހީބަސްފުޅު ކީރިތި ޤުރްއާނެވެ.
މި މިސާލުގައި ﷲ އަންގަވަނީ ﷲ އީ އުޑާއި ބިމުގައިވާ ނޫރު ކަމުގަ އެވެ. މާނަޔަކީ އިންސާނާއަށް މިފެންނަ ކޮންމެ އެއްޗެއްގެ ނުވަތަ ތަނެއްގެ ފަހަތުގައި ވަނީ ﷲ ކަމެވެ. އިންސާނާއަށް ލޮލާއި ނޫރު ދެއްވީ ﷲ އެވެ. އިރާއި ތަރިތަކާއި ހަނދު ލެއްވީ ﷲ އެވެ. އެތަކެތިން ދުނިޔެއަށް އަލިކަން ދެއްވަނީ ﷲ އެވެ. އިރަކީ ﷲ ލެއްވި ބައްތިއެކެވެ. އިރު އޮއްސުމާ އެކު އެ ބައްތި ނިވި އަނިދިރިކަން ވެރިވެ އެވެ. އަނދިރިކަމުން ސަލާމަތްވާން އިންސާނާ ބައްތި ނުވަތަ ބޮކި ދިއްލަ އެވެ. އޭނާއަށް ރޭގަނޑު ފިޔަވަޅެއް ވެސް އެޅެނީ ބޮކިން އަލިކޮށްގެންނެވެ.
ﷲ އަކީ ނޫރުކަމުގައި ޖައްސަވާ މި ސާލުން އަންގައިދެނީ ދުނިޔޭގައިވާ ފުރިހަމަ ނިޒާމާއި ހަމަތަކާއި ޒީނަތްތެރިކަމުގެ ފަހަތުގައި ވަނީ ﷲ ކަމެވެ. ދުނިޔޭގެ ފުރިހަމަކަމާއި އެ ދުނިޔޭގެ ހިތްގައިމުކަމުގެ ފަހަތުގައި ވަނީ ﷲ ކަމެވެ. ދުނިޔޭގައި ﷲ ލެއްވި ފުރިހަމަކަމުގެ ފައިދާ އިންސާނާއަށް ލިބެނީ އޭނާ ﷲއަށް އީމާންވުމުންކަމެވެ. ހަގީގީ އަލިކަމަކީ އަދި ހަގީގީ ނޫރަކީ ތެދުމަގުން ލިބިދޭ އެއްޗެއްކަމެވެ.
އިންސާނާ ހޯދާފައިވާ މާއްދީ ކުރިއެރުމުގައި ފާހަގަކުރެވޭ މުހިންމު އެއް ކާމިޔާބީއަކީ ބޮތްކާއި ބޮކީގެ އަލިކަމެވެ. އެކަމަކު ކިތަންމެ ވަރަކަށް އިންސާނާ ބޮކިން އަލިކުރިއަސް އެއިން އަލިކޮށްދެނީ ކުޑަ ތަންކޮޅަކަށެވެ. މިކަން އެންމެ ރަނގަޅަށް އިހުސާސްކުރެވެނީ ރޭގަނޑު މަތިންދާބޯޓުގައި ދަތުރުކުރާއިރު އެވެ. ބޯޓުގައި ތިބެ ބިމަށް ބަލާއިރު އަލިކަން ފެންނަނީ ތިކިތަކެއްފަދައިންނެވެ. އެހެންކަމުން ބޮކި އަލިން ލިބޭ އަލިކަމަކީ ވަރަށް ކުޑަ އަލިކަމެކެވެ. އިރުއެރުމާ އެކު ދުނިޔެއަށް ދިރުމާއި އާރޯކަން އަންނަ ވާހަކަ ޤުރްއާނުގައި ﷲ ބަޔާންކުރައްވަ އެވެ. ހަމައެގޮތަށް އިންސާނާއަށް ދިރުމާއި އާރޯކަމާއި އަލިކަން ލިބެނީ އޭނާ ﷲއަށް އީމާންވެ ﷲގެ ރަސޫލާއަށް ތަބާވުމުންކަން ޤުރްއާނުން އެނގެ އެވެ.
މި މިސާލުން ލިބޭ ފުރަތަމަ ފިލާވަޅަކީ ﷲއަށް އީމާންނުވާ މީހާ އެއުޅެނީ އަނދިރިކަމުގައި ކަމެވެ. ހަގީގީ އަލިކަމަކީ ތަދުމަގު ލިބުމެވެ. ތެދުމަގުން މަހުރޫމްވެފައިވާ ކޮންމެ މީހަކީ އަނދިރިކަމުގައި ހުރި އަބާއްޖަވެރިއެކެވެ.
ފުންކޮށް ވިސްނާލަން ހިނގާށެވެ. އިންސާނާގެ މޭ ކަށިގަނޑުގެ ބައްޓަމަކީ ފާރެއްގައި ހުންނަ މިޝްކާތެއް ފަދަ އާނގެއްގެ ބައްޓަމެވެ. އިންސާނާގެ މޭކަށިގަނޑުގެ އެތެރޭގައި ﷲ ކުޑަކުޑަ ބައްތިއެއް ލެއްވި އެވެ. އެއީ އިންސާނާގެ ހިތެވެ. އެހިތް ދިއްލުމަށްޓަކައި ތެލުގެ ގޮތުގައި ﷲ އިންސާނާގެ ހަށިގަނޑުގައި ރޫޙް ލެއްވި އެވެ. އެއީ އިރުމަތިން ނުވަތަ ހުޅަނގުން އައި އެއްޗެއްނޫނެވެ. ބަރަކާތުން ފުރިގެންވާ ރޫޙް އަންނަނީ ސީދާ ﷲގެ ހަޒުރަތުންނެވެ. އިންސާނާގެ ހިތުގައިވާ ރޫހު ދިއްލައިދޭ ވަސީލަތަކީ ކީރިތި ޤުރްއާނެވެ. ކީރިތި ޤުރްއާނާއި ރޫހު ގުޅުމާ އެކު އުފައްދާ އަލިކަމަކީ ތެދުމަގެވެ. އޭރުން އު އުފެދެނީ އަލިކަމުގެ މައްޗަށް އަލިކަމެވެ.
ޤުރުއާނާއި މިސާލު: އުޑުތަކާއި ބިމުގެ ނޫރަކީ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ