ފެނަކަ ސައީދުގެ އިސްތިއުނާފު ލަސްވާތީ އެމްޑީޕީގެ ކަންބޮޑުވުން
ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތުވެ ޖަލަށްލާފައިވާ، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު ލަސްވާތީ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ފެނަކަ ސައީދު ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކުރީ މިދިޔަ ސެޕްޓެންބަރު މަހު ފަހުކޮޅެވެ. އެފަހުން އޭނާ ވަނީ މިދިޔަ މަހު ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައެވެ. މިދިޔަ ސަރުކާރާ ދެކޮޅަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނުއިރު، އެންމެ ބޮޑެތި ތުހުމަތުތައް އަމާޒުވި އެއް ކުންފުންޏަކީ ފެނަކައެވެ. ކޮރަޕްޝަނާއި ހިންގުމުގެ ކަންކަން ބޮއްސުންލާފައިވާ ކަމަށް ތުހުމަތުކުރެވޭ ފެނަކައާ ގުޅޭ ގިނަ އަދަދެއްގެ މައްސަލަ އޮޑިޓް ރިޕޯޓުތަކުގައި ވެސް ފެންމަތިވެފައިވެއެވެ. އެކަމާ ގުޅިގެން މިއަދު އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ޤާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއް ކަމަށެވެ. އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެއްކަމަށާއި، އާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގު ވެސް ގާނޫނުގެ ދަށުން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް އެމްޑީޕީން ބުންޏެވެ. https://sun.mv/217990 އެގޮތުން އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު ސައީދުގެ މައްޗަށް ސިޔާސީ ގޮތުން ދައުވާކޮށް، ނާއިންސާފު ހުކުމެއް ކުރިފަހުން މިހާރު ފަސް މަސް ވެފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ. އަދި އެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅިފަހުން ވެސް ތިން މަސްދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި، އެހެންނަމަވެސް، އެ މައްސަލައާ ގުޅިގެން މިހާތަނަށް އެންމެ އަޑުއެހުމެއް ވެސް ބާއްވައިފައިނުވާ ކަމަށް އެމްޑީޕީން ބުންޏެވެ. "މިއީ، މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް. އަދި، އަހުމަދު ސައީދު މުހައްމަދުގެ އިސްތިއުނާފު މައްސަލަ އަވަސްކޮށްދިނުމަށާއި، އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް މި ޕާޓީން ގޮވައިލަން،" އެމްޑީޕީން ބުންޏެވެ. ސައީދުގެ ސިއްހީ ހާލަތު ހުރިގޮތުގެ ސަބަބުން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައިވާއިރު އޭނާ ގޭބަންދަށް ބަދަލުކުރީ ކިހާ ދުވަހަކަށް ކަމެއް ސާފެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސައީދަކީ މީގެ ކުރިން ހާޓްއެޓޭކެއް ޖެހިގެން ވެސް ފަރުވާ ހޯއްދެވި ބޭފުޅެކެވެ. އަދި، ޖަލުގައި ހުންނަވާއިރު ހިތުގެ އާލާސްކަންފުޅަށް ފަރުވާ ނުހޯއްދެވޭކަމުގެ ކަންބޮޑުވުން އޭނާގެ އާއިލާއިން މީގެ ކުރިން ފާހަގަކޮށްފައިވެއެވެ. https://sun.mv/211939 އޭނާގެ ފަރާތުން ވަނީ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ އެ ކޯޓުން މިހާރު ވަނީ ބަލައިގެންފައެވެ. ފެނަކަ ސައީދުގެ މައްޗަށް ހުކުމްކުރީ އެއްވެސް މަސައްކަތެއް ނުކުރަނީސް ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުން ހަދައި، ފައިސާ ދޫކުރި މައްސަލައިގައެވެ. މި މައްސަލައިގައި ސައީދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އެކަމަކު، ހަމަ އެ މައްސަލައިގައި ދައުވާކުރި ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ކުރިން ހުންނެވި މަރްޔަމް ދީނާ ޞާލިޙުގެ މައްސަލަ އަދިވެސް ނުނިމެއެވެ. ހުކުމާ ހަމައަށް އެއީ އެކުއެކީގައި ކުރިއަށްގެންދިޔަ ދެ މައްސަލައެވެ. ސައީދަށް ތުހުމަތުވާ އިތުރު މައްސަލައެއް ވެސް ކޯޓުގައި އެބައޮތެވެ. އެއީ، ފެނަކައިން އައިސްޕްލާންޓް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ގޮތަށް މުއާމަލާތްކުރި މައްސަލައިގައި އޭނާގެ މައްޗަށް އުފުލި ދައުވާއެވެ. އައިސްޕްލާންޓް ފެނަކައަށް ގަތުމަށް 2023 ވަނަ އަހަރު ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމުން ނިންމައިފައިވަނީ އެ މަޝްރޫއަކީ ކުންފުންޏަށް ގެއްލުން ހުރި 'އިންޓާނަލް ރޭޓް އޮފް ރިޓާން' އަދި 'ނެޓް ޕްރެޒެންޓް ވެލިއު' ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުން ހުރި މަޝްރޫއެއްކަން ސައީދަށް އެނގިފައިވަނިކޮށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ބުނެފައެވެ. އެ މައްސަލައިގައި ވެސް ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ މައްސަލަ ވެސް ކޯޓުގައި މިހާރު އެބަ ހިނގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ