ވަގު ލިޔުން ހޯދައިގެން ގޯތި ހޯދިކަމުގެ ތުހުމަތުގައި ފަޒީލާއި އިތުރު 11 މީހަކަށް ދައުވާކޮށްފި
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ކަމަށް އަންގައިދޭ ސައްހަ ނޫން ލިޔުންތަކެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއެކު އިތުރު 11 މީހެއްގެ މައްޗަށް މިއަދު ދައުވާކޮށްފިއެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ނުހައްގުން މާލޭން ގޯތި ދިން މައްސަލައިގައި މަގާމުގެ އެންމެހާ މަސްއޫލިއްޔަތުތަކުން ފަޒީލް ސަސްޕެންޑްކުރީ ޑިސެމްބަރު 19، 2024 ގައެވެ. މުސާރަ ލިބޭގޮތަށް ހަ މަސް ވަންދެން ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހު އެމްޑަބްލިއުއެސްސީން އޭނާ ވަކިކުރީ މިދިޔަ އަހަރުގެ ޖުލައި އަށެއްގައެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކު ބިން ހޯދަން ހުށަހެޅި މައްސަލަ ކޯޓަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ފަޒީލްގެ މައްޗަށް ކުރަނީ، އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އޭނައާއެކު އިތުރު އަށް މީހެއްގެ މައްޗަށް އެ ދައުވާ ވަނީ ކޮށްފައެވެ. އެއީ: ސ. ހިތަދޫ، ހަޒާރުމާގެ، މަރްޔަމް ސާއީ ދަފްތަރު. ނަންބަރު ރސ 9044، އައިޝަތު މައުރޫފާ ޏ. ފުވައްމުލައް، ދޫޑިގަން، ދިލް، އީމާ ވަހީދު ހުޅުމާލެ، ފްލެޓް ނަންބަރު 02-ޖީ- 46، މުހައްމަދު އާދަމް ހއ. ދިއްދޫ ޖަމީލާ، އަބްދުލްމަޖީދު މާހިރު މ. ވެސްޓްކޯސްޓް، ހުސައިން ޒާހިރު ޒައިނު މ. ފަޅުމަތީގެ، އަޝްހަދު އަލީ މ. ފަޅުމަތީގެ، އަހުމަދު އަލީ މީގެ އިތުރުން ސައްހަ ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ ވަނީ ގ. ޕޫލްބަހާރުއާގެ، އަހުމަދު އަތީގު އަބްދުالله އަދި ނ. ވެލިދޫ، ޑޭޒީމާގެ އަހުމަދު މާޒިންގެ މައްޗަށް ކޮށްފައެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ހަމައެއާއެކު ސައްހަ ނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ، މ. ފަޅުމަތީގެ، އަރުޝަދު އަލީގެ މައްޗަށް ވަނީ ކޮށްފައެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ފާހަގަކުރެވޭ ގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ނުހައްގުން ގޯތިތަކެއް ލިބުނު މީހުންގެ ތެރޭގައި ފަޒީލް ވެސް ހިމެނެއެވެ. އޭރު އެ ކަންކަމާ ހަވާލުވެ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ފަޒީލްގެ ކޮއްކޮ އިބްރާހިމް ފަޒުލް ރަޝީދެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ވަޒީރު ބޭފުޅެއްގެ ފެންވަރުގައެވެ. https://sun.mv/215012 އެކަމަކު، މި ކޮރަޕްޝަންގެ ތުހުމަތުގައި އޭނާ ސަސްޕެންޑުކުރުމުން އަމިއްލައަށް ވަނީ އިސްތިއުފާދެއްވައިފައެވެ. ދެހާސް ސައުވީސް ވަނަ އަހަރުގެ އޮގަސްޓު މަހު ނެރެފައިވާ ބިންވެރިޔާ ސްކީމްގެ ފައިނަލް ލިސްޓުގައި ފަޒީލްގެ ނަން އޮތް، ނަމަވެސް، އޭނާއަށް އޮތީ ޝަރުތު ހަމަނުވާ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ސަރުކާރުން ހިންގައިފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އޭނާއަށް ކުރިން ގޯއްޗެއް ލިބިފައި އޮތުމެވެ. މި މައްސަލައިގައި ފަޒުލް ރަޝީދާއި، އެ ކުންފުނީގެ އައިޓީ ހެޑް ޢަބްދުﷲ ޝުހޫދު، ކުންފުނީގެ ސާވާގައި ހުރި ލިޔުންތަކެއް ރިކަވަނުކުރެވޭ ގޮތަށް ޑިލީޓްކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުށް ސާބިތުވާ މިންވަރަށް ހެކި ނެތުމުން ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ