ދެ އިންތިޚާބު އެއްކޮށްލާ ވޯޓަށް ނޫނެކޭ ބުނެ، އެކަން ހުއްޓުވުމަކީ ފަރުދީ ކަމަކަށް ހަދަން އެމްޑީޕީން ގޮވާލައިފި
މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަށް ނޫނެކޭ ބުނެ، އެކަމާ ދެކޮޅަށް ހަރަކާތްތަކާއި ކެމްޕެއިންތައް ހިންގުމަކީ، ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރިއަށް ދިއުމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު މިއަދު ގޮވާލައްވައިފިއެވެ. ދެ އިންތިޚާބު އެއްކޮށްލުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބާ އެކުގައެވެ. އެމްޑީޕީން ވޯޓު ހުއްޓުވަން ކޯޓަށް ހުށަހެޅިއިރު، އިލެކްޝަންސް ކޮމިޝަން (އީސީ)ން އަންނަނީ އެ ވޯޓު ބާއްވަން ތައްޔާރުވަމުންނެވެ. މައުރޫފް މިފަދައިން ވިދާޅުވެފައި ވަނީ ފެންނަ ނުފެންނަ ވޯޓަށް ނޫނެކޭ ބުނެ އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައެވެ. މައުރޫފް ވަނީ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން ފެންނަ ނުފެންނަ ވޯޓަށް ނޫނެކޭ ބުނެ، އެކަމާ ދެކޮޅަށް ހަރަކާތްތަކާއި ކެމްޕެއިންތައް ހިންގުމަށް ގޮވާލައިފައެވެ. މިއީ އެންމެހާ ދިވެހީންނާއި ގުޅިފައިވާ ކަމެއް ކަމުން، ހުރިހާ ދިވެހީން އަޅުގަނޑުމެންނާ ގުޅިގެން ވިޔަސް އަދި އެކި އެކި ޖަމާތްތަކުގެ ގޮތުގައި ނަމަވެސް މި ކެމްޕެއިނުގައި ބައިވެރިވެ، މި ފެންނަ ނުފެންނަ ވޯޓަށް ނޫނެކޭ ބުނުމުގެ އެކި ޕްރޮގްރާމްތަކާްއި ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ ކޮންމެ ފަރުދަކު ވެސް ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން ކުރިއަށް ދިއުމަކީ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން،ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އެ ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، 2008 ވަނަ އަހަރު ފާސްކުރެވުނު ގާނޫނުއަސާސީގައި ރައްޔިތުނަށް ލިބުނު ހަމައެކަނި ބާރަކީ ވޯޓު ދިނުމުގެ ބާރު ކަމަށެވެ. ދެ އިންތިޚާބު އެއްކޮށްލުމަކީ ފަސޭހަ ކަމެއް ކަމަށާއި، ޚަރަދުކުޑަ ކަމެއް ކަމަށް ޝަމްހީދު ވެސް ވިދާޅުވިއެވެ. ނަމަވެސް މިއަދު ސަރުކާރުން އުޅެނީ ރައްޔިތުންގެ އަތުން އެ ބާރު ވެސް ނިގުޅައިގަންނަން ކަމަށް ޝަމްހީދު ވަނީ ތުހުމަތު ކުރައްވާފައެވެ. މި ސަރުކާރުން ރައްޔިތުންގެ މަންދޫބުންނާއި ކޯޓުތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސް، އަތޮޅު ކައުންސިލްތައް ވެސް އުވާލާފައިވާކަމަށް ޝަމްހީދު ވިދާޅުވިއެވެ. އެހެންކަމުން ހަގީގީ މާނައިގައި ލޯކަލް ކައުންސިލް ހިންގުން ވެސް މިހާރު ހުއްޓުވާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ދެ އިންތިޚާބު އެއްކުރާ ވާހަކަ އެކަންޏެއް ނޫނޭ މި ދައްކަނީ. މީގަ މިވަނީ ހިނގަ ހިނގާ އޮންނަ ދައުރެއްގެ މުއްދަތު، އެއީ ބަދަލުކުރެވޭނޭ އެއްޗެއްގެ ގޮތުުގައި ކަނޑައެޅުން. މިއީ އަޅުގަނޑު ދެކޭގޮތުގައި މީގެ އެންމެ ނުރައްކާތެރި އިސްލާހަކީ. މިގޮތަށް މިކަން ކަނޑައެޅޭ ހިސާބުން ރައީސުލްޖުމްހޫރިއްޔާގެ ވޯޓަކީ ފެންނަ ނުފެންނަ ވޯޓަކުން ކަނޑައެޅިދާނެ އެއްޗެއްގެ ގޮތުގައި ވެގެން މިދަނީ، ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ޝަމްހީދު ވިދާޅުވީ، މިއަދު ވިސްނަންވީ މި ސަރުކާރުން ޑިމޮކްރަސީ ހަރުދަނާ ކުރަން ގާނޫނެއް ނުގެންނާނެކަން ކަމަށާއި ދިވެހި ރައްޔިތުން ބާރުވެރި ކުރުވުމަށް މި ސަރުކާރުން ގެނައި ގާނޫނެއް އަދި މިހާތަނަށް ފެނިފައި ނުވާކަމަށެވެ. އަދި މިހާރު އަބަދުވެސް ފެނިގެންދަނީ އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ހޯދައިދީފައިވާ ހައްގުތައް ނިގުޅައިގަންނަ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޑރ، މުހައްމަދު މުއިއްޒު ވިދާޅުވާ ގޮތުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން ނިންމި މައިގަނޑު ސަބަބަކީ ޚަރަދު ކުޑަ ކުރެއްވުމެވެ. ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ