އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން މައުރޫފާއި ޒާޔާގެ އިތުރުން 6 މީހަކަށް ދައުވާކޮށްފި
ތިނެއް އޮކްޓޯބަރުގައި އިދިކޮޅު އެމްޑީޕީއިން ކުރިއަށްގެންދިޔަ "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި އެ ޕާޓީން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ ފާތިމަތް ޒަހިއްޔާ (ޒާޔާ)ގެ އިތުރުން، އިތުރު ހަ މީހަކަށް ދައުވާކޮށްފިއެވެ. ފުލުހުން މީގެ ކުރީން ވަނީ މައުރޫފަށާއި އެ ޕާޓީން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ ފާތިމަތް ޒަހިއްޔާ (ޒާޔާ)ގެ އިތުރުން އަބްދުއްސަލާމަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ ދައުވާކުރުމަށް ހުށަހަޅާފައި ވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް، މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް އެއްވެ، މުޒާހަރާކޮށް އާންމު ދަތުރުފަތުރަށް ހުރަސްއަޅައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ މައްސަލައިގައި ކަމަށެވެ. އަދި މި މައްސަލައިގައި އިތުރު ފަސް މީހެއްގެ މައްޗަށް ދައުވާކުރުމަށް އެ އޮފީހަށް މިހާރު ހުށަހަޅާފައި ވާކަމަށެވެ. މައުރޫފާއި ޒާޔާގެ އިތުރުން ދެން ދައުވާކުރީ: ޢަބްދުއްސަލާމް މުޙައްމަދު ޙަމާއިދު ޢަބްދުލްޣަނީ ޢަލީ ނައުފަލް ޢާއިޝަތު ނަޖުދާ ޢަލީ ޢަލީ މުޢައްވަޒް ޙުސައިން ރަޝީދު އެ އޮފީހުން ބުނީ ދައުވާކުރެވޭ މިންވަރަށް ހެއްކާއި ޤާރީނާ ލިބިފައި ނުވާތީއާއި ދައުވާކުރުމުގެ އާންމު މަސްލަހަތު ނެތުމުން އެ މީހުންގެ ބައި އަނބުރާ ފޮނުވާލާފައިވާނެ ކަމަށެވެ. މުޒާހަރާ މައްސަލަތަކުގައި ދައުވާކުރުމުގައި އެ އޮފީހުން ހިފަހައްޓާ ހަމައަކީ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިވާނަމަ، ނުވަތަ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިދާނެ ހާލަތެއް ކުރިމަތިކުރުވާފައިވާނަމަ، ދައުވާ ކުރުން ކަމުގައި އެ އޮފީހުން ވަނީ ބުނެފައެވެ. އެމްޑީޕީއިން ވަނީ މިއީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެ ޕާޓީން ކުރަމުންދާ ކެމްޕޭނަށް ހުރަސްއެޅުމަށާއި، އަދި ރާއްޖޭގެ އިންތިހާބީ ނިޒާމު ގަޑުބަޑުކުރުމަށް ނަގަން އުޅޭ އާއްމު ވޯޓާ ދެކޮޅަށް މި ފެށޭ މާރިޗު މަހުގެ 21 ވަނަ ދުވަހު އެ ޕާޓީން ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވާ މީހުން މަދުކުރުމަށް ހިންގާ ބިރުދެއްކުމުގެ އަމަލެއް ކަމަށް ސިފަކޮށްފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންގައިގެން އެމްޑީޕީގެ ހަރަކާތްތެރިންގެ މައްޗަށް ކުރާ ސިޔާސީ ދައުވާތައް ކުށްވެރިކުރާ ކަމަށާއި މިފަދަ ބިރުދެއްކުމުގެ އަމަލުތަކުގެ ސަބަބުން އެ ޕާޓީގެ މެންބަރުން ފަސްނުޖެހޭނެކަން އެމްޑީޕީން ވަނީ ހަނދާންކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ