އަގީލް ރާއްޖެ ގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އަގީލް ރާއްޖެ ގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ހެކިބަސް ނެގުމަށް ކޯޓަށް ހާޒިރު ނުކުރެވިގެން އުޅޭ އެ އެސޯސިއޭޝަންގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް، މުހައްމަދު އަގީލް ފިލައިގެން ތައިލެންޑުގެ ބެންކޮކްގައި އުޅެނިކޮށް ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފި އެވެ.
ފުލުހުން ބުނީ ފެބްރުއަރީ 21، ގައި އަގީލް ރާއްޖެ ގެނައުމަށްފަހު، އޭނާ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރާ އެއްގޮތަށް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި އަގީލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފަ އެވެ.
ފިލައިގެން ބެންކޮކުގައި އުޅެނިކޮށް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ތައިލެންޑުގެ ފުލުހުން އަގީލް ހައްޔަރުކުރީ ރާއްޖެއިން އިންޓަޕޯލް ރެޑްނޯޓިސްއެއް ނެރެފައިވަނިކޮށެވެ.
ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ބައްސާމްގެ މައްސަލައާ ގުޅިގެން އަގީލް ކޯޓަށް ހާޒިރު ނުކުރެވިގެން ގިނަ އަޑުއެހުންތަކެއް ކެންސަލް ކުރަން ޖެހުނެވެ. އެ މައްސަލައިގައި ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާކުރި އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި އަގީލްގެ މައްޗަށް މަނީ ލޯންޑާ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ވެސް އޮތީ އުފުލާފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް މީގެ ކުރިން ތާވަލުކޮށްފައިވާއިރު، އެ އަޑުއެހުމަށް ވެސް އޭނާ ހާޒިރު ކުރެވިފައެއް ނުވެ އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި ބައްސާމްގެ މައްޗަށް މިހާތަނަށް ތިން ހުކުމެއް ވަނީ އިއްވާފަ އެވެ. އެއީ ހަތަރު އަހަރުގެ ހުކުމަކާއި، ފަސް އަހަރުގެ ހުކުމެއްގެ އިތުރުން 23 އަހަރުގެ ހުކުމެކެވެ. އެގޮތުން އޭނާ މިހާރު ދަނީ ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.
މީގެއިތުރުން އެއް މައްސަލައިގައި ބައްސާމް ވަނީ 44 މިލިއަން ރުފިޔާ އިން ޖޫރިމަނާވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ