ދައުވާކޮށްގެން ފަހަތަކަށް ނުޖެއްސޭނެ، ގާނޫނީ ހައްގު ބޭނުންކުރާނަން: މައުރޫފް

ހިޔާލު ފާޅުކުރުމުގައި ގާނޫނުން ލިބިދީފައިވާ ހައްގުތައް ބޭނުންކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި ދައުވާކޮށްގެން އެކަން ހުއްޓުވޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީން މިދިޔަ 3 އޮކްޓޫބަރުގައި ބޭއްވި އެއްވުމާއި ގުޅުވައި، މައުރޫފް ހިމެނޭހެން، އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ބައެއް މެންބަރުންނަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް މިދިޔަ ހަފްތާގައި ވަނީ ފޮނުވާފަ އެވެ.
އެ ރޭގެ އެއްވުމުން ހައްޔަރުކޮށް ދައުވާކުރަން ފުލުހުން އޭރު ފޮނުވި ހަތް މީހުންނަށް ދައުވާނުކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން އޮތީ ނިންމާފަ އެވެ.
އެ އެއްވުން ބޭއްވިތާ ފަސް މަސް ފަހުން، ބައެއްގެ މައްޗަށް ދައުވާކުރަން ފުލުހުން އަނެއްކާވެސް ފޮނުވާފައި މިވަނީ، ފުލުހުންގެ އިރުޝާދާ ހިލާފަށް މަޖީދީމަގުން އެއްވުން ކުރިއަށް ގެންދަން އުޅުނު މައްސަލާގަ އެވެ.
ބުނީ ކީކޭ؟ - ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ބާއްވާ ހިޔާލު ހޯދުމުގެ ވޯޓާ ދެކޮޅަށް އެމްޑީޕީން އެކުލަވާލާފައިވާ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފް ވިދާޅުވީ، އެމްޑީޕީން އެއްވުންތައް ކުރިއަށް ގެންދަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ.
"އެއްގޮތަކަށް ވެސް ސަރުކާރުން ހީކޮށްގެން ނުވާނެ އަޅުގަނޑުމެންގެ ބައެއް މެންބަރުން ނުވަތަ އަޅުގަނޑުގެ މައްޗަށް ދައުވާކޮށްގެން ފަހަތަށް ޖެއްސިދާނެ ކަމަށް. އެކަމެއް ﷲ އިރާދަކުރެއްވިއްޔާ ނުވާނެ. އަޅުގަނޑުމެން ހުރިހާ ކަމެއް ވެސް ކުރާނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް. އަދި ގާނޫނުން ލިބިދީފައިވާ ހައްގުތައް ބޭނުންކުރުމުގައި ފަހަށް ނުޖެހޭނެކަން ވެސް މި ފުރުސަތުގައި ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަން،" މައުރޫފް ވިދާޅުވި އެވެ.
ހިޔާލު ހޯދުމުގެ ވޯޓާ ދެކޮޅަށް މަސައްކަތްކުރާ ކޮމިޓީގެ ތަރުޖަމާނުކަން ވެސް ކުރައްވާ މައުރޫފް ވިދާޅުވީ، އެކަމުގެ ކެމްޕޭން ކުރިއަށް އޮތް ތަނުގައި އިތުރަށް ފޯރިގަދަވެ ވަރުގަދަވެގެންދާނެ ކަމަށާއި އެކަމަށްޓަކައި މާލޭގެ އިތުރުން، ރަށްރަށުގައި ވެސް ޕިކަޕް ބުރުތަކާއި ސައިކަލު ބުރުތައް ހިމެނޭހެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
މީގެ އިތުރުން، މި މަހުގެ 21ގައި ބާއްވާ ބޮޑު އެއްވުމަށް ވެސް ވަަރަށް ބޮޑަށް ތައްޔާރުވަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ގޮވާލަން މި ފުރުސަތުގައި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން މި ރައީސް [މުހައްމަދު] މުއިއްޒަށް ނޫނެކޭ ބުނުމަށްޓަކައި މި ލިބޭ ރަނުގެ ފުރުސަތުގެ ބޭނުން ހިފުމަށްޓަކައި އަޅުގަނޑުމެންނާ ބައިވެރިވެ 21 މާޗުގައި މާލެ ވަޑައިގަތުމަށް. މާލެ އަރައި، ހުދުމުހުތާރު ވެރިކަމާ [ދެކޮޅަށް] ދިވެހިންގެ މިނިވަންކަމުގެ ހައްގުގައި އަޅުގަނޑުމެންނާއެކު ބައިވެރިވެ މި އިހުތިޖާޖު ކުރިއަށް ގެންދިއުމަށް،" މައުރޫފް ވިދާޅުވި އެވެ.
ގުޅުންހުރި ކަމެއް - އެމްޑީޕީން މާލޭގައި އެއްވުމެއް ކުރިއަށް ގެންދަން ރާވަމުންދާ ދަނޑިވަޅަކާ ދިމާކޮށް، ކުރީގެ މުޒާހަރާއަކާ ގުޅިގެން އޭގެ މާ ފަހުން، އެމްޑީޕީގެ މެންބަރުންނަށް އަމާޒުކޮށް ދައުވާކުރަން އުޅޭތީ އެކަން އެމްޑީޕީން ވަނީ ކުށްވެރިކޮށްފަ އެވެ. އެ ޕާޓީން ބުނި ގޮތުގައި އެކަމަކީ، 21 މާޗުގެ މުޒާހަރާއަށް ބިރުދެއްކުމުގެ ގޮތުން ސަރުކާރުން ކުރާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ