ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމަށް ގޮންޖަހައި ގާނޫނީ ފިޔަވަޅު އެޅުމާ މެދު ވިސްނަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ވީ ކިހިނެއް؟ - އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު މިދިޔަ މޭ މަހު ވެފައިވާ އެއްބަސްވުމުގެ ދަށުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލި ނަމަވެސް، ކުރިއަށް އޮތް 99 އަހަރަށް ޑިއޭގޯ ގާސިއާ ބޭސް އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ޕައުންޑަށް ކުއްޔަށް ހިފުމަށް ވަނީ ނިންމާފަ އެވެ.
ނަމަވެސް، މި އެއްބަސްވުން އަދި ތަސްދީގެއް ނުކުރެ އެވެ.
ދިވެހި ސަރުކާރުން ވަނީ ނޮވެމްބަރު 2024 އަދި މިދިޔަ ޖެނުއަރީގައި ވެސް މިކަމާ ގުޅޭ ރަސްމީ ކަންބޮޑުވުންތައް އިނގިރޭސިވިލާތަށް ހުށަހަޅާފަ އެވެ.
ތަފްސީލް - ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބޭފުޅަކު އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫހަށް މިއަދު ވިދާޅުވީ، ސިޔާދަތީ ބާރު ބަދަލުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ ބައިނަލްއަގުވާމީ ގާނޫނީ އުސޫލުތަކުގެ މައްޗަށް އެކަށީގެންވާ މިންވަރަށް ބިނާވެފައިވާ ނިންމުމެއް ނޫން ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން، މިކަމުގައި ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ސަރުކާރުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ މިކަމާ ގުޅޭ ގާނޫނީ ދިރާސާއެއް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން. އަދި ބައިނަލްއަގުވާމީ ގާނޫނީ މާހިރުންނާއި ރާއްޖޭގެ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާކުރެވެމުންދޭ،" ތަރުޖަމާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް މައްސަލަ ހުށަހެޅުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
ރާއްޖޭގެ މި ވިސްނުމާ އެކު، މި އެއްބަސްވުމަށް އޮތް ފިއްތުންތައް ވަނީ ކުރިއަށް ވުރެ ބޮޑުވެފަ އެވެ.
ފާހަގަކޮށްލެވޭ - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެއްބަސްވުމަށް ނިންމުމަށް ފާޑުވިދާޅުވެ، ޗާގޯސްއަކީ އިނގިރޭސިވިލާތުން ވަކިކުރަންޖެހޭ ތަނެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އިނގިރޭސިވިލާތާ އެކު އެމެރިކާގެ އަސްކަރީ މަރުކަޒެއް ޑިއޭގޯ ގާސިއާގައި ހިންގާއިރު، ވޮޝިންޓަނުގެ ތާއީދާ ނުލާ މި އެއްބަސްވުން ކުރިއަށް ނުގެންދެވޭނެ ކަމަށް އިނގިރޭސި އޮފިޝަލުން ވެސް ގަބޫލުކުރެ އެވެ.
ގުޅުން ހުރި - މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޯސް ރަށްތަކުގެ މައްޗަށް ނެތް ކަމަށާއި އެ ޖަޒީރާ ލިބެން ޖެހޭނީ ރާއްޖެއަށް ކަމަށް ދިވެހި ސަރުކާރުން ބުނާތީ މޮރިޝަސްއިން ވަނީ ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލަން ނިންމާފަ އެވެ.
އެނގުން މުހިންމު - އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި 28 އޭޕްރީލް 2024ގައި ވަނީ، ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ އުތުރު ކަނޑުގެ ސަރަހައްދުގެ ފުށުއަރާ އިމުގެ ސަރަހައްދާ މެދު ވެސް ގޮތެއް ނިންމައިފަ އެވެ.
އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން:
ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު
މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު
ނަމަވެސް، އިދިކޮޅުގައި އޭރު ތިބި އަދި މިހާރު ވެރިކަން ކުރާ ޕީއެންސީން ތުހުމަތުކުރީ، އެ ހުކުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން މުހިންމު އަދި ބޮޑު ބައެއް ގެއްލިފައިވާ ކަމަށެވެ. ގެއްލުވާލި ކަމަށް ބުނާ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އިޓްލޮސްއަށް މައްސަލަ ހުށަހަޅަން މަސައްކަތްކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ބުނި ނަމަވެސް އެ މަސައްކަތް ކުރިއަށްދާ ތަނެއް ނުފެނެ އެވެ.
ދެކުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށް ވައުދުވެވަޑައިގަތުމުގެ އިތުރަށް ޗާގޯސްގެ ރަށްތައް ވެސް ހައްގުވަނީ ދިވެހިރާއްޖެއަށް ކަމަށް ބަޔާންކުރައްވައި ރައީސް މުއިއްޒު ވަނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.
އަދި އެ ރަށްތައް ހައްގުވަނީ މޮރިޝަސްއަށް ކަމަށް ވިދާޅުވެ އެ ގައުމުގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީ އަނބުރާ ގެންދެވިކަން ވެސް، ވެރިކަމަށް ދެ އަހަރު ފަހުން ރައީސް މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފައިވެ އެވެ. ނަމަވެސް އެ ސިޓީ އަނބުރާ ގެނައުމަށް ރައްޔިތުންގެ މަޖިލީހަކުން އަދި ނުނިންމަ އެވެ.
ޗާގޯސް ހޯދަން ރާއްޖޭން ގާނޫނީ ފިޔަވަޅު އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ