ދީނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ހޯދާ މީހަކު ޕީއެންސީއަށް ތާއީދު ކުރިޔަސް ޕާޓީއާ ގުޅުމެއް ނެތް: ޕީއެންސީ

އިސްލާމް ދީނަށް ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހަށް ހާޒިރުވާން އަންގާފައިވާ ޓިކްޓޮކްގައި މަޝްހޫރު އަހުމަދު އާމިރު, ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދު ކުރިނަމަވެސް އެ ޕާޓީއާއި އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް, ވެރިކަން ކުރާ ޕީއެންސީއިން މިއަދު ބުނެފިއެވެ. އާމިރު ގެންދަނީ ޓިކްޓޮކްގައި, ޕީއެންސީއިން މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ, މޫސާ އަލީ ޖަލީލަށް ތާއީދުކުރާކަން ހާމަ ކުރަމުންނެވެ. ޕީއެންސީއިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އާމިރަކީ އެ ޕާޓީއާ ރަސްމީ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން ކަމަށް ބުނެފައެވެ. އަދި އިސްލާމްދީނަށް ފުރައްސާރަކުރުން ފަދަ އަމަލުތައް އެ ޕާޓީއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ޕީއެންސީއިން ކޮށްފައިވާ ޕޯސްޓުގައި ވަނީ ބުނެފައެވެ. https://x.com/pnc_secretariat/status/2027998642720911522 ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި އިސްލާމް ދީނަށް ފުރައްސަރަކޮށް، ރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަމަށް ބޫރު އަރާ ފަދަ ވާހަކަދައްކާފައިވާ ކަމަށް ބުނެ ފުލުހަށް ހާޒިރުވާން އާމިރަށް އަންގާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ. ފުލުހުން ވަނީ އިސްލާމިކް މިނިސްޓްރީ ނައްތާލުމަށްވެސް އޭނާ ގޮވާލާފައި ވާކަމަށް ބުނެފައެވެ. އަދި އުޅޭ ވަކިތަނެއް ނޭނގޭތީ އެ މައްސަލައިގެ ތަހުގީގަށް ޗިޓު ހަވާލު ކުރެވިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. https://sun.mv/218320 އެހެންކަމުން އޭނާ، މި މަހުގެ 10 ވަނަ ދުވަހުގެ 16:00އަށް ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގްއަށް ހާޒިރުވާން ފުލުހުން ވަނީ އިއުލާން ކޮށްފައެވެ. އޭނާ އަކީ ޖަޕާނުގެ ރައްޔިތަކާ ކައިވެނިކޮށްގެން ޖަޕާނުގައި ދިރިއުޅެމުންދާ މީހެއްކަން އޭނާގެ ވީޑިއޯތަކުން އެނގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ