އިންސާނީ ވަގުފާރިއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ. ދުނިޔޭގެ 59 ގައުމެއް ހިމެނޭހެން ހިންގި މި އޮޕަރޭޝަނަކީ އިންސާނީ ވަގުފާރީގެ ނެޓްވޯކްތައް ނައްތާލުމަށް އެޅުނު ވަރުގަދަ ފިޔަވަޅެކެވެ.
އިންޓަޕޯލްއިން އިސްނަގައިގެން "އޮޕަރޭޝަން ގްލޯބަލް ޗެއިން" ގެ ނަމުގައި ހިންގި މި އޮޕަރޭޝަނުގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޖިންސީ ފުރައްސާރައާއި، މަޖުބޫރުން މަސައްކަތް ކުރުވުމާއި، ކުށްކުރުވުމުގެ އިތުރުން މަޖުބޫރުން ސަލާން ޖެއްސުވުމަށް މީހުން ބޭނުންކުރާ ނެޓްވޯކްތަކަށެވެ.
މި އޮޕަރޭޝަނުގެ ތެރެއިން، ކެމްބޯޑިއާގައި އޮންލައިންކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތްތަކުގައި މީހުން ބޭނުން ކުރަމުންދިޔަ ނެޓްވޯކަކާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަކުދިން ހޯދައިގެން ޔޫރަޕްގައި ޖިންސީ ވިޔަފާރިކުރުވަމުންދިޔަ ނެޓްވޯކެއް ވަނީ ރޫޅާލާފައެވެ.
ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެފައިވާ 2070 މީހުން ދެނެގަނެވިފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން 334 މީހުންނަކީ ސީދާ އިންސާނީ ވަގުފާރީގެ ކުށުގައި ހައްޔަރުކުރި މީހުންނެވެ. ބާކީ ތިބި 690 މީހުން ހައްޔަރުކޮށްފައިވަނީ އެއާ ގުޅުންހުރި އެހެނިހެން ކުށްތަކުގައެވެ.
އިންޓަޕޯލްއާއި ޔޫރަޕްގެ ފުލުހުންގެ އިދާރާ (ޔޫރޯޕޯލް) އަދި ބޯޑަރު ބަލަހައްޓާ އެޖެންސީ (ފްރޮންޓެކްސް) ގުޅިގެން ހިންގި މި މަސައްކަތުން އެނގުނު ގޮތުގައި، އިންސާނީ ވަގުފާރި ކުރާ ފަރާތްތަކުން ދަނީ އައު މަގުތަކާއި އުކުޅުތައް ބޭނުންކުރަމުންނެވެ. ހާއްސަކޮށް، ލެޓިން އެމެރިކާގެ މީހުން ޔޫރަޕަށް ގެންގޮސް މަޖުބޫރުން މަސައްކަތް ކުރުވުމުގެ އައު އޮއިވަރެއް ފާހަގަކުރެވިފައިވާ ކަމަށް އެ އިދާރާތަކުން ބުނެއެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ކޮލަމްބިއާގައި ވަނީ ބޭރު ގައުމުތަކުން ލިބޭ އޮޅުވާލުން ބޮޑު ވަޒީފާގެ ފުރުސަތުތަކަށް އާންމުން ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް އެއަރޕޯޓްތަކުގައި ފަށާފައެވެ. އަދި ކެމްބޯޑިއާއަށް ބްރެޒިލްގެ ފެޑްރަލް ފުލުހުން ފޮނުވައިގެން އޮންލައިންކޮށް މަކަރާއި ހީލަތް ހިންގުމުގައި ބޭނުން ކުރަމުންދިޔަ 406 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.
މީގެ އިތުރުން، އާޖެންޓީނާގެ ފުލުހުން ވަނީ ފިހާރައެއްގައި މަޖުބޫރުން މަސައްކަތް ކުރުވަމުންދިޔަ ބޮލީވިއާގެ ދެ ކުޑަކުދިން ސަލާމަތްކޮށްފައެވެ. އަދި ބެލްޖިއަމްގައި ސޯޝަލް މީޑިއާ މެދުވެރިކޮށް އަންހެނުން ހޯދައި، އެ މީހުން ބަންދުކޮށްގެން ފަރަންސޭސިވިލާތާއި ބެލްޖިއަމްގައި ހަށިވިއްކުމުގެ ވިޔަފާރިކުރުވަމުންދިޔަ 17 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ޖޫން މަހުގެ 8 އިން 12 އަށް ކުރިއަށްދިޔަ މި އޮޕަރޭޝަނުގައި އެފްރިކާ، އެމެރިކާ، އޭޝިއާ އަދި ޔޫރަޕްގެ 40000 ފުލުހުން ބައިވެރިވިއެވެ. މި އޮޕަރޭޝަނުން ދެއްކި ގޮތުގައި، ގިނަ މީހުން އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވަނީ ޖިންސީ އެދުންވެރިކަން ފުއްދުމަށެވެ.
އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި، އިންސާނީ ވަގުފާރިއަކީ އަހަރަކު އެތައް ބިލިއަން ޑޮލަރެއްގެ ނަފާ ހޯދާ، އިންސާނިއްޔަތާ ހިލާފު ބޮޑު ކުށެކެވެ. މިފަދަ ކުށްތަކުގެ ސަބަބުން މީހުންނަށް އުމުރަށް ދެމިގެންދާ ފަދަ ނަފްސާނީ އަދި ޖިސްމާނީ ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށާއި، މިފަދަ ކުށްވެރި ނެޓްވޯކްތައް ހުއްޓުވޭނީ ބައިނަލްއަގުވާމީ ފެންވަރުގައި އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށް އޭނާ ވިދާޅުވިއެވެ.
ވަގުފާރިއާ ދެކޮޅަށް ހިންގި ޕަރޭޝަނެއްގައި އެއްހާސް މީހުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ