ގަދަ 16 ގައި ސްޕެއިން އަތުން ބަލިވެ، ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑް ކަޕް ހުވަފެން ނިންމާލަން ޖެހިއްޖެއެވެ.
ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ކުޅުނު މި މެޗުގައި ސްޕެއިނުން ވަނީ ފަހުވަގުތު ޖެހި ގޯލުން 1-0 ގެ ނަތީޖާއަކުން ޕޯޗުގަލް ބަލިކޮށް، ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައެވެ. މިއީ ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯ ކުޅޭނެ ފަހު ވޯލްޑް ކަޕްކަން އޭނާ ވަނީ އިއުލާންކޮށްފައެވެ. އެހެންކަމުން އޭނާއަށް ވޯލްޑް ކަޕް ނިންމާލަން މި ޖެހުނީ ވޯލްޑް ކަޕްގެ ތައްޓެއް ނުލިބިއެވެ.
މެޗުގެ ކުރީކޮޅުގައި ސްޕެއިނަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޑެނީ އޮލްމޯ ދިން ބޯޅަ ހިފައިގެން ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މިކެލް އޮޔާޒަބާލް ފޮނުވާލި ހަމަލާ ދިޔައީ ޕޯޗުގަލް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
އޭގެ ފަހުން ވެސް ސްޕެއިނަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއިން ލަމީން ޔަމާލް ފޮނުވާލި ހަމަލާ އަދި ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން އެލެކްސް ބައޭނާ ފޮނުވާލި ހަމަލާ ވެސް ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައެވެ.
ފުރަތަމަ ހާފު ނިމެނިކޮށް ޕޯޗުގަލަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޖައޯ ފީލިކްސް ފޮނުވާލި ހަމަލާ އަދި ރީބައުންސް ބޯޅައިން ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހަމަލާ ވެސް ސްޕެއިން ކީޕަރު އުނައި ސިމޮން ވަނީ މަތަކޮށްފައެވެ. އަދި އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ނޫނޯ މެންޑޭޒް ފޮނުވާލި ބާރު ހަމަލާއެއް ސްޕެއިން ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ޕޯޗުގަލުން މެޗުގެ ކޮންޓްރޯލު ހޯދުމަށް މަސައްކަތްތަކެއް ކުރިއެވެ. ދެ ޓީމުން ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ހުސް ފުރުސަތުތައް ތަނަވަސްކުރުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ.
މެޗުގައި ސްޕެއިނުން ގޯލު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ފެރާން ޓޮރޭސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މިކެލް މެރީނޯއެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް ރޮނާލްޑޯގެ ވޯލްޑް ކަޕް ހުވަފެން ބިލާހަކަށް، ސްޕެއިން ކުއާޓާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ