ސިޔާސީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކޮށް، ހަރަދުތައް ކުޑަކުރަންޖެހޭ: ފައިސަލް

މިހާރު އިސްރާއީލާއި އެމެރިކާ އަދި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ހާލަތުވެސް ނާޒުކު ފައްތަރެއްގައި އޮތްއިރު ހަމައެކަނި ފަތުރުވެރިން އިތުރުވާނެ ކަމުގެ އުންމީދުގައި ނުތިބެ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފިއެވެ.
ފައިސަލް ވިދާޅުވީ ކުރިއަށް އޮތީ ކިހާ ދަތި ދުވަސްތަކެއްކަން ދެނެގަންނަންވެސް މިވަގުތު އުނދަގޫ ކަމަށާއި، މި ދަނޑިވަޅަކީ ސިޔާސީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރަންޖެހޭ ވަގުކަމަށެވެ.
ރާއްޖެއަކީ ކާބޯތަކެއްޗާއި، ތެލާއި ބޭސް ފަދަ އަސާސީ ހުރިހާ އެއްޗަކަށް ބޭރުގެ ގައުމުތަކަށް ބަރޯސާވެފައި އޮތް ތަނަކަށް ވުމުން، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމަކީ ރާއްޖޭގެ ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ވަގުތުން ކުރާނެ ކަމެއްކަން ފައިސަލް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި މެދުކެނޑުމެއްނެތި ލިބޭނެ ގޮތް ސަރުކާރުން ކަށަވަރުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ފަތުރުވެރިންގެ އަދަދު ދަށްވަމުންދާ ދަނޑިވަޅެއްގައި، ޔޫރަޕްގެ ހޫނު މޫސުން ކުރިއަށް އޮތުމުން އާމްދަނީ އިތުރަށް ދަށްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ހަމައެކަނި ފްލައިޓުތައް އިތުރުވާނެ ކަމުގެ އުންމީދުގައި މަޑުން ތިބުމުގެ ބަދަލުގައި، މިހާރު ލިބޭ އާމްދަނީން ދައުލަތުގެ ހަރަދުތައް ދެކޮޅު ޖެއްސޭނެ ގޮތެއް ހޯދަން މަޖުބޫރުވެފައިވާ ކަމަށެވެ.
ހާއްސަކޮށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން އިތުރުކުރަމުންދާ ސިޔާސީ ވަޒީފާތަކާއި ބޭކާރު ހަރަދުތައް ވަގުތުން ހުއްޓާލުމަށް ފައިސަލް ބާރުއެޅުއްވިއެވެ. އިންތިހާބުތައް ބާއްވާއިރުވެސް އެންމެ ހަރަދު ކުޑަ ގޮތްތައް އިހްތިޔާރުކުރަން ޖެހޭ ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދީ، އިހުލާސްތެރިކަމާއެކު ހަރަދު ކުޑަކުރަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ