ހަނގުރާމައާ ގުޅިގެން ނޭޕާލްގައި މަސައްކަތްކުރާ ދުވަސްތައް މަދުކޮށްފި

އެމެރިކާ އާއި ޔަހޫދީ އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ފެށިފައިވާ ހަނގުރާމައާ ގުޅިގެން ނޭޕާލްގައި މަސައްކަތްކުރާ ދުވަސްތައް މަދުކޮށްފި އެވެ.
ނޭޕާލްގެ ސިވިލް ސާވަންޓުންނަށް މީގެ ކުރިން ހަފުތާ ބަންދު ދުވަހެއްގެ ގޮތުގައި ލިބެނީ ހޮނިހިރު ދުވަސް އެކަންޏެވެ. ނަމަވެސް ނޭޕާލްގެ ސަރުކާރުން އެޅި މި ފިޔަވަޅާއެކު ނޭޕާލްގައި މަސައްކަތް ކުރާނީ ހޯމަ އިން ހުކުރު ދުވަހަށް، ހަފުތާއަކު ފަސް ދުވަހެވެ. ހޮނިހިރު އަދި އާދީއްތަ ބަންދުވާނެ އެވެ.
ނޭޕާލްގެ ކެބިނެޓުން އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހު މަސައްކަތްކުރާ ދުވަސް މަދުކުރަން ނިންމީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، ތެޔޮ ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
އެގޮތުން މި ނިންމުމާއެކު ގައުމުގެ އެކި ސަރަހައްދުތަކުގައި ދަތުރުފަތުރުކުރާ މިންވަރު މަދުވެ، ތެޔޮ ބޭނުންކުރާ މިންވަރު ދަށްވުމުގެ އިތުރުން ތެޔޮ އެތެރެކުރުމަށްޓަކައި ދައުލަތުން ކުރަންޖެހޭ ބޮޑު ހޭދަ ކުޑަވާނެ އެވެ.
ނޭޕާލަށް ބޭނުންވާ ހުރިހާ ތެލެއް އެތެރެކުރަނީ އިންޑިއަން އޮއިލް ކޯޕަރޭޝަން މެދުވެރިކޮށެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބުރޫއަރައި، އިންޑިއާއަށް ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ