މަގޫދޫ ރައީސް ކަމުގައި ހުރެފައި ވަހީދު މި ހޯދީ މަކުނުދޫގެ ރައީސްކަން

ލާމަރުކަޒީ ގާނޫނުގެ ތާރީހުގައި ވެސް މިއީ މި ފަދަ ފުރަތަމަ ބަދަލެވެ؛ އެއް ރަށެއްގެ ކައުންސިލްގެ ރައީސް ކަމުގެ މަގާމުގައި ހުރެ، އެހެން ރަށެއްގެ ކައުންސިލަށް ވާދަކޮށް ކާމިޔާބުކުރުމެވެ.
ފ. މަގޫދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމުގައި މިހާރު ހުންނެވި އަބްދުﷲ ވަހީދު ވަނީ، ހދ. މަކުނުދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވައި، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި ބޮޑު ތަފާތަކުން ކުރި ހޯއްދަވާފަ އެވެ. އޭނާ އަކީ މިދިޔަ ތިން ދައުރު ވެސް މަގޫދޫގެ ރައީސެވެ. ފ. އަތޮޅު ކައުންސިލްގެ ނައިބު ރައީސެވެ.
"މަގޫދުއަށް އަޅުގަނޑަށް ވަރަށް ގިނަ ކަންތައްތައް ކޮށްދެއްވިއްޖެ. ބޮޑެތި ކުރިއެރުންތައް ގެނެސްދެވިއްޖެ. ދެން ހިތަށް އެރީ މި ނިޒާމުގައި ހުރި ފޮނިމީރުކަން އެހެން ރަށަކަށް ވެސް ގެނެސްދިނުމަށް މަސައްކަތް ކުރަން ވެއްޖެއޭ،" ވަހީދު ވިދާޅުވި އެވެ.
"މަކުނުދޫއަކީ އަޅުގަނޑުގެ އަނބިމީހާގެ ރަށް. އެހެންވެ، އެ ރަށް ހިޔާރުކުރީ."
ކުރި ހޯދީ %65 ވޯޓުން، މިއީ ވެސް ރެކޯޑެއް
އިންތިހާބުގެ ކުރިން ވަހީދަކީ މަކުނުދުއަށް ބީރައްޓެއްސެކެވެ. އަނބިމީހާގެ ރަށްކަމުގައި ވިޔަސް، އޭނާގެ އާއިލާ އަބަދުވެސް ދިރިއުޅެނީ މަގޫދޫގަ އެވެ. އެހެންވެ، ބީރައްޓެއްސެއްގެ ގޮތުގައި ހުރެ އެހެން ރަށެއްގެ އިންތިހާބެއްގައި ވާދަކުރެއްވުމަކީ ވެސް ހަގީގަތުގައި ވެސް އޭނާ ނެންގެވި ބޮޑު ރިސްކެކެވެ.
އެކަމަކު ވަހީދު ގަބޫލު ކުރެއްވި ގޮތުގައި މަގޫދުއަށް އޭނާ ގެނެސްދެއްވި ކުރިއެރުންތައް މަކުނުދުއަށް 'ވިއްކިއްޖެ' ނަމަ ކާމިޔާބު ހޯދުމަކީ މާއުނދަގޫ ކަމެއް ނޫނެވެ. ނަތީޖާ ނުކުތީ ވެސް އެހެންނެވެ. އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި މަކުނުދޫގެ ކައުންސިލްގެ ރައީސް ކަމަށް އޭނާ ވާދަ ކުރައްވައި ކުރި ހޯއްދެވީ %65 ވޯޓުންނެވެ. މިއީ ހދ. އަތޮޅުގެ ރަށެއްގައި ކައުންސިލްގެ ރައީސްކަމަށް މިހާގިނައިން ވޯޓު ލިބުނު ފަހަރު ވެސް މެ އެވެ.
ދެން އުފެދޭ ސުވާލަކީ މަގޫދުއަށް އޭނާ ހޯއްދަަވައި ދެއްވި ކުރިއެރުމަކީ ކޮބައިތޯ އެވެ؟
"ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލް މާލީ ގޮތުން ބާރުކުރެވިއްޖެ. އެއީ އެންމެ ބޮޑު ކަންތައް."
"މިހާރު އެއީ [ސަރުކާރަށް] ބަރޯސާ ނުވެ، އަމިއްލައަށް ހިންގޭ ވަރުގެ މާލީ ގާބިލިއްޔަތުކަން ހުރި ތަނެއް." ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިންވެރިކަމުގެ ބާރު ކައުންސިލްތަކަށް ލިބުމާއެކު މިހާރު އެ ރަށުގައި އިންޓަގްރިޓީ ޓޫރިޒަމް ފަށާފައިވާ ކަމަށެވެ. ބޭރު ގައުމަކާ އެކު މަގޫދޫގައި ސިޓީ ހޮޓަލެއް އެޅުމުގެ މަސައްކަތް ކުރިއަށް ދާއިރު، މިހާރު ވެސް ކައުންސިލުން ހިންގާ ދެ ގެސްޓްހައުސް ހުރެ އެވެ. އިޓަލީގެ ޔުނިވަސިޓީގެ ގޮތްޕެއް މަގޫދޫގައި ހިންގާތާ 14 އަހަރު ވެއްޖެ އެވެ. މަޝްހޫރު ފުޓުބޯޅަ ކްލަބް، އިންޓަމިލާންގެ އެކަޑަމީއެއް އެ ރަށުގައި ހުރެ އެވެ. އެހެން ހުރިހާ ކަމަކަށް ވުރެ ރަށުގެ ތައުލީމު ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރި އެވެ.
"މިދިޔަ އަހަރު ވެސް އަޅުގަނޑުމެން ރަށުގެ ސްކޫލަށް ހަރަދުކުރިން ހަތަރު މިލިޔަން ރުފިޔާ،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފައިފި ނަމަ އެތައް ގޮތަކުން ރަށަށް ތަރައްގީ ގެނެވިދާނެ ނިޒާމެއް ކަމަށެވެ. އެކަމަކު އެ ނިޒާމަށް މީހުން މާބޮޑަށް އިތުބާރު ނުކުރާ ކަމަށާއި މައްސަލައަކީ ވެރިންނަށް އަންނަ މީހުންނަށް އޭގެ ބޭނުން ހިފަން ނޭނގުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވީ މި ނިޒާމުގެ ފައިދާ އެހެން ބަޔަކަށް ވެސް ގެނެސްދެވޭތޯ މަސައްކަތްކޮށްދޭން،" ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑު އަނބިދަރިން ދިރިއުޅޭނީ މަގޫދޫގައި. އެހެންވެ، ނިޒާމަށްޓަކައި ވި ވަރަށް ބޮޑު ގުރުބާނީއެއް މިއީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ