13 މިލިއަން ރުފިޔާގެ 'މާލެ ޓެކްސީ' އެޕް: ހިޔާނާތުގެ ގޮޅިއަށް ފެތޭ

ލޯކަލް ކައުންސިލް އިންތިހާބަށް 72 ގަޑިއިރަށް ވެފައި އޮއްވާ އެމްޓީސީސީއިން ކުލަ ގަދަ ރަސްމިއްޔާތެއްގައި ނެރުނު "މާލެ ޓެކްސީ" އެޕާ ގުޅޭގޮތުން ފެންމަތިވެފައި މި ވަނީ އާދައިގެ ވާހަކަތަކެއް ނޫނެވެ.
ސޯޝަލް މީޑިއާގެ ހަރަކާތްތެރިން ކަމަށްވާ މިދުއަމް ސައުދާއި ރާއްޖޭގެ ޑިވަލޮޕަރުންގެ ކޮމިޔުނިޓީގެ ފަރާތްތައް ފަޅާއަރުވާލި ވާހަކަތައް ބަލައި ހޯދައި އިތުބާރުހުރި މަސްދަރުތަކުން ކަށަވަރުކުރުމުން ސީރިއަސް ކަންތައްތަކެއް ފެންމަތިވެ އެެވެ.
އެ މުއާމަލާތުގެ ތެރެއިން ހިންގާފައިވާ ގިނަ ކަންކަން ފެތެނީ ހިޔާނާތުގެ ގޮޅިއަށެވެ. އަދި ވަށައިގެން ހުރި ގިނަކަންކަމަށް ބަލެލުމުން ފެންނަ ތުހުމަތުގެ މަންޒަރަކީ، އެ މުއާމަލާތަކީ ނިމިދިޔަ އިންތިހާބުގައި ސަރުކާރު ޕާޓީ، ޕީއެންސީގެ ކެމްޕޭނަށް ފައިސާ ހޯދުމަށް ހިންގި މުއާމަލާތެއް ކަމެވެ.
މި ޕްރޮޖެކްޓްގެ ބިޑް ހުޅުވާލާފައިވަނީ ހަމައެކަނި "ދައުވަތު ދެވުނު ސަޕްލަޔަރުންނަށް" އެކަނި ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ. ރާއްޖޭގެ ބޮޑެތި ޓެކް ކުންފުނިތަކަށް މި ބިޑުގައި ބައިވެރިވުމުގެ ފުރުސަތު ދީފައި ނުވާއިރު، އެފަރާތްތަކަށް ދައުވަތު ވެސް ދީފައެއް ނުވެ އެވެ. އެ ހިސާބުން މި ޕްރޮޖެކްޓުގެ ފެށުމާ މެދު ސުވާލު އުފެދެ އެވެ.
މާލޭގައި ޓެކްސީ ހިދުމަތް ފަށަން އެމްޓީސީސީއާ ސަރުކާރުން ހަވާލުކޮށް މިދިޔަ އަހަރުގެ ފެބުރުއަރީގައި ވަނީ އެގްރިމަންޓުގައި ސޮއިކޮށްފަ އެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން ޓެކްސީގެ ހިދުމަތް އެމްޓީސީސީން ފެށިއިރު އެޕް ހެދުމަކީ އަވަސްކޮށްލައިގެން އެމަޖެންސީ މަސައްކަތެއްގެ ގޮތުގައި ކުރަން ޖެހޭނެ ކަމެއް ނޫނެވެ. އަދި އެކަން އެގޭނީ ވެސް ހިދުމަތް ފަށަން ކުޑަތަން ވީމައެއް ނޫނެވެ. ހުޅުވާލެވިފައިވާ ވާދަވެރި ބީލަމެއްގެ ތެރެއިން އެކަން ކުރުމުގެ ފުރިހަމަ ވަގުތާއި ފުރުސަތު އެމްޓީސީސީއަށް އޮތެވެ. 
އެޕް ހަދަން ހަވާލުކުރި، "ފިކްސްޑް މޯލްޑިވްސް" އަކީ އެޕް އަދި ވެބް ޑިވެލޮޕްމަންޓްގެ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏެކެވެ. އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރި ދަފްތަރުން ދައްކާ ގޮތުން، މިއީ ހދ. ނޮޅިވަރަންފަރު، ޑޭޒީމާގޭ، އިބްރާހިމް އަބްދުﷲ ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރިއެއް ނުވަތަ ސޯލް ޕްރޮޕަރައިޓާ ޝިޕެކެވެ. އެފަރާތުގެ ވެބްސައިޓުގައި ހުރި މައުލޫމާތުތަކަށް ބަލާއިރު އެއީ ނެޓްވޯކިން ހިދުމަތާއި ސީސީޓީވީ ކެމެރާ ފަދަ ވިޔަފާރިތަކަށް ބޭނުންވާ އައިޓީ އެކި ސާމާނު ފޯރުކޮށްދޭ ކުންފުންޏެކެވެ.
މިކަމުގައި އެންމެ ބޮޑަށް ސުވާލު އުފެދޭ ކަމަކީ، އެމްޓީސީސީގައި މި ޓެންޑަރުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކުންފުނީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ އިސްވެރިއެއް ކަމަށްވާ، ޖެނެރަލް މެނޭޖާ އަބްދުﷲ ފާރިޝް ހުސައިން އަކީވެސް ހަމަ ހދ. ނޮޅިވަރަންފަރު، ޑޭޒީމާގޭ އަށް ނިސްބަތްވާ ފަރާތަކަށް ވުމެވެ. އެހެންކަމުން މިއީ އާއިލީ ގޮތުން ގުޅުން އޮތް ނުވަތަ ތިމާގެ ކަމެއް އޮތް ފަރާތްތަކެކެވެ. އެހެންކަމުން ފިކްސްޑް މޯލްޑިވްސް އާއި ފާރިޝްއާ ދެމެދު މަސްލަހަތު ފުށުއެރުންތަކެއް އެބައޮތެވެ.
މީގެ ކުރިން މިފަދަ އެތައް އެޕްތަކެއް ހަދާފައިވާ އަދި މިހާރު ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި މަސައްކަތްކުރާ ދިވެހި ގިނަ ވެބް ޑިވަލޮޕަރުން ފާހަގަކުރާ ގޮތުގައި އޫބާ އަދި ގްރެބް ފަދަ ފެންވަރު ރަނގަޅު ޓެކްސީ އެޕެއް ހަދަން އެންމެ ބޮޑުކޮށް ވެސް ހަރަދު ވާނީ 200،000 ޑޮލަރު (2 މިލިއަނެއްހާ ރުފިޔާ) އެވެ. އެހެން ނަމަވެސް އިތުބާރުހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި އެމްޓީސީސީން ފިކްސްޑް މޯލްޑިވްސްއަށް އެ މަސައްކަތް ހަވާލުކުރި އެގްރިމަންޓުގެ ޖުމްލަ އަގު 13 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެ ކުންފުނިން އެ އެޕްގެ ޓެކްނިކަލް ކަންކަން ބެލެހެއްޓުމަށް މަހުން މަހަށް އަގު ދައްކަން ޖެހޭ ފަދަ މާއްދާތަކެއް އެ އެގްރިމަންޓުގައި ހުރިކަން ވެސް ވަނީ ކަށަވަރުވެފަ އެވެ.
މީގެ އިތުރަށް، އެ އެޕްގެ ކަންކަން ކުރިއަށް ގެންދިޔައީ އެމްޓީސީސީގެ އައިޓީ ޑިޕާޓްމަންޓަށް ވެސް މާ ބޮޑެތި މައުލޫމާތުތަކެއް ނުދީކަން އެ ކުންފުނީގެ އެކި މަސްދަރުތަކުން ބުންޏެވެ. އަދި އެ އެޕް ނެރުމުގެ ކުރިން ސަލާމަތީ އޮޑިޓެއް އަދި ރަނގަޅު ޓެސްޓިން މަރުހަލާއެއް ކުރިއަކަށް ނުގެންދާކަން ވެސް ކަށަވަރުކުރެވުނެވެ.
ޓެކްސީ ހިދުމަތް ފެށުމަށް ބޭއްވި ހަފްލާގައި އެ އެޕް، އެޕް ސްޓޯރާއި ޕްލޭ ސްޓޯރުގައި ނެރެވިފައެއް ނުވެ އެވެ. އޭގެ ބަދަލުގައިި ނެރުނީ ވެބްސައިޓެކެވެ. ނަމަވެސް ކަށަވަރުކުރެވިފައިވާ ގޮތުގައި ފިކްސްޑް މޯލްޑިވްސްއަށް ދެ ފަހަރެއްގެ މަތިން އެގްރިމަންޓުގައި ބުނާ ބައެއް ފައިސާ ދައްކާފައިވެ އެވެ. މައުލޫމާތުދިން މަސްދަރުތަކުން ބުނީ އެއީ ގާތްގަނޑަކަށް 2 މިލިއަނެއްހާ ރުފިޔާ ކަމަށެވެ. 
މީގެ އިތުރުން، ފެންނަން ހުރި ހެކިތަކަށް ބަލާއިރު މި އެޕްގެ ކޯޑް ލިޔުމުގައި އަމަލީގޮތުން ލަންކާގެ ފަރާތްތަކަކުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި:
 ލަންކާގެ "ފޯސިވާ" ކުންފުނީގައި މަސައްކަތްކުރާ ޑިވެލޮޕަރެއް ކަމަށްވާ ތިލާން ތީކްޝަނާ ހިމެނޭ. 
ފުލުސް އޮފީހުގައި މަސައްކަތްކުރާ ސައިބަ ސެކިއުރިޓީ ސްޕެޝަލިސްޓެއްކަމަށް ބުނާ، އިސްމާއީލް ހަސަން، ހއ. ހޯރަފުށި (ކޯޑް ނަން "ގޯސްޓް") ބައިވެރިވެފައިވޭ.
މި މީހުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު މާލޭގައި ބައްދަލުކޮށްފައިވޭ. 
ތިލާންގެ ފޭސްބުކްގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި އިސްމާއިލް ހަސަން އާއި އެހެން ބަޔަކު ޑެސްކެއްގެ ކައިރީގައި ތިބެ ޓެކްސީ އެޕްގެ ޑްރައިވަރުންގެ މައުލޫމާތު ދައްކާނެ ގޮތަކާމެދު މަޝްވަރާކުރާ މަންޒަރު ފެނޭ.
މި އެޕްގެ ކޯޑް ލިޔުމުގައި ފުލުހުންގެ ބަޔަކު ބައިވެރިވެފައިވާއިރު އެމްޓީސީސީގެ މިހާރުގެ ސީއީއޯ އަހުމަދު ސައުދީ އަކީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު އަދާކޮށްފައިވާ ފުލުހެކެވެ. އާންމުންގެ ޒާތީ މައުލޫމާތު އަދި މީހާ ހުންނަ ތަން ވަގުތުން އެނގޭ މިފަދަ އެޕެއް ހެދުމުގައި ފުލުހުންތަކެއްގެ ބައިވެރިވުން ގިނަވުމަކީ އާންމުންގެ ޒާތީ މައުލޫމާތު ހިމާޔަތްކުުރެވޭނެ މިންވަރާ މެދު ސުވާލު އުފެދޭ ކަމެކެވެ.
ރާއްޖޭގެ ޑިވަލޮޕަރުން ކޮމިޔުނިޓީގައި ނަގާ ކިޔާ ފިޝީ ފަދަ ސެކިއުރިޓީ ރިސާޗަރުންގެ ހޯދުންތަކުން މި އެޕްލިކޭޝަންގެ ސެކިއުރިޓީ އިންތިހާއަށް ދަށްކަން ވަނީ ހާމަވެފަ އެވެ. އެގޮތުން، މި އެޕަށް ވަންނަ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ލީކުވަމުންދިޔަ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އަދި ފަސޭހައިން ރަންކޮށްލެވޭ ސްކްރިޕްޓެއް މެދުވެރިކޮށް އެއްވެސް ހުރަހަކާ ނުލާ މި އެޕްގެ މައުލޫމާތުތައް ބަހައްޓާ، ފަޔަބޭސް ޑޭޓާބޭސް ފޫއަޅުވާ ލެވޭ ގޮތަށް ހުރުމުގެ ސަބަބުން، ޔޫސަރުންގެ މައުލޫމާތު ހިމެނޭ ތާވަލްތައް ވަނީ ސޯޝަލް މީޑިއާއަށް އާންމުވެފަ އެވެ.
އެންމެ ނުރައްކާ ކަމަކީ މި އެޕްގައި ރަޖިސްޓްރީ ކުރާ މީހުންގެ އައިޑީ ކާޑުތައް ވެސް ޑޭޓާބޭސްގެ ތެރެއިން ލީކުވެފައިވުމެވެ. އަދި މި ޕްރޮޖެކްޓްގައި މަސައްކަތްކުރި އިސް ޑިވަލޮޕަރު، އިސްމާއިލް ހަސަންގެ އައިޑީ ކާޑް ވެސް ވަނީ މި އެޕްފެ ޑޭޓާބޭސްގެ ތެރެއިން ލީކުވެފަ އެވެ. އަދި މި އެޕް އެންމެ ފުރަތަމަ ވެބްސައިޓެއް ގޮތަށް ނެރުނުއިރު، ސަލާމަތީ ގޮތުން ބޭނުންކުރާ އޯޓީޕީ ނިޒާމު ވެސް ރަނގަޅަށް މަސައްކަތެއް ނުކުރެ އެވެ. އެފަދަ މައްސަލަތައް ކުރިމަތިވެފައި ވަނީ ކޯޑް ލިޔުމުގެ ދޯދިޔާ ކަމުންނާއި މިފަދަ އެޕެއް ނެރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ޓެސްޓިން މަރުހަލާ ފުރިހަމަކޮށްފައި ނުވާތީ އެވެ.
އެކްސްގައި އެކަންކަން ފަޅާއަރުވާލުމާ އެކު ޑޭޓާބޭސްގައި ހުރި އެކަންކަން ވަނީ ފަހުން ރަނގަޅުކޮށްފަ އެވެ.
މި އެޕްލިކޭޝަން ހޯސްޓްކޮށްފައިވަނީ އެޕް ހެދުމަށް ޑިފޯލްޓްކޮށް ބޭނުންކުރާ ޕްލެޓްފޯމް ފަޔަބޭސްގަ އެވެ. ވެބް ޑިވެލޮޕްމަންޓް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި މިއީ މިފަދަ ޓެކްސީ އެޕަކަށް އެންމެ އެކަށީގެންވާ ގޮތެއް ނޫނެވެ. ސަބަބަކަކީ ފަޔަބޭސް އަކީ ބޭނުންކުރާ ވަރަކަށް ފައިސާ ދައްކަންޖެހޭ ހިދުމަތަކަށް ވާއިރު، ޓެކްސީ ފަދަ ހިދުމަތެއް ދޭ އެޕެއްގައި ދުވަހެއް ދުވަހަކަށް ބޭނުންކުރާ މީހުން ގިނަވަމުން ދާއިރު ދިގު މުއްދަތެއްގައި ހަރަދު ވަރަށް ބޮޑުވާނެތީ އެވެ. އަދި މީގެ އިތުރުން އެތައް ރައްޔިތެއްގެ ޒާތީ މައުލޫމާތުތައް ރާއްޖެއިން ބޭރުގެ ޑޭޓާބޭސްއެއްގައި ރައްކާކުރުމަކީ ސަލާމަތީގޮތުން ރަނގަޅު ކަމެއް ނޫން ކަމުގައި އެބޭފުޅުން ފާހަގަކުރެ އެވެ.
"މާލެ ޓެކްސީ" މި ނަމަކީ 9 މާރިޗު 2015 އިން ފެށިގެން 'ޓަވިޔަނި ޕްރައިވެޓް ލިމިޓެޑް' ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ނަމެކެވެ. އެއީ ރާއްޖޭގައި އެންމެ ފުޅާކޮށް ޓެކްސީ ހިދުމަތްދޭ އެޕް، އަވަސް އެޕް ވެސް ހިންގާ ކުންފުންޏެވެ. އެކަން އެ ކުންފުނިން 28 މާރިޗު 2026ގައި ވަނީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ ސަމާލުކަމަށް ގެނެސް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި އެ ނަން ބޭނުންކުރުން ހުއްޓާލުމަށް އަންގާފައިވެ އެވެ. ނަމަވެސް އެމްޓީސީސީން ވަނީ މިކަމަށް ބެލުމެއްނެތި ކާރުތަކުގައި އެ ނަން ވަނީ ޖަހާފަ އެވެ. އެހެން ކުންފުންޏެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ނަމަކަށް ޑޮމެއިން ދޫކުރުމަކީ ވެސް މި މައްސަލައިގެ ތެރެއިން ފާހަގަކޮށްލެވޭ ކަމެކެވެ.
މި މުއާމަލާތުގައި ހިމެނޭ ތުހުމަތުތަކާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީގެ ބަހަކަށް އެދުމުން އެކަމުގައި އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އަދި މިކަމުގައި ތުހުމަތުވާ އެހެން ފަރާތްތަކުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވެސް ކާމިޔާބުވެފައެއް ނުވެ އެވެ. މީގެ އިތުރުން އެމްޓީސީސީގެ މީޑިއާ އޮފިސަރާއި މީޑިއާ ގްރޫޕްގައި ވެސް ކޮމެންޓެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް ކޮމެންޓެއް ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ