އިންޑިއަން ކައުންސިލް ފޯ ކަލްޗްރަލް ރިލޭޝަންސް (އައިސީސީއާރު) އިން ކޮންމެ އަހަރަކު ވެސް ދޭ އައިސީސީއާރު ސްކޯލާޝިޕުގެ 20 ފުރުސަތު މިއަހަރު ވެސް ރާއްޖޭގެ ދަރިވަރުންނަށް ހުޅުވާލައިފި އެވެ.
ތަފްސީލް - އެކި ދާއިރާތަކުން ބެޗެލާސް ޑިގްރީ ހާސިލް ކުރުމަށް ހުޅުވާލާފައިވާ މި ފުރުސަތުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15އާ ހަމައަށް އޮންނާނެ އެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އެކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށެވެ. އަންޑަގްރެޖުއޭޓު ސްކޮލާޝިޕްތަކުގައި ކިޔެވުމުގެ ފުރުސަތު އޮންނާނީ 35 އަހަރުން ދަށުގެ ދަރިވަރުންނަށެވެ.
މި ފުރުސަތުގެ ދަށުން އިންޑިއާގެ އެކި ސިޓީތަކުގައި ހިންގާ، އެ ގައުމުގެ ކުރިއަރާފައިވާ ސެންޓްރަލްް އަދި ސްޓޭޓު ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ކުރިއަށް އޮތް 2025-2026 ދިރާސީ އަހަރަށް ހުޅުވާލާފައިވާ މި ފުރުސަތުގެ ދަށުން ފުލީ ފަންޑެޑް ސްކޮލާޝިޕް ލިބޭއިރު އިންޑިއާގައި ހޭދަކުރާ މުއްދަތަށް ކޮންމެ މަހަކު ސްޓައިޕެންޑު އަދި އެނޫންވެސް ހާއްސަ އެލަވެންސްތައް ލިބޭނެ އެވެ.
މި ޕްރޮގްރާމުގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބޭނެ ބައެއް ދާއިރާތަކުގެ ތެރޭގައި:
ހިޔުމަނިޓީސް އެންޑް އާޓްސް
ބިޒްނަސް އެންޑް މެނޭޖުމެންޓު
އިކޮނޮމިކްސް
ސޯޝަލް ސައިންސް
އެޑިއުކޭޝަން
ސައިންސް އެންޓް ޓެކްނޮލަޖީ
އައިސީސީއާރު ސްކޮލާޝިޕަކީ ކްލާސްރޫމުގެ ތެރެއިން ލިބޭ ތައުލީމުގެ އިތުރުން އިންޑިއާ އާއި އެ ސްކީމުގައި ކިޔަވާ ދަރިވަރުންގެ ގައުމުތަކުގެ ސަގާފީ އަދި އިޖުތިމާއީ ކަންތައްތައް ތަޖުރިބާކުރުމަށް ވެސް ލިބޭ ފުރުސަތެކެވެ.
އޭޝިއާ، އެފްރިކާ އަދި އޯޝަނިއާ އަދި އެނޫންވެސް ސަރަހައްދުތަކުގެ 100އަށް ވުރެ ގިނަ ގައުމުގެ ދަރިވަރުން މި ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރަކު ވެސް އިންޑިއާގައި ތައުލީމު ހާސިލްކުރާއިރު އެ ދަރިވަރުންނާ ގުޅުން ބަދަހިކޮށް ގައުމުތަކުގެ ސަގާފަތާއި އާދަކާދަތައް ދަސްކޮށް އާ ގުޅުންތައް އުފައްދާ ބަދަހިކުރުމަށް ވެސް މި ސްކޮލާޝިޕަކީ ފުރުސަތެކެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ އެކި މައްސަލަތަކާމެދު ދެކޭގޮތް ފުޅާވެ، މުއާމަލާތްކުރުމާއި އިޖުތިމާއީ ގުޅުން ވަރުގަދަކުރުމަށް ވެސް މި ޕްރޮގްރާމުގެ ތެރެއިން ލިބޭ ތަޖުރިބާއިން ދަސްވާނެ އެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، އަމިއްލައަށް ކަންކަން ކުރުމުގެ ގާބިލުކަން އިތުރުުކުރުމަށް ވެސް މިއީ އެހީއަކަށް ވާނެ އެވެ.
އައިސީސީއާރު ސްކޮލާޝިޕްގެ ދަށުން ކިޔަވައިނިމޭއިރު ލިބެނީ ހަމައެކަނި ސެޓްފިކެޓެއް ނޫނެވެ. އޭގެ އިތުރަށް ރާއްޖެއިން ބޭރުގައި ދިރިއުޅުމުގެ ތަޖުރިބާ އާއި ތަފާތު ސަގާފަތްތަކުގެ މީހުންނާ އެކު އުޅެން ދަސްވުމުގެ ތަޖުރިބާ ވެސް މި ފުރުސަތުން ލިބިދޭނެ އެވެ.
ތަފާތު ސަގާފަތްތަކުގެ ތަޖުރިބާއާއެކު އިންޑިއާގައި ހިލޭ މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ