މާދަމާއިން ފެށިގެން ކޮމަންޑޫ މޫސާ ރަމީޒުގެ ތައުޒިޔާގެ ދަފުތަރެއް ހުޅުވާލަނީ

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ކޮމަންޑޫ މޫސާ ރަމީޒުގެ ތައުޒިޔާގެ ދަފުތަރެއް މާދަމާއިން ފެށިގެން ހުޅުވާލަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާއާއި ޚާއްޞަ މަޖިލިސްގެ އިތުރުން، ތަފާތު އެކި މަޤާމުތަކުގައި މުހިންމު، އަގުހުރި ޚިދުމަތްތަކެއް ކުރެއްވި، ށ. ކޮމަންޑޫ މޫސާ ރަމީޒު އަވަހާރަވުމުގެ ހިތާމައިގައި ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި މަރްޙޫމު މޫސާ ރަމީޒަކީ، ކުޅަދާނަ ހިންގުންތެރިއެއް ކަމަށާއި މުވައްޒަފުންނާ ވެރީންގެ އިތުބާރާއި ލޯބި ހޯއްދެވި ވެރިއެއް ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މޫސާ ރަމީޒު އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާގެ ދަފުތަރެއް އަންގާރަ ދުވަހުން ފެށިގެން 13 އެޕްރީލުގެ ނިޔަލަށް އެ ވުޒާރާގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. މި ދަފުތަރުގައި ލިޔުއްވުމުގެ ވަގުތުތަކަކީ، ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން ފެށިގެން 14:00 އަށް ކަމަށްވެސް ވިދާޅުވިއެވެ.
އަތޮޅުތައް ހިންގުމުގެ ދާއިރާއާއި، އެކި ރޮނގުރޮނގުން ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރެއްވި މޫސާ ރަމީޒު އަވަހާރަވުމުގެ ހިތާމައިގައި ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާބެހޭ ވުޒާރާއިން ވަނީ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ