ކުޅިވަރުގެ ޒަރީޢާއިން ދިރިއުޅުމަށް ކުރިއެރުމާ ސުލްޙަ މަސަލަސްކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި

ކުޅިވަރަކީ ހަމައެކަނި ޙަރަކާތެއްކަމުގައި ނުދެކި، ކުޅިވަރުގެ ޒަރީޢާއިން ދިރިއުޅުމަށް ކުރިއެރުމާ ސުލްޙަ މަސަލަސްކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެންމެހާ ދިވެހިންނަށް އިލްތިމާސް ކުރައްވައިފިއެވެ.
"އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯރޓްސް ފޯރ ޑިވެލޮޕްމަންޓް އެންޑް ޕީސް" ގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ، މިދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، އިންސާނުންގެ ދުޅަހެޔޮކަމާ ޤައުމީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ސުލްޙަ މަސަލަސްކަމާ އެއްބައިވަންތަކަން ޤާއިމުކުރުމުގައި ކުޅިވަރު އަދާކުރާ މުހިންމު ދައުރުގެ މަތިންކަމުގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ކުޅިވަރަކީ، ޤައުމު ތަކުގެ އިންތައް، ފަހަނައަޅައިދާ އެއްޗެއް ކަމުގައެވެ.
ރައީސުލްޖުމުހޫރިއްޔާ އިތުރަށް ވިދާޅުވީ، ކުޅިވަރަކީ މަސްތުވާތަކެތި ބޭނުންކުރުމާ، ކަރަޕްޝަން އަދި މާރާމާރީފަދަ އިޖުތިމާޢީ ބޮޑެތި މައްސަލަތަކަށް އޮތް ވަރުގަދަ ހައްލެއް ކަމުގައެވެ. ހަމަ މިޔާއެކު، ޒުވާނުންގެ ކިބައިގައި ރިވެތި އަޚްލާޤާއި، ވިލުންތެރިކަމާ، އަދި ގުޅިގެން މަސައްކަތްކުރުމުގެ އާދަޔާ، އިޙްތިރާމްކުރުމުގެ ސިފަހަރުލެއްވުމާއެކު ޞިއްޙީގޮތުން ދުޅަހެޔޮ، ހަރުދަނާ ދިރިއުޅުމެއް ޒުވާނުންގެ ކިބައިގައި އަށަގެންނެވުމުގައި ކުޅިވަރު އަދާކުރާ ދައުރުގެ ސަބަބުން ޤައުމީ ތަރައްޤީއަށް މަގުފަހިވެގެންދާކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖޭގެ ކުޅިވަރުގެ ހަރަކާތްތަކަށް ގެންނަމުންދާ ކުރިއެރުމުގެ މައްޗަށްވެސް ބައްލަވާލައްވާފައި ވެއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ޤާނޫނެއް ވުޖޫދު ކުރެވުމާ، ސްޕޯޓްސް ޑިވެލޮޕްމަންޓް ފަންޑެއް ޤާއިމުކުރުމާ، ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯރޑުގެ ސަބަބުން، މޮޅެތިކުޅުންތެރިން އުފެދިގެންދިޔުމާ، ކަމަށް ކަމޭހިތުމާއި، ނަތީޖާއާ ހަމަޔަށް ވާސިލުވަންދެން ގަދައަޅާމަސައްކަތްކުރުމާ، ކާމިޔާބުހޯދުމާއި ހިތްވަރު ލިބިގަތުމުގެ ރޫޙު އާލާ ކުރުމުގެ ސަގާފަތެއް، ކުޅިވަރު ކުޅުންތެރިންގެ ތެރޭގައި، އުފެދިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ކުޅިވަރުކުޅޭ މުޖުތަމަޢަށް ބޭނުންވާނެ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމާއި، އަރުތަ ސްކޮލަރޝިޕާއި، އަދި މިންތީގެ ތަފާތުކުރުމެއްނެތި، ޤައުމީ ކުޅުންތެރިންގެ މުސާރަ ބޮޑުކޮށްދިނުމަކީ، ސަރުކާރުން އިސްނަންގަވައިގެން ކުޅިވަރުތަރައްޤީ ކުރެއްވުމަށް ކުރައްވާފައިވާ މުހިއްމު މަސައްކަތްތަކެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ވިދާޅުވެފައިވަނީ، ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެނަދަވާނެ ކަމުގައެވެ. އެގޮތުން، އެންމެންގެ ބައިވެރިވުމާއެކު، ކުޅިވަރުގެ ދާއިރާ އިތުރަށް ކުރިޔަށް ގެންދިޔުމަށް ކުރެވޭ މަސައްކަތުން، ދުޅަހެޔޮ، އެކުވެރި އަދި ކުރިޔަށް ދިޔުމުގެ ރޫޙު އަށަގަނެފައިވާ ވިސްނުމެއްގެ ޒަރީޢާއިން، ޤައުމަށް އިތުރު ކާމިޔާބީއާއި، ހަމަޖެހުން ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓުގައިވެސް، މި ޝުޢޫރުތައް އިތުރަށް ފާޅުކުރައްވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ