16 ގައުމެއްގެ ކަނޑުގެ ސިފައިންނާއެކު އިންޑިއާގެ މަނަވަރެއް ރާއްޖޭއަށް އައިސްފިއެވެ. ރާއްޖެ އައިސްފައިވަނީ އިންޑިއާގެ "އައިއޯއެސް ސާގަރު"އެވެ.
މި މަނަވަރު ރާއްޖެ އައިސްފައިވާއިރު، މަރުހަބާ ކިޔުމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ޖީ ބާލަ ސުބްރަމާނިއަން ވަނީ މަނަވަރަށް ވަޑައިގަންނަވާފައެވެ. މި ފަހަރު އިންޑިއާ ހިމެނޭހެން 16 ގައުމަކުން ޖުމްލަ 39 ބައިނަލްއަޤްވާމީ ކްރޫއިން ވަނީ ރާއްޖެ އައިސްފައެވެ.
ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށް އިންޑިއާ ކަނޑުގެ ޤައުމުތަކާއެކު އިންޑިއާގެ ނޭވީއިން ކުރިއަށްގެންދާ އައިއޯއެސް ސާގަރު އިނީޝިއޭޓިވްގެ ދަށުން ބައިވެރިވާ 16 ޤައުމުގެ ތެރޭގައި އިންޑިއާއި ރާއްޖެ ހިމެނޭހެން، ޔޫއޭއީ، އިންޑޮނޭޝިއާ، މެލޭޝިއާ، މިޔަންމާ، ސިންގަޕޫރު، ތައިލޭންޑް، ސީޝެލްސް، ކެންޔާ، މޮރިޝަސް، މޮޒަމްބީކް، ސައުތު އެފްރިކާ، ޓެންޒޭނިއާ އަދި ބަންގްލަދޭޝް ހިމެނެއެވެ. މިދަތުރަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ކަނޑުގެ ސަލާމަތީ ކަންކަން ގުޅިގެން ބެލެހެއްޓުމަށް އިންޑިއާއިން ގެންގުޅޭ ސިޔާސަތުގެ ދަށުން "އިންޑިއަން އޯޝަން ޝިޕް" ސާގަރު ކުރާ ދެވަނަ ދަތުރެވެ.
"އައިއޯއެސް ސާގަރު" އަކީ އެކުވެރި ގައުމުތަކުގެ އަސްކަރީ ސިފައިންނަށް އިންޑިއާގެ ނޭވީ މަނަވަރުތަކުގައި ތަމްރީނު ހޯދުމާއި، އަމަލީ ތަޖުރިބާ އާލާކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޚާއްސަ ޕްރޮގްރާމެކެވެ. މި ހަރަކާތުގެ ސަބަބުން ނޭވީގެ އޮޕަރޭޝަންތަކާއި ތަމްރީނުތަކުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުޞަތު ލިބި، ދެ ގައުމުގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން ބަދަހިވެ، ކަނޑުގެ ސަލާމަތީ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އިންޑިއާއިން ފާހަގަކުރެއެވެ. މި ނޭވީގައި އައި އެކި ޤައުމުތަކުގެ ސިފައިންވަނީ އެ ފަރާއްތަކުގެ ތަޖުރިބާ ރާއްޖޭގެ މީޑިއާތަކާއި ހިއްސާކުރައްވާފައެވެ.
"މީއީ ވަރަށް ތަފާތު ތަޖުރިބާއެއް ކުރެވުނު. ހާއްސަކޮށް މިފަދަ ހަރަކާތެއްގައި ރާއްޖެ އާދެވުނީމައި ވަރަށް އުފާވޭ" ބައެއް ސިފައިން ފާހަގަކުރިއެވެ.
މި އިސްނެގުމަކީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާއިން ޒަމާނުއްސުރެ ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބިނާވެފައިވާ، އަދި އިންޑިއާ ސަރުކާރުގެ "ސާގަރު"، ސަރަހައްދީ ހުރިހާ ގައުމަކަށް ރައްކާތެރިކަމާއި ކުރިއެރުން ތަސައްވުރު ރަމްޒުކޮށްދޭ މުހިންމު ހަރަކާތެކެވެ. މީގެ އިތުރުން، މިއީ ސަރަޙައްދީ ސަލާމަތާއި އެއްބާރުލުން އިތުރުކުރުމަށް އެކުލަވާލާފައިވާ 'މަހާސާގަރު' ފްރޭމްވޯކްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަޝްރޫއު ފެށިގެން އައީ އިންޑިއާގެ ކޮޗިންގައި ހުންނަ ނޭވީ ތަމްރީނު މަރުކަޒުތަކުގައި ކުރިއަށްދިޔަ ފަންނީ ތަމްރީނުތަކުންނެވެ. މި ތަމްރީނުތަކުގެ ތެރެއިން ކަނޑުގެ އަސްކަރީ އޮޕަރޭޝަންތަކާއި، ސީމަންޝިޕްގެ އުކުޅުތަކުގެ އިތުރުން، ކަނޑުގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ދާއިރާތަކުން ބައިވެރިންނަށް ފަންނީ މައުލޫމާތާއި ތަޖުރިބާ ފޯރުކޮށްދީފައިވެއެވެ. މިހާރު ކުރިއަށްދާ މަރުހަލާއަކީ އިންޑިއާގެ ނޭވީ މަނަވަރެއްގައި، އިންޑިއާގެ ސިފައިންނާއެކު ކަނޑުމަތީގެ ޢަމަލީ ހަރަކާތްތަކުގައި ބައިވެރިވެ، ދަތުރުކުރުމުގެ މަރުހަލާއެވެ.
16 ގައުމެއްގެ ކަނޑުގެ ސިފައިންނާއެކު އިންޑިއާގެ މަނަވަރެއް ރާއްޖެއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ