ޕީއެސްއެމްގެ އެޑިޓޯރިއަލް މިނިވަންކަން ނަގާލައި ސިޔާސީކޮށްފައިވާ ކަމަށް ބުނެ، އެމްޑީޕީން ބައްދަލުކުރަން އެދިއްޖެ
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ އެޑިޓޯރިއަލް މިނިވަންކަން ނަގާލައި 'ސިޔާސީކޮށްފައިވާ ކަމަށް ބުނެ، އެ މީޑިއާގެ ވެރިންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭން، އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕް (ޕީޖީ)ން މިއަދު އެދިއްޖެއެވެ. ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބަށް އެމްޑީޕީ ޕީޖީން ފޮނުވި ސިޓީއެއްގައި ވަނީ، ގައުމީ އެކި ކަންކަމުގެ ޚަބަރާއި މައުލޫމާތާއި ކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް އަންގައި ދިނުމަކީ، ދައުލަތުގެ މީޑިއާގެ ޒިންމާއެއް ކަމަށް ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގެ ހަމަހަމަކަން ގާއިމުކުރުމަކީ ވެސް، އެ ގާނޫނުގެ ދަށުން ލާޒިމުކޮށްފައިވާ ކަމެއްކަން ސިޓީގައިވެއެވެ. އެހެންނަމަވެސް، ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ނެގި ފެންނަ ނުފެންނަ ވޯޓު ނަގާ ނިމުނުއިރު ވެސް، އެކަމާ ބެހޭ ފުރިހަމަ މައުލޫމާތު އެކަށީގެންވާ މިންވަރަށް ރައްޔިތުންނަށް ފޯރުކޮށްދީފައިނުވާ ކަމަށް އެމްޑީޕީ ޕީޖީން ބުންޏެވެ. އަދި އެކަމާ ގުޅޭ ގޮތުން ގެނެސްދިން އެއްވެސް ޕްރޮގްރާމަކުން އެމްޑީޕީއަށް ފުރުސަތު ދީފައިނުވާކަން އެ ޕާޓީން ފާހަގަކުރިއެވެ. ހަމައެއާއެކު ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގައި ވަނީ އެ މީޑިއާއަކީ، ނުފޫޒުން އެއްކިބާވެފައިވާ، އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، ރާއްޖޭގެ އެންމެހާ ސަރަހައްދުތަކަށް ޚިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި އޮންނަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ކަމަށް ސިޓީގައިވެއެވެ. އެ ގާނޫނުގައި، ޕީއެސްއެމްގެ ސިޔާސަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަމަށް ބަލާއިރު، ދީނީ، އިގުތިސާދީ، އިޖުތިމާއީ، ސިޔާސީ އަދި އެ ނޫން ވެސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި، ހޭލުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތް ކުރުން ހިމެނޭކަން ވެސް ޕީޖީން ފާހަގަކުރިއެވެ. އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ 12 މެންބަރުން: ޕީއެސްއެމް ސިޔާސީކޮށްފައިވާ ކަމަށް ބުނެ، ވެރިންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭން ވަނީ އެދިފައި --- ފޮޓޯ: އެމްޑީޕީ ހަމައެއާއެކު، ދިވެހީންނަށް މުހިންމުވާނެ ބައިނަލްއަގުވާމީ އެކި ކަންކަމާއި ގައުމީ އެކި ކަންކަމުގެ ޚަބަރާއި މައުލޫމާތާއި ކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް އަންގައިދިނުމަކީ ބަންޑާރަ މީޑިއާގެ މަައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކަމަށް ސިޓީގައިވެއެވެ. އެމްޑީޕީން ބުނީ، އެ ހަމަތަކާއި އުސޫލުތައް ފުރިހަމައަށް ގާނޫނުގައި ކަނޑައަޅައިފައި ހުރި ނަމަވެސް އެއިން އެއްވެސް ހަމައަކާ އުސޫލަކަށް ޕީއެސްއެމްއިން ނުބަލާ ކަމަށެވެ. އެގޮތުން، ގައުމީ މީޑިއާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި އެ މީޑިއާއިން ވަކި ބަޔަކަށް ފުރުސަތުދީ، ހަމައަކާ އުސޫލަކަށް ބެލުމެއް ނެތި، ގާނޫނުގައި ބަޔާންކުރާ އެޑިޓޯރިއަލް މިނިވަންކަން މުޅިން ނަގައިލައިފައިވާ ކަމަށް އެ ޕާޓީން ތުހުމަތުކުރިއެވެ. މީގެ އިތުރުން، ވަކި ފަރާތެއްގެ ސިޔާސީ ނުވަތަ އެ ނޫން ވެސް ޒާތީ މަސްލަހަތެއް ހިމާޔަތް ކުރުމަށް ޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެ، ބަންޑާރަ މީޑިއާގެ ޗެނަލްތަކުން ވޭތުވެދިޔަ ތަނުގައި މަސައްކަތް ކޮށްފައިވާ ކަމަށް ސިޓީގައިވެއެވެ. އެ ކަންކަމާ ގުޅުވައި އެމްޑީޕީ ޕީޖީން ވަނީ، އެ ޕާޓީގެ މަޖިލިސް މެންބަރުންނަށް ޕީއެސްއެމްގެ ވެރިންނާ ބައްދަލުކުރެވޭނެ ގޮތެއް، ވީ އެންމެ އަވަހަކަށް ހަމަޖައްސައިދިނުމަށް އެދިފައެވެ. https://sun.mv/219272 މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު، ކައުންސިލް އިންތިޚާބާއެކު ބޭއްވި މިދިޔަ ހޮނިހިރު ދުވަހެވެ. އެ ވޯޓުގެ ކުރިން، އެ ވޯޓާ ގުޅޭ ގޮތުން އިދިކޮޅުގެ ޚިޔާލު ފާޅުކުރަން ޕީއެސްއެމްއިން ފުރުސަތު ނުދޭ ކަމަށް ބުނެ، އެމްޑީޕީން އެ މީޑިއާގެ ކައިރީ އިހުތިޖާޖު ވެސް ކުރިއެެވެ. އެ މައްސަލައާ ގުޅޭ ގޮތުން ޕީއެސްއެމްއިން ބުނެފައިވަނީ، ވޯޓާ ގުޅޭ މައުލޫމާތު ގެނެސްދިނުމުގައި އިސްކަން ދެނީ ޕާޓީތަކުގެ ބަދަލުގައި، ކުރީގެ ޚާއްސަ މަޖިލީހުގެ މެންބަރުންނަށް ކަމަށެވެ. https://sun.mv/220200 ފާހަގަކޮށްލެވޭ ގޮތުގައި، ކައުންސިލް އިންތިޚާބުން މުހިންމު ގޮނޑިތައް ސަރުކާރަށް ގެއްލިފައިވާއިރު، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ވެސް އައީ ސަރުކާރުން ބޭނުންވި ގޮތާ ޚިލާފަށެވެ. އެގޮތުން، އެ އިންތިޚާބުގައި ކެމްޕެއިނަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކުރި ސަރުކާރުގެ ވިސްނުމާ އެއްކޮޅަށް މިހާތަނަށް ލިބިފައިވަނީ 67137 އެއްހާ ވޯޓެވެ. ސަރުކާރުގެ ވިސްނުމާ ދެކޮޅަށް މިހާތަނަށް 146112 ވޯޓް ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ