ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ވަކިކުރަންޖެހޭ ގާނޫނީ ހުއްޖަތެއް ދެއްކިފައެއް ނެތް ކަމަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދެ ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަރީ ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފެށީ އެ ކޮމިޝަންގެ ގާނޫނުގައި ބަޔާން ކުރާ އިޖުރާއަތުތައް ފުރިހަމަ ނުކޮށް، ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވިދާޅުވެފައި އޮތްވައި، ފަނޑިޔާރުން ވަކިކުރުމާމެދު ގޮތެއް ނިންމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ މުއިއްޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒަކީ އޭނާ ރަނގަޅަށް ދަންނަ ދެ ބޭފުޅުން ކަމަށާއި އެއީ "އަދުލުވެރި، އިންސާފުވެރި، ނަޒާހަތްތެރި ދެ ފަނޑިޔާރުން" ކަމަށެވެ.
"ފަނޑިޔާރުކަމުގެ މަގާމުން އެ ދެ ބޭފުޅުން ވަކިކުރަން ޖާއިޒުވާ ފަދަ އަމަލެއް އެ ދެބޭފުޅުން ކުރެއްވި ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. އެފަދަ ގާނޫނީ އަސާސެއްގެ މައްޗަށް ހުއްޖަތެއް މިހާތަނަށް ދެއްކިފައެއް ވެސް ނުވެ އެވެ،" ބާކައުންސިލްގެ މެންބަރެއްގެ ގޮތުގައި ވެސް ހުންނެވި މުއިއްޒު ވިދާޅުވި އެވެ.
ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމާމެދު ފެންނަ ގޮތެއް ބެލުމަށް މިއަދު މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުގައި ކޮންމެ މެންބަރަކު ވެސް ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި މެންބަރުންގެ ހުވާ ހަނދުމަފުޅު ކުރެއްވުންމަތީ ދެމިތިއްބެވުމަށް ވެސް މުއިއްޒު އިލްތިމާސް ކުރެއްވި އެވެ.
"ކޮންމެ މީހަކަށް ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގުތައް ކަށަވަރުކޮށް ދިނުމުގައި މަޖިލީހުގެ ދައުރެއް ވެސް ވާކަން ދެނެތިއްބައިގެން އަދުލްވެރިކަމާއެކު ވޯޓު ދެއްވުން އެދެން،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރާންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިހާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ގައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާޔަތްކުރާންވާނެއެވެ.
”އަހުރެން .......... (މީހާގެ ނަން) .......... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ދެމެހެއްޓުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން އަހުރެން އަދާކުރާންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ.“
ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވެ އެވެ. ނަމަވެސް ރައީސް މުއިއްޒު ޖޭއެސްސީއަށް އައްޔަކޮށްފައިވާ މެންބަރުން އިސްވެ ހުންނަވައިގެން ގާނޫނާ ހިލާފަށް ފަނޑިޔާރުންގެ މައްސަލަ ބަލައި ދެ ފަނޑިޔާރުން ވަކިކުރާއިރު، އެކަމާ ދެކޮޅަށް އެ މަނިކުފާނު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އަދި ބަހެއް ވެސް ވިދާޅުވެފައެއް ނުވެ އެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ޖޭއެސްސީއަށް ފޮނުވި ސިއްރު ސިޓީއަކަށް ބިނާކޮށެވެ. އެ ސިޓީ ފޮނުވާފައި ވަނީ އާންމުކޮށް އެފަދަ ސިޓީ ފޮނުވާ އުސޫލުތަކާ ހިލާފަށް ޖެމްސް ސިސްޓަމް މެދުވެރިނުކޮށެވެ.
ދެ ފަނޑިޔާރުން ވަކިކުރަންޖެހޭ ގާނޫނީ ހުއްޖަތެއް ދެއްކިފައެއް ނެތް: މުއިއްޒު ދެ ފަނޑިޔާރުން ވަކިކުރަންޖެހޭ ގާނޫނީ ހުއްޖަތެއް ދެއްކިފައެއް ނެތް: މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ