އެގޮތަށް ފާސްވުމާއެކު، މި ދެ ބޭފުޅުން ފަނޑިޔާރު ކަމުން ވަކިވެފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާނު ކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރު އާއި ޑރ. މަހާޒް އަލީ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ތާއީދުކޮށްފި އެވެ.
އަަޒްމިރަލްދާ އާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައި ވަނީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި، ފަނޑިޔާރު މަހާޒް އާ ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެވެ. އެ މައްސަލަ ސާބިތުވާ ކަމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.
ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމި މައްސަލައިގެ ރިޕޯޓް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާ ކުރުމަށްފަހު އެ ރިޕޯޓު ރަގަޅު ކަމަށް ވަނީ ފާސްކޮށްފަ އެވެ. އެ ބައްދަލުވުން ވަކި ހިސާބަކުން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.
ދެ ފަނޑިޔާރުން ވަކި ކުރުމަށް ކޮމިޓީން އެކުލަވާލާފައިވާ ވަކިވަކި ރިޕޯޓުތަކަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި، ސަރުކާރު ހިންގާ ޕީއެންސީގެ ގިނަ މެމްބަރުން ވަނީ ދެ ފަނޑިޔާރުން ވަކިކުރަން ނިންމުމުގައި ޖޭއެސްސީން އަމަލުކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަން ފާހަގަކޮށްފަ އެވެ.
އަދި ކޮމިޓީން ވެސް އަމަލުކޮށްފައިވަނީ މީގެކުރިން ވެސް އަމަލުކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތްތަކާ އެއް ގޮތަށް ކަން ވެސް މެމްބަރުން ތަކުރާރުކޮށް ވިދާޅުވި އެވެ.
ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ އެކަމާ ދެކޮޅު ހައްދަވައި، ޖޭއެސްސީ އާއި ޖުޑީޝަރީ ކޮމިޓީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މިގޮތުން، ޖުޑީޝަރީ ކޮމިޓީން ޖޭއެސްސީގެ ނިންމުން ދިރާސާ ކުރީ ވަރަށް ހުދުމުހުތާރުކޮށް ކަމަށް ވިދާޅުވެ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލުމަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ނާޒިލް ގޮވާލެއްވި އެވެ.
"އިޖުރާއަތްތައް ފުރިހަމަ ނުވެ އޮތް ރިޕޯޓަކަށް މިއަދު ވޯޓު ދީ ފާސްކޮށް ފަނޑިޔާރުން ބޭރު ކުރުމަކީ އެއީ ކުރެވޭނެ ކަމެއް ނޫން، އިއްޒަތްތެރި ރައީސް ފަނޑިޔާރަށް ކޮމިޓީގައި ފުރުސަތު ދޭން ބާ ކައުންސިލާއި ރާއްޖޭގައި ތިބި ގިނަ ލޯޔަރުން ކޮމިޓީގައި ސިޓީތަކުން އެދި އެއަށް، އެއްވެސް ސިޓީއަކަށް އިޖާބަދިނުމެއް ނެތި ކޮމިޓީ ހުދުމުހުތާރުކޮށް ގެންދެވި ވާހަކަ އަޅުގަނޑު މި ދަންނަވަނީ،" ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވެސް ފާހަގަކުރެއްވި ގޮތަށް، ދެ ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން ޖުޑީޝަރީ ކޮމިޓީން ދެކޮޅު ހެދުމުން، އެކަމުގެ ފާޑުކިޔުން ބޭރުގެ ޖަމިއްޔާތަކާއި ބާ ކައުންސިލުތަކުންނާއި ގާނޫނީ ދާއިރާގެ އެކި ބޭފުޅުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
މިގޮތުން، ޖުޑީޝަރީގެ މިނިވަންކަމަށް ހުރަސްއަޅައި، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ހުއްޓައިލުމަށްވެސް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.
ޖުޑީޝަރީ ކޮމިޓީން ޖޭއެސްސީގެ އެ ރިޕޯޓުތައް ބަލަމުންދިޔަ އިރު، އެ ކޮމިޝަނުން ދެ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަ ބަލާފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ލަފާ ދެއްވައިފަ އެވެ. ފިލްޒާ ދެއްވި ލަފާގައި ވަނީ، ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ބެލީ އާންމު ފަރާތަކުން ސިޓީއަކުން ހުށަހެޅި ސުލޫކީ މައްސަލައެއްގެ މައްޗަށް ބިނާކޮށް ކަމަށްވާއިރު، ގާނޫނުގައިވާ ގޮތުން އެފަދަ މައްސަލައެއް ކޮމިޝަނުން ބެލުމާމެދު ގޮތެއް ކަނޑައަޅަން ޖެހެނީ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ މައްސަލަ ބަލާ ކޮމިޓީއަކަށް ފޮނުވައިގެން ކަމަށެވެ. ނަމަވެސް، ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ އެ ކޮމިޓީއަށް ނުފޮނުވައި، އެ މައްސަލަ ބަލަން ޖޭއެސްސީން ނިންމާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ ހިލާފަށެވެ. ފިލްޒާ ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލުކޮށް، ގާނޫނުއަސާސީ އާއި ގާނޫނުން ކަށަވަރު ކޮށްދީފައިވާ އެންމެންނަށް އެއް ހަމައަކުން އަމަލުކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފު ވެފައިވާ ކަމަށެވެ.
ފިލްޒާގެ ލަފާގައި އެހެން ވިދާޅުވެފައިވިޔަސް، ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ތަހުގީގު ހިންގުމުގައި ގޯހެއް އުޅޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވެ އެވެ.
އެ ކަންބޮޑުވުންތަކާ އެކު ވެސް، ޕީއެންސީގެ ސާފު މެޖޯރިޓީ އޮތް މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި، އަޒްމިރަލްދާ އަދި މަހާޒު ވަކިކުރުމަށް 68 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެންބަރުންނެވެ.އެގޮތަށް ފާސްވުމާއެކު، މި ދެ ބޭފުޅުން ފަނޑިޔާރު ކަމުން ވަކިވެފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާނު ކުރައްވާފަ އެވެ.
މަޖިލީހުން ފާސްކުރުމާއެކު، ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒް ފަނޑިޔާރުކަމުން ވަކިވެފައިވާއިރު، އެ ދެ ފަނޑިޔާރުން ވެސް ތިއްބެވީ ސަސްޕެންޝަންގަ އެވެ. މި ދެ ފަނޑިޔާރުންނާއެކު ހުސްނުއްސުއޫދު ވެސް ސަސްޕެންޑް ކުރި އެވެ. ނަމަވެސް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަޒްމިރަލްދާ އާއި މަހާޒް ފަނޑިޔާރު ކަމުން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ