ނިންމުން ދިފާއުކުރަން ޖޭއެސްސީގެ ރައީސް ވެސް ދެއްކެވީ އެމްޑީޕީން އަމަލުކުރި ގޮތް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމުގެ މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ޕީއެންސީގެ މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޒާ އާދަމް، އެމްޑީޕީގެ ސަރުކާރުތަކުގައި އަމަލުކުރި ގޮތް ފާހަގަކުރައްވައި މިއަދު ޖޭއެސްސީގެ ނިންމުން ދިފާއުކުރައްވައިފައެވެ. ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީން ނިންމީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ފަސްވަނަ ދުވަހެވެ. ކޮމިޓީގައި ޖަވާބުދާރީވުމަށް ފަނޑިޔާރުންގެ ފަރާތުން އެދުމުން، އެ ފުރުސަތު ނުދޭން ނިންމުމަށް ފަހު، ކޮމިޓީ ސިއްރުކޮށްގެން ޖޭއެސްސީގެ ރިޕޯޓު ފާސްކުރީއެވެ. އެ މައްސަލަ އިއްޔެ ތަޅުމަށް ފޮނުވުމުން، މަޖިލީހުގައި ސުޕަމެޖޯރިޓީ އޮތް ޕީއެންސީން މިއަދު ވަނީ ދެ ފަނޑިޔާރުން ވަކިކޮށްފައެވެ. https://sun.mv/206013 އެ މައްސަލައިގެ ބަހުސްގައި ރިޒާ ވަނީ، ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފައަށް އިޝާރާތްކުރައްވައިފައެވެ. ފިލްޒާގެ ލަފާގައި ވަނީ، ޖޭއެސްސީން ޖޭއެސްސީން ތަހުގީގުކޮށްފައިވާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމުގައި އެ ކޮމިޝަނުން އަމަލުކޮށްފައި ވަނީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަނުކޮށް ކަމަށެވެ. ރިޒާ ވިދާޅުވީ، ފިލްޒާ ފާހަގަކުރެއްވީ އެންމެ އިޖުރާއަތެއް ކަމަށާއި އެއީ ހަމައެކަނި ކޮމިޓީގެ ދައުރެއް ނެތި ކަމަށް ވިދާޅުވާ ވިދާޅުވުން ކަމަށެވެ. އަދި، މުޅި ލަފައަށް ބަލާއިރު ފާހަގަކުރެވޭ އެއް ކަމަކީ، ޖޭއެސްސީން ވަކީލެއްގެ ފުރުސަތުދީ، ދިފާއު ހުށަހެޅުމަށް އެކަށީގެންވާ ވަރަށް ވަގުތު ދީފައިވާކަން ކަމަށް އޭނާ ވިދާޅުވިއެވެ. "މައްސަލަ ބަލަން ނިންމޭނީ ހަމައެކަނި މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަށް ކަމަށް ކައުންސެލް ޖެނެރަލް ދެކެވަޑައިގަންނަވާ ދެކެވަޑައިގަތުމަކީ ރަނގަޅު މާނަކުރުމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރިޒާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޖޭއެސްސީގެ ގާނޫނުގައި ވަނީ ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ބަލާނެކަން ކަނޑައެޅުމަށް ޓަކައި މައްސަލަ ބަލައި ކޮމިޓީއަށް ފޮނުވަން ވާނެ ކަމަށް ބުނެފައިވާއިރު ފަނޑިޔާރަކާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހަޅާ މައްސަލައެއް ނުބެލުމުގެ ހައްގު ވެސް އެ ކޮމިޝަނަށް ލިބިދީފައި ކަމަށެވެ. "ހަމައެހެންމެ އެ ގާނޫނޫގެ 22 ވަނަ މާއްދާގެ (ހ)ގައި ކޮމިޝަނަށް ހުށާހެޅޭ މައްސަލައެއް ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީން ނުވަތަ ކޮމިޝަނުން ނިންމާ، އަޅުގަނޑު ސްޓްރެސް ކޮށްލަން ބޭނުންވާ ޕޮއިންޓެއް މިއީ ގޮތެއް ނިންމުމަށް ގޮތެއް ނިންމުމަށް ކޮމިޓީން ނުވަތަ ކޮމިޝަނުން މައްސަލައެއް ނިންމައިފި ނަމަ، ދިވެހިބަހުގައި ނުވަތަ ބޭނުންކުރެވެނީ ކުރިން އަންނަ އެއްޗެއް ނުވަތަ ފަހުން އަންނަ އެއްޗެއް ނަފީ ކުރާކަށް ނޫން، ނުވަތަ ބޭނުންކުރެވެނީ އިޚުތިޔާރީ ބަހެއް،" އޭނާ ވިދާޅުވިއެވެ. ސުޕްރީމް ކޯޓުން މިއަދު ވަކިކުރި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު--- ފޮޓޯ: ސުޕްރީމް ކޯޓް އެހެންވެ، މައްސަލަ ބަލާ ކޮމިޓީއާއި ކޮމިޝަނަށް ވެސް މައްސަލަ ބެލުމުގެ ބާރު ލިބިގެންވާކަން ގާނޫނުން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. ވީމާ، ދެ ބޭފުޅުންގެ މައްސަލަ ބަލަން ނިންމީ ކޮމިޝަނަށް ގާނޫނުގައި ބަޔާންކޮށްފައިވާ ބާރުތަކުގެ ހުދޫދުގެ ތެރެއިން ކަމަށާއި ޖޭއެސްސީން އިޖުރާއަތާ ޚިލާފުވެފައިނުވާކަން ވެސް ގާނޫނަށް ރިއާޔަތް ކުރުމުން އެނގޭ ކަމަށް ރިޒާ ވިދާޅުވިއެވެ. މީގެ އިތުރުން، ރިޒާ ވިދާޅުވީ، މަޖިލީހުގެ ކައުންސެލް ޖެނެރަލް ލަފާދެއްވާއިރު ހުރިހާ ޒާވިޔާތަކުން ބައްލަވަން ޖެހޭނެ ކަމަށެވެ. "ހަމައެކަނި ގާނޫނާއި ގަވައިދެއް ނޫން ގާނޫނީ މަސްދަރުތަކަކީ މަސްދަރުތަކުގެ ތެރޭގައި އިސްތިއުނާފީ ކޯޓުތަކުގެ ނިންމުންތަކާއި ކޯޓުތަކުން އަމަލުކުރަމްންދާ ގޮތާއި އާންމު އުސޫލުތަކާއި މަބްދައުތަކަށް ރިއާޔަތް ކުރަން ޖެހޭނެ... ގާނޫނީ މަސްދަރުތަކުގެ ތެރޭގައި އާދަކާދަތަކާއި އަމަލުކުރަމުންދާ އުސޫލުތަކުގެ އިތުރަށް އިސްތިއުނަފީ ކޯޓުތަކުގެ ނިންމުންތައް ހިމެނޭ،" އޭނާ ވިދާޅުވިއެވެ. އެގޮތުން އާދަކާދައަށް ބަލާއިރު، 2019 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްހެ މައްސަލައެއް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމް ބައްލަވަމުން ގެންދަވަނިކޮށް އޭނާ ކްރިމިނަލް ކޯޓުގެ ވައިބާ ގުރޫޕުގައި ޖެއްސެވި ޕޯސްޓަކާ ގުޅިގެން ޖޭއެސްސީން މައްސަލައެއް ބެލި ކަމަށެވެ. އަދި މައްސަލަ ތާވަލުކޮށްފައި އޮތް ދުވަހު ޖޭއެސްސީއަށް ހައިލަމް ހާޒިރުކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެއިރު އެ މައްސަލަ ބަލަން ނިންމިއިރު ޖޭއެސްސީގެ ކުޑަ ކޮމިޓީ ނުވަތަ މައްސަލަ ބަލާ ކޮމިޓީ ނެތް ކަމަށާއި މައްސަލަ ބަލަން ނިންމީ ކޮމިޝަނުން ކަމަށް ރިޒާ ވިދާޅުވިއެވެ. "އެހެންވީމާ އަޅުގަނޑުމެން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމާއި ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމަކީ އެއީ ސައްހަ ނިންމުމެއް، އިޖުރާއީ އެއްވެސް މައްސަލައެއް، ޚިލާފެއް އެއްވެސް ޚަސްމެއްގެ ހައްގަކަށް އުނިކަން އަންނަ ގޮތަށް އެއްވެސް ކަމެއް ނެތް،" އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، 2022 ވަނަ އަހަރު ހަމަ އެމްޑީޕީގެ ވެރިކަމުގައި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައުފް އިބްރާހީމްގެ މައްސަލައެއް ބަލަން ކޮމިޝަނުން ނިންމިއިރު، މައްސަލަ ބަލާ ކޮމިޓީން ފުރަތަމަ ނިންމީ ތުހުމަތުތައް ސާބިތުނުވާ ކަމަށް، ކަމަށް ރިޒާ ފާހަގަކުރެއްވިއެވެ. "އޭގެ ނަތީޖާއަކީ ކުޑަ ކޮމިޓީން ސާބިތުނުވާ ކަމަށް ނިންމީމާ ޖުޑިޝަލް ސަވިސް ކޮމިޝަނުން މައުލޫމާތު ސާފުކުރާށޭ ކިޔާފައި އެއްކަލަ ކޮމިޓީގައި ތިބި ވަކީލުން ވެސް ބަދަލުކުރީ، އާ ކޮމިޓީއެއް އުފައްދާފައި ބަހައްޓާއި، ހަމައެކަނި އާ ކޮމިޓީއެއް އުފެއްދީއެއް ނޫން، ތުހުމަތު ވެސް ބަދަލުކުރި،" އޭނާ ވިދާޅުވިއެވެ. އެ މައްސަލައިގައި ދެ ބޭފުޅުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދީ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުން ނިންމީ ރައޫފް ދަށު ކޯޓަކަށް ބަދަލުކޮށް ހަމީދު ސަސްޕެންޑުކުރަން ކަމަށް ރިޒާ ވިދާޅުވިއެވެ. "އެހެންވީމާ މި އިޖުރާއަތް ފުރިހަމަ ނުކޮށްގެން ޖުޑިޝަރީ ކޮމިޓީން އިޖުރާއަތްތައް ފުރިހަމަ ނުކުރާ ކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމާފައި އޮއްވައި ތްރީލައިން ވިޕެއް ނެރެގެން އެމްޑީޕީގެ މެޖޯރިޓީން އެއްކަލަ ފަނޑިޔާރު ހަމީދު ވަކިކޮށްފައި ވަކިކުރުމަށް ތަޅުމުގައި އޮއްވައި ފަނޑިޔާރު ރައުފު އިސްތިއުފާ ދެއްވި ހަނދާނުން ފޮހެވިގެންދާހާ ދުވަހެއް ނުވޭ،" އޭނާ ވިދާޅުވިއެވެ. އެހެންވުމުން، ކައުންސެލް ޖެނެރަލް ލަފާ ދެއްވުމުގައި ރަނގަޅު ގޮތަށް ލަފާ ދެއްވައި ޒިންމާދާރު ވުމަށް ރިޒާ ގޮވައިލެއްވިއެވެ. ޕީއެންސީގެ އެހެން މެންބަރުންނާއި، ޖުޑިޝަރީ ކޮމިޓީން ވެސް އެމްޑީޕީން މީގެ ކުރިން އަމަލުކުރި ގޮތް ފާހަގަކޮށް، ދެ ފަނޑިޔާރުން ވަކިކުރުން ދިފާއުކޮށްފައެވެ. https://sun.mv/206005 އަޒްމިރަލްދާއާއި މަހާޒު ވަކިކުރަން މިއަދު ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުން ދެ ފަނޑިޔާރުން ވަކިކުރަން ވަނީ ފާސްކޮށްފައެވެ. ތަޅުމުގައި ވަކިވަކިން ނެގި ވޯޓުގައި އަޒްމިރަލްދާއާއި މަހާޒް ވަކިކުރަން 68 މެންބަރުން ވޯޓުދެއްވިއިރު ދެކޮޅަށް ވޯޓުދެއްވީ 11 މެންބަރުންނެވެ. ދެކޮޅަށް ވޯޓުދެއްވި މެންބަރުންގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވެސް ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ