އޭޖީ އޮފީސް ސިވިލް ސާވިސްއިން ވަކިކުރުގެ ބިލާ އެއްކޮޅަށް ޕީއެންސީން ވާހަކަދެއްކުމަށް ފަހު، ވޯޓު ދިނީ ދެކޮޅަށް

ބަންޑާރަނައިބުގެ އޮފީސް، ސިވިލް ސާވިސްއިން ވަކިކޮށް، ވަކި ޚިދުމަތަކަށް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ބިލު އަލުން އަނބުރާ އެ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ. އޭޖީ އޮފީހުގެ ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 77 މެންބަރުންނެވެ. އެއްކޮޅަށް ވޯޓު ދެއްވީ އެންމެ ތިން މެންބަރުންނެވެ. އެ ތިން މެންބަރުންނަކީ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު، ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދުގެ އިތުރުން އައްޑޫ މީދޫ ދާއިރާއަށް އަމިއްލަ ގޮތުން ހޮވިފައިވާ މެންބަރު އަބްދުއްރަހުމާންއެވެ. އެ ބިލު ފާސްނުވުމާއެކު، ދެން ވަނީ އެ ބިލު އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށް ވޯޓަށް އަހައިފައެވެ. ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް 70 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައިނުވާއިރު، ދެ މެންބަރަކު ވަނީ ވަކި ގޮތަކަށް ވޯޓު ނުދޭން ނިންމައިފައެވެ. އެ ދެ މެންބަރުންނަކީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، ޑރ. އަހުމަދު ޝަމްހީދާއި ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިއުޝާދެވެ. މަޖިލީހުގެ މެންބަރުން -- ފޮޓޯ/ މަޖިލިސް ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ބިލަށް ބަހުސްކުރިއިރު މިއަދު ވެސް ޕީއެންސީގެ މެންބަރުން ވާހަކަދެއްކެވީ ބިލާ އެއްކޮޅަށެވެ. ނަމަވެސް ބިލު ފާސްނުކޮށް އަލުން ކޮމިޓީއަށް ފޮނުވީ ކީއްވެކަމެއް ނޭނގެއެވެ. އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ބަންޑާރަނައިބުގެ އޮފީސް، ސިވިލް ސާވިސްއިން ވަކިކޮށް، ވަކި ޚިދުމަތަކަށް ހަދަން އުޅެނީ އެ އޮފީހަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ގޮތުންނެވެ. ބިލުގައި އޮތީ ކީކޭ؟ ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަންޑާރަނައިބުގެ މަގާމަށް އައްޔަނުކުރެވޭ ފަރާތެއްގައި ހުންނަންޖެހޭ ޝަރުތުތަކާއި، ބަންޑާރަނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި، އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބަންޑާރަނައިބު ތަބާވާންޖެހޭ ހަމަތައް ކަނޑައެޅުމެވެ. އަދި ބަންޑާރަނައިބާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ގާއިމުކުރުމަށް އެ ބިލުގައި ވަނީ ހިމަނާފައެވެ. އޭގެތެރޭގައި އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި، އެ އޮފީސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ އޮފީހުގެ މުވައްޒަފުންނާ ގުޅޭ އެންމެހާ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުން ހިމެނެއެވެ. މިހާރު ބަންޑާރަނައިބުގެ އޮފީހަކީ ސިވިލް ސާވިސްގެ ދަށުން ހިންގާ އޮފީހެކެވެ. https://sun.mv/199760 މި ބިލުގައި ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ގާނޫނީ ބާރުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި އެނާ ތަބާވާނީ ހަމައެކަނި ގާނޫނުއަސާސީއަށާއި ގާނޫނަށް ކަމަށް ބަޔާންކޮށްފައިވެއެވެ. އެއިން ކަމެއްގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ އިދާރާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް އޭނާގެ މައްޗަށް ނުހިންގޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. ބިލުގައިވާ ގޮތުންނަމަ ބަންޑާރަނައިބުގެ މަގާމުގައި ހުރި މީހަކު ކޮށްގެން ނުވާނެ ކަންތައްތައް: މަގާމުގެ ހައިސިއްޔަތުން ފިޔަވައި، ސަރުކާރުގެ ނުވަތަ ދައުލަތުގެ އެހެން މަގާމެއް ނުވަތަ ފައިދާއެއް ލިބޭފަދަ އެނޫންވެސް މަގާމެއް ފުރުން ނުވަތަ އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކުރުން. ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވުން ނުވަތަ އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވުން ނުވަތަ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކުރުން. ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފުން. ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ބަންޑާރަ ނައިބުގެ މަސްލަހަތެއް ބޭއްވުން. ކޮންމެ އަހަރަކު އެއް ފަހަރު ބަންޑާރަނައިބު އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހަޅަންޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ބިލުގައިވާގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ވަނީ ދެބަޔަކަށް ބަހާލާފައެވެ. އެއީ ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސް، މި ދެ ބައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ