މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނުގެ ކަރަންޓު ބިލާއި ފެން ބިލު ނުދައްކާ ހުރި އަދަދު 2.5 މިލިއަނަށްވުރެ އިތުރު ކަމަށް މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް ވިދާޅުވީ އޭނާ މޭޔަރުކަމާ ހަވާލުވެވަޑައިގެންނެވިއިރު، މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނުގެ މައުލޫމާތު ފެންނަން ވެސް ނެތް ކަމަށާއި އެ މައުލޫމާތު ބަލަހައްޓަމުން އައިސްފައި ވެސް ނުވާ ކަމަށެވެ.
އެހެންކަމުން ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނުގެ މައުލޫމާތު ހޯދަން ޖެހުނީ އެ ތަންތަނަށް ގޮސް، މީޓަރުން ރީޑިން ނަގައިގެން ކަމަށް އާޒިމް ވިދާޅުވި އެވެ. އެގޮތަށް ބެލި ބެލުމުން މިހައިތަނަށް ކައުންސިލުން ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނުގެ ކަރަންޓާއި ފެން ބިލު ނުދައްކާ ހުރި ޖުމުލަ އަދަދު 2.5 މިލިއަނަށްވުރެ އިތުރު ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލޭގެ ކަރަންޓު ބިލު ނުދައްކާ ހުރި ޖުމުލަ އަދަދަކީ 723،102ރ. މާލޭގެ ފެންބިލު ނުދައްކާ ހުރި އަދަދަކީ 309،680ރ. ވިލިނިގިލީގައި ކަރަންޓު ބިލު ނުދައްކާ ހުރި އަދަދަކީ 172،134ރ. ވިލިމާލެ ފެންބިލު ނުދައްކާ ހުރި އަދަދަކީ 1،358،044ރ،." އާޒިމް ވިދާޅުވި އެވެ.
އެ އަދަދުތައް އެއްކޮށްލުމުން މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނުގެ ކަރަންޓާއި ފެން ބިލުތައް ނުދައްކާ ހުރި އަދަދުގެ އެކު ޖުމުލަ 2،562،960ރ. އަށް އަރަ އެވެ.
އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނުގެ ކަރަންޓާއި ފެން ބިލު ނުދައްކާ ހުރި އަދަދު އެހައި ބޮޑުވީ މީގެ ކުރިން އެ މައުލޫމާތުތައް އެއްކޮށް، ކައުންސިލުން ބަލަހައްޓަމުން އައިސްފައި ނުވާތީ ކަމަށެވެ. އެގޮތުން އެހައި ބޮޑެތި ބިލުތައް ނުދައްކާ ތިބި ތަންތަނުން މިހައިތަނަށް ކަރަންޓު ނުވަތަ ފެނުގެ ހިދުމަތް ވެސް ކަނޑާލާފައި ނުވާކަން އާޒިމް ފާހަގަކުރެއްވި އެވެ.
ނަމަވެސް ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީއާ ވާހަކަދައްކައިގެން އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"އެހެންވީމާ މިހައި ބޮޑެތި އަދަދުން މިކަން ހިނގާފައި މިހުރީ މިއީ އެންމެ ދުވަހެއްގެ ކަމެއް ނޫން، މިއީ އެތައް ޒަމާނަކުން އެކިއުމުލޭޓުވެފައި ހުރި ކަންތައްތައް،" އާޒިމް ވިދާޅުވި އެވެ.
"މިއީ އިދާރީގޮތުން އެންމެ ދުވަހަކުން ދެ ދުވަހަކުން [ވެފައި] ހުރި [ކަންކަމެއް ނޫން] މިއީ އެތައް ޒަމާނަކުން އެތައް އަހަރެއް ވަންދެން މިތަނުގެ އިދާރީ ކަންކަން ހިނގާފައި ހުރި ގޮތުގެ ވާހަކަ މިދައްކަނީ، އެހެންވީމާ މި ހުރިހާ ކަމެއް ހައްލު ކުރުމަށް އަޅުގަނޑު ގިނަ މަސައްކަތްތަކެއް އެބަ ކުރަމޭ، އެކަމަކު ޑޭޓާ ހުރީ އެހައި ރަނގަޅަށް ލިބޭ ގޮތަކަށް ނޫން، އެހެންވީމާ ޑޭޓާ ހޯދައިގެން މަސައްކަތްތަކެއް މި ކުރަނީ."
އާޒިމް ވިދާޅުވީ އޭގެ ތެރެއިން ބައެއް ތަންތަން ކުއްޔަށް ދޫކޮށްފައި ހުރީ ވެސް ވަރަށް ކުޑަ އަގެއްގައި ކަމަށެވެ. ނަމަވެސް އޭގެތެރެއިން ބައެއް ތަންތަނުގެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއްދަތު ހަމަވެފައިވާ ތަންތަނުގެ އެއްބަސްވުން އާކޮށްދޭނީ، ގަވާއިދުން ސިޓީ ކައުންސިލަށް ކުލި ދައްކައި ބިލުތައް ވެސް ދައްކަމުންދާ މީހުންނަށް ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ކައުންސިލުން ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނުގެ މައުލޫމާތުތައް އާންމުންނަށް ފެންނާނޭހެން އާންމު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައި ހުރި ތަންތަނުން ނުދައްކާ ހުރި ބިލުގެ ޖުމުލަ 2.5 މިލިއަން ވުރެ މަތީގައި މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައި ހުރި ތަންތަނުން ނުދައްކާ ހުރި ބިލުގެ ޖުމުލަ 2.5 މިލިއަން ވުރެ މަތީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ