މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންގެ މުސާރައަށް 76 މިލިއަން ރުފިޔާ ޚަރަދުކުރި

މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައާ އުޖޫރައަށް 76 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެމިނިސްޓްރީގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ. އިއްޔެ އެ މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކޮށްފައެވެ. އެ ރިޕޯޓުން ދައްކާ ގޮތުން، މިނިސްޓްރީގެ މުވައްޒަފުންގެ މުސާރައާ އުޖޫރައަށް ދިނުމަށް ފާސްކުރީ 74،551،602 ރުފިޔާގެ ބަޖެޓެއް ކަމަށްވާއިރު، ފައިނަލް ކޮށްފައި ވަނީ 77،084،700 ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގެ ތެރެއިން އެ މުވައްޒަފުންގެ މުސާރައާ އުޖޫރައަށް ވަނީ، ޖުމުލަ 76،132،773 ރުފިޔާ ޚަރަދުކޮށްފައެވެ. އޭގެއިތުރުން، އެ މުވައްޒަފުންގެ އެލަވަންސްގެ ގޮތުގައި، 80.7 މިލިއަން ރުފިޔާ މިިދިޔަ އަހަރު ޚަރަދުކޮށްފައިވާއިރު، ޕެންޝަނާއި ރިޓަޔާކޮށްފައިވާ މުވައްޒަފުންނަށް ޚިދުމަތަކާ ނުލައި 3.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންތަކެއް ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ މިނިސްޓްރީގެ އޮފީސް ހިންގަން މިދިޔަ އަހަރުކޮށްފައިވާ އިތުރު ޚަރަދުތައް: ލީޒްލައިނާ އިންޓަނެޓަށް 1.3 މިލިއަން ޚަރަދުކުރި ބޯފެނާއި ފާޚާނާގެ ޚިދުމަތުގެ އަގު ދޭން 1.9 މިލިއަން ޚަރަދުކުރި އިލެކްޓްރިކް ފީއަށް ޚަރަދުކުރީ 5.04 މިލިއަން ރުފިޔާ ޓެލެފޯނާއި ފެކްސް އަދި ޓެލެކްސްއަށް ވަނީ 6،46،543 ރުފިޔާ ޚަރަދުކޮށްފައި އޭގެއިތުރުން، ޕީއެސްއައިޕީއަށް އެމިނިސްޓްރީން 75.5 މިލިއަން ރުފިޔާގެ ބަޖެޓެއް ފައިނަލްކޮށް، އޭގެތެރެއިން 71.3 މިލިއަން ރުފިޔާ މިދިޔަ އަހަރު ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީން ވަނީ، ތަންތަން މަރާމަތުކުރުމަށާއި ބެލެހެއްޓުމަށް ވެސް ޚަރަދުކޮށްފައެވެ. އެކަމަށް ވަނީ 11.4 މިލިއަން ޚަރަދުކޮށްފައެވެ. މިނިސްޓަރު ޝަހީމް އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންނާއެކު --- ފޮޓޯ/އިސްލާމިކް މިނިސްޓްރީ މިދިޔަ އަހަރު ތެރޭ ހަތަރު ކަމެއް ކޮށްގެން މިނިސްޓްރީއަށް އާމްދަނީ ލިބިފައިވެއެވެ. އެގޮތުން، މުވައްޒަފުންގެ ގަޑިލާރިއާއި ޖޫރިމަނާގެ ގޮތުން 2024ގައި ލިބުނީ 218،728.96 ރުފިޔާއެވެ. ތަކެތި ނީލަން ކިޔައިގެން 13،180 ރުފިޔާ ހޯދާފައިވާއިރު، 71،900 ރުފިޔާ ލިބުނީ ހައްޖާއި އުމްރާ ރަޖިސްޓޭޝަން ފީގެ ގޮތުގައެވެ. އެއާއެކު، ސަރުކާރުގެ އިމާރާތްތަކުގެ ކުއްޔަށް 164،305 ރުފިޔާ މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީން ލިބުނުއިރު، ކަލަންޑަރާއި ސުވެނިއާ ފަދަ ތަކެތި ވިއްކައިގެން 770 ރުފިޔާ ވަނީ ހޯދާފައެވެ. ރިޕޯޓުން ދައްކާ ގޮތުގައި، ދީނީ ކަންތައްތަކަށް އެހީވާ ފަންޑުގައި މިދިޔަ އަހަރު ފެށުން އިރު ހުރީ، 3.8 މިލިއަން ރުފިޔާއެވެ. ނަމަވެސް، ޚަރަދުތައް ބެލެހެއްޓުމަށް ފަހު، އަހަރު ނިމުނުއިރު 9،069،727.61 ރުފިޔާއަށް ފައިސާ ވަނީ ފަންޑުގައި އިތުރުވެފައެވެ. އެ ފަންޑުން މިދިޔަ އަހަރު ޚަރަދުކޮށްފައި ވަނީ، 9.9 މިލިއަން ރުފިޔާއެވެ. އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންތަކެއް ބައްދަލުވުމެއްގައި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ މިސްކިތްތަކަށް އެހީވާ ފަންޑުގައި މިދިޔަ އަހަރު ނިމުނުއިރު ހުރީ 18.4 ރުފިޔާއެވެ. އެ ފަންޑުން 6.8 މިލިއަން ޚަރަދުކޮށްފައިވާއިރު، 8.06 މިލިއަންގެ އާމްދަނީއެއް އެ ފަންޑަށް ލިބުނެވެ. އަދި، މިދިޔަ އަހަރު ޒަކާތު ފަންޑުން 62،836،036.28 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެ ފަންޑުން ކެންސަރާއި ޓްރާންސްޕްލާންޓު ފަދަ ބަލިތަކަށް ޚަރަދުކުރިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، މިދިޔަ އަހަރަކީ ރައްޔިތުންނަށް ޚިދުމަތްތަކެއް ފޯރުކޮށްދެވުނު އަހަރެއް ކަމަށާއި ސަރުކާރުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުން ބުރަކޮށް މަސައްކަތް ކޮށްފައިވާ އަހަރެއް ކަމަށެވެ. ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އިސްލާމިކް މިނިސްޓަރަކާ ހަވާލުވެވަޑައިގެން މިދިޔަ އަހަރުގައި އެ މިނިސްޓްރީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ވަނީ މިސްކިތްތައް ބިނާކުރުމާއި ދީނީ ކަންކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންގޮސްފައެވެ. އަދި، ވެސް ދީނީ ކަންކަމާ ގުޅުން ހުރި އެކި ޕްރޮގްރާމުތައް މިނިސްޓްރީން އަންނަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ