ވަކިކުރި ފަނޑިޔާރުންނާ ދެކޮޅަށް ހެއްކެއް ނެތް، ކޯޓުގެ މިނިވަންކަން ގެއްލޭނެ: އައްބާސް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތް ކަމަށާއި އެ ބޭފުޅުން ވަކިކުރުމުން ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސް މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޕީއެންސީގެ މެޖޯރިޓީ މެޖޯރިޓީ އޮތް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. މަޖިލީހުން އެގޮތަށް ފާސްކޮށްފައިވަނީ ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ޖަމާއަތްތަކުން އެ ފަނޑިޔާރުން ޖަވާބު ދާރީވުމުގެ ފުރުސަތު ނުދީ ވަކި ނުކުރުމަށް ގޮވާލައިފައިވަނިކޮށް އެކަމަށް ރިއާޔަތް ކުރުމެއް ނެތިއެވެ. އެ ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު އައްބާސް ވިދާޅުވީ، ދެ ފަނޑިޔާރުން ވަކިކުރަން އޭނާ ދެކޮޅު ހައްދަވާ ކަމަށާއި މިއީ އާދައިގެކޮށް ނިންމާލެވޭނެ ކަމެއް ނޫން ކަމަށެވެ. އެންމެ މަތީ ކޯޓުން ފަނޑިޔާރުން ވަކިކުރަން ވާނީ އެކަށިގެންވާ ހެއްކާއި ގަރީނާ ހުރެގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، ފަނޑިޔާރުންނާ ދެކޮޅަށް މިހާރު އެކަށިގެންވާ ހެއްކާއި ގަރީނާ ހުށަޅާފައި ނެތް ކަމަށް އައްބާސް ވިދާޅުވިއެވެ. https://x.com/Abbasvelidhoo/status/1922535983855157704 "ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަށް އަމަލުކޮށް، އިންސާފާއި ހަމަހަމަކަމާއި މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ނެގެހެއްޓުމަކީ މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ވާޖިބެއް،" ކަންބޮޑުވުން ފާޅުކުރައްވައި އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ދެމިހުންނަވާނީ ރައްޔިތުންނާ އެކު ގާނޫނުއަސާސީގެ ދިފާއުގައި ކަމަށް ވިދާޅުވެފައެވެ. އެތެރެއާއި ބޭރުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް މަޖިލީހުގެ ތަޅުމުގައި ވަކިވަކިން ނެގި ވޯޓުގައި 68 މެންބަރުންގެ ވޯޓާ އެކު ދެ ފަނޑިޔާރުން ވެސް މަގާމުން ވަކިކުރަން ވަނީ ފާސްކޮށްފައެވެ. އެހެންވެ، ދެ ފަނޑިޔާރުން މަގާމުން ވަކިވިކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާނުކުރައްވައިފައެވެ. ކުއްލި ގޮތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް ދުސްތޫރީ މައްސަލަ ބަލަން ފެށިތަނާއެވެ. އެ ފަނޑިޔާރުން ސަސްޕެންޑުކުރީ އެ މައްސަލައިގައި ހިމެނޭ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ފަށަން 15 މިނެޓަށްވެފައި އޮއްވައެވެ. https://sun.mv/206013 އޭރު ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސޫއުދު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފައެވެ. އަނެއް ދެ ފަނޑިޔާރުން ކަމަށްވާ މަހާޒާއި އަޒްމިރަލްދާ މިއަދު އެ މަގާމުން ވަކިކުރީއެވެ. ފަނޑިޔާރުން ވަކިކުރަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ ފަނޑިޔާރުން ޖަވާބުދާރީވާން އެކަށިގެންވާ ފުރުސަތު ނުދޭ ކަމަށް ބުނެ ބޭރުގެ ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭގެ ތެރޭގައި، އދ. އާއި ކޮމަންވެލްތު ވެސް ހިމެނެއެވެ. ފަނޑިޔާރުންނާ ދެކޮޅަށް ސުލޫކީ މައްސަލައެއް ބެލީ އަޒްމިރަލްދާގެ ފިރިކަލުން ޑޮކްޓަރު އިސްމާއިލް ލަތީފް ހައްޔަރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ. އެކަމަކު، އެ މައްސަލައިގައި މަހާޒް ދަށު ކޯޓުގެ ފަނޑިޔާރަކަށް ގުޅުއްވީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލި ފަހުންކަން ޖޭއެސްސީގެ ރިޕޯޓުން ވެސް އެނގެއެވެ. މަޖިލީހުން ދެ ފަނޑިޔާރުން ވަކިކުރީ އެމްޑީޕީން އެ ކަމާ ދެކޮޅަށް އިހުތިޖާޖުކުރަމުން އަންނަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ