ސަސްޕެންޑު ކުރި ފަނޑިޔާރުން އެނބުރި ކޯޓަށް ނާންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި: އަޒްމިރާލްދާ ސަސްޕެންޑު ކުރި ފަނޑިޔާރުން އެނބުރި ކޯޓަށް ނާންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި: އަޒްމިރާލްދާ

ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމުން، އެ ފަނޑިޔާރުން އެނބުރި ކޯޓަށް ދެން ވަޑައިނުގަންނަވާނެ ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވި ކަމަށް މަގާމުން މިއަދު ވަކި ކުރި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވިދާޅުވެއްޖެ އެވެ.
އަޒްމިރާލްދާ ވަކި ކުރަން ފާސްކުރީ ޖޭއެސްސީން ހިންގި ކުއްލި ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓަކަށް ބިނާކޮށެވެ. ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އަޒްމިރާލްދާ ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
އަޒްމިރާލްދާ ނެރުއްވި ބަޔާނެއްގައި މިއަދު ވިދާޅުވެފައި ވަނީ، ސަސްޕެންޑު ކުރި ގޮތުގެ ބޭއިންސާފުކަން ސުޕްރީމް ކޯޓަށް ހުށަނޭޅުއްވީ ސަސްޕެންޑު ކުރި ފަނޑިޔާރުންނަށް އުއްތަމަ ފަނޑިޔާރު މާ ކުރިން އަލްވަދާއު ކިޔުއްވާފައިވާތީ ކަމަށެވެ.
"26 ފެބްރުއަރީ 2025 ގައި އަޅުގަނޑާއި އެހެން ފަނޑިޔާރުން ސަސްޕެންޑް ކުރިކަމުގެ ހަބަރު ލިބުމުން އެ ވަގުތުގައި އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާނު ވިދާޅުވެފައިވަނީ ދެން އަޅުގަނޑުމެން އެނބުރި ސުޕްރީމް ކޯޓަށް ނާންނާނެ ކަމަށް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ސަސްޕެންޑު ކުރެވުނު ފަނޑިޔާރަކާ އެކު ވަދާއީ ފޮޓޯއެއް އުއްތަމަ ފަނޑިޔާރު ނެންގެވިތަން ބަލަހައްޓައިގެން އަޅުގަނޑު ދުރުގައި އިންއިރު އޭރު ވެސް ވިސްނުނީ މިދާ ގޮތަށް ކަންކަން ދާނަމަ، ކުއްލި ގޮތަކަށް މާދަމާ ސުޕްރީމް ކޯޓުގެ ވަޒީފާއިން އަޅުގަނޑު ވަކިކުރާނެއޭ."
މީގެ ނުވަ އަހަރު ކުރިން ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދިނުމަށް ސަރުކާރުން މަޖުބޫރު ކުރުވި ކަމަށާއި އެފަހަރު ވެސް ސުޕްރީމް ކޯޓާއި، ޖޭއެސްސީ، މަޖިލިސް އަދި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ ފޮނުވި ކަމަށް އަޒްމިރާލްދާ ވިދާޅުވި އެވެ. ނަމަވެސް، އެއްވެސް އިދާރާއަކުން އިޖާބަ ދީފައި ނުވާ ކަމަށާއި އޭރު މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުން މިއަދު ވެސް މަޖިލީހުގައި ތިއްބެވިކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރާއްޖޭގެ އެކި އިދާރާތަކަށް އަޅުގަނޑު ޝަކުވާ ހުށަހެޅި ކަމަށްވިޔަސް ސުޕްރީމް ކޯޓުން މާކުރިން އަޅުގަނޑަށް އަލްވަދާއު ވިދާޅުވެފައިވާތީ އެ ކޯޓަކަށް މިފަހަރު ސިޓީއެއް ނުފޮނުވަން،" އަޒްމިރާލްދާ ނެރުއްވި ބަޔާނެއްގައި އޭނާ މިއަދު ވިދާޅުވި އެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
ފެބްރުއަރީ 26، ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ހަބަރު ލިބުމުން އެ ވަގުތު އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ސަސްޕެންޑު ކުރި ފަނޑިޔާރުން އަނބުރާ ސުޕްރީމް ކޯޓަށް ނާންނާނެ ކަމަށް ވިދާޅުވި ކަމަށް އަޒްމިރާލްދާގެ ބަޔާނުގައި ލިޔެފައިވެ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ނިންމި އެވެ. އެކަމަކު، މައްސަލަ ބަލަން ފެށުމާއެކު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވި އެވެ.
މި މައްސަލަގަނޑު ހިނގަމުން ދަނިކޮށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވެސް ވަނީ ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފަ އެވެ. މިއާއެކު ސުޕްރީމް ކޯޓަށް ހަތަރު ފަނޑިޔާރުން އައްޔަނު ކުރުމުގެ ފުރުސަތު ރައީސް މުއިއްޒުއަށް ފަހިވެގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ