ރައީސުލްޖުމްހޫރިއްޔާ ބޭނުންވީމާ ފަނޑިޔާރުން ބަދަލު ނުކުރެވޭ ގޮތަށް ނިޒާމު ބަދަލުކުރަން ޖެހޭ: ނަޝީދު ރައީސުލްޖުމްހޫރިއްޔާ ބޭނުންވީމާ ފަނޑިޔާރުން ބަދަލު ނުކުރެވޭ ގޮތަށް ނިޒާމު ބަދަލުކުރަން ޖެހޭ: ނަޝީދު

ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު ބޭނުންވާ އިރަށް ފަނޑިޔާރުން ބަދަލުނުކުރެވޭ ގޮތަށް ނިޒާމީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ކުއްލި ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މިއަދު ވަކިކޮށްފައި ވަނިކޮށެވެ.
"ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބައްދަލުކުރަން ޖެހޭ ކަމަށް އާ ވެރިންގެ ހިތަށް ވަންނަ ކަމީ ވަރަށް ބޮޑު ދެރައެއް. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ އިރަށް ފަނޑިޔާރުން ބަދަލުކުރުމަކީ ފެހި ގާނޫނުއަސާސީ ތަސައްވަރު ކުރި ގޮތެއް ނޫން،" ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
ޖުޑީޝަރީއަށް ރައީސް މުއިއްޒު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ރައީސް މުއިއްޒު ލީޑަރުކަން ކުރައްވާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ދެ ފަނޑިޔާރުން ވަކިކުރުމާ އެކު މި ވެރިކަން އައިފަހުން ތިން ފަނޑިޔާރުން ވަނީ ސުޕްރީމް ކޯޓުގެ ބެންޗުން ވަކިވެފަ އެވެ.
ފެހި ގާނޫނުއަސާސީއަށް 2008 ގައި އަމަލުކުރަން ފެށުމާ އެކު ސުޕްރީމް ކޯޓު އެކުލަވާލައި އޭގެ ފަހުން އައި ކޮންމެ ވެރިކަމަކާ އެކު ފަނޑިޔާރުން ބަދަލުކުރިކަން ނަޝީދު ފާހަގަކުރެއްވި އެވެ.
"އެހެނަސް މި ގާނޫނުއަސާސީ ބައްޓަންކޮށްފައި މިވަނީ، އުންމީދުކުރި ގޮތާ ހިލާފަށް ރަސްކަމެއް ފަދަ ރިޔާސީ ނިޒާމެއް... ކޮންމެ ވެރިކަމަކުން ވެސް މިވަނީ ފަނޑިޔާރުން ބަދަލުކޮށްފައި. އެއީ ވަރަށް ބޮޑު ދެރައެއް، އަދި ގޯހެއް. މިކަން މިހެން ނުވާނެ ގޮތަކަށް ނިޒާމު ބަދަލުކުރަން ޖެހޭ،" ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު މިވަގުތު ފުރުއްވަމުން ގެންދަވާ ނަޝީދު ވިދާޅުވި އެވެ.
ފަނޑިޔާރުންގެ މައްޗަށް ހިންގި ތަހުގީގުގައި، ގާނޫނުގައި ބުނާ އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ވިދާޅުވެފަ އެވެ. ޖޭއެސްސީގެ ތަހުގީގު ރިޕޯޓު ފާސް ކުރުމުން ފިލްޒާ ދެއްވި ލަފާގައި، ތަހުގީގުގައި ހުރި ގައިރު ގާނޫނީ ކަންކަން ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ