ގާސިމު އިބްރާހީމް ހަޔާތުނާމާ: އަނދިރިފަރާތް އަދި އޮތީ!

ގާސިމް އިބްރާހިމްއަކީ އަމިއްލަ ފައިދާއަށް މަސައްކަތް ކުރައްވާ ބޭފުޅެއް ނޫން ކަމަށް އިލްޔާސް އިބްރާހީމް ވިދާޅުވިޔަސް އެކަން އޮތީ އެހެން ނޫންކަން އެންމެނަށްވެސް އެނގެއެވެ. ގާސިމަކީ އަބަދުވެސް އެހެން މީހުންނަށް ރަނގަޅު ގޮތް ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ހެދިވަޑައިގެން ހުންނަވާ މަސައްކަތް ކުރެއްވީ ދިމާ އިދިކޮޅަށެވެ. ގާސިމް އިބްރާހިމްގެ ހަޔާތުނާމާގައި ކިތަންމެ ރީތިކޮށް ވާހަކަތައް މުލައްމާ ކުރިޔަސް އަނދިރި ފަރާތް ފިސާރި ހުތުރެވެ. ފައިސާވެރިކަމާއި މުދާވެރިކަމަކީ މޫނުމަތި ރީތިވެ އަދިރިފަރާތް ފަރުދާވާ ކަމެކެވެ.
ގާސިމް އިބްރާހީމް ހިތްވަރު ގަދަވުމާއި އަޒުމު ވަރުގަދަވުމަކީ ކޮންމެހެން އުޑާ ވާހަކަގޮވާ ވަރަށް މުއްސަނދި ވުމުގެ ސަބަބެއް ނޫނެވެ. ދުނިޔެ ދުށް ބޮޑެތި ލުޓޭރުންނާއި ވަގުންނާއި ގޭންގް ސްޓާރުންނަކީ ވެސް ނިކަން މުރާލި، ތޫނުފިލި، ޖެހެލުންކުޑަ، އަޒުމް ވަރުގަދަ، ހިތްވަރު ގަދަ ބައެކެވެ. ހިތްވަރު ގަދަކަމާއި އަޒުމް ވަރުގަދަ ކަމާއި އެއްވަރަށް މަކަރާ ހީލަތާއި ނާޖާއިޒު ފައިދާ ނެގުން ނެތްނަމަ ގާސިމް އިބްރާހީމާ އެހެން މީހަކާ ވަކިތަފާތެއް ނުއޮތީހެވެ.  
ދައުލަތް ދަވާލުމުގައި ގާސިމަށްވުރެ ވަކީން ހުސިޔާރު މީހަކު ރާއްޖޭގައި މަދުވާނެއެވެ. އެންދެރިމާގޭގައި 30 އަހަރުވަންދެން ރާއްޖޭގެ ވެރިކަމުގެ ބާރު އޮތް އޮތުމަކީ ގާސިމަށް މުއްސަދިކަން ލިބުނު ސަބަބެވެ. އެންދެރިމާގޭގައި އޮތް އާރާބާރުން ދައުލަތުގެ ތެރެއިން ގާސިމަށް ހޯދާދީ ނަގަހައްޓާދީ ދަމަހައްޓާދިން ރަނުގެ ފުރުސަތު ތަކަކީ ކިތަންމެ އަޒުމު ވަރުގަދަ މުރާލި ނަމަވެސް ގާސިމު ނޫން މީހަކަށް ލިބޭކަށް އޮތް ފުރުސަތެއް ނޫނެވެ. 
ރައީސް މައުމޫނަށް ކިތަންމެ ވަރަކަށް މިހާރު ގާސިމް ތައުރީފް ކުރިޔަސް ރައީސް މައުމޫނު ވެދުވެރިކޮށް ހޯދި އާރާ ބާރާއި މުއްސަދިކަން ބޭނުންކޮށްގެން މައުމޫނުގެ ވެރިކަން ނިންމާލީ ކަޅުއޮޅު ބަނޑު ދޮށުގައި ހުރެ ބޮޑުވާ ކޮރަކަލި ކަޅުއޮށް ކާލާ އުސޫލުންނެވެ. ރައީސް މައުމޫނު ވެރިކަމުގައި ނެގުނުހާ ފައިދާއެއް ނަގާ ހަށިފޮޅާލުމުގައި ނާޖާއިޒު ފައިދާއާއި ހީލަތުން ކުރިހާކަންކަމުގެ ވާހަކަ ވަކިވަކީން ދައްކާ ކޮޅުން ނުލާނެއެވެ. 
މައުމޫނު ވެރިކަމުއްސުރެ އައި ކޮންމެ ސަރުކާރެއްގައި ސަރުކާރުން ލިބޭ މުސާރައަށް ވުރެ ބޮޑު މުސާރައެއް ގާސިމު އަތުން ލިބޭ ބަޔަކު ތިބެއެވެ. ނުފޫޒުގަދަ ތިން ހަތަރު ވަޒީރުންނާއި އެނޫންވެސް އެކިފެންވަރުގެ އެތައް ބަޔަކެވެ. ފަނޑިޔާރުންނާއި ފަނޑިޔާރުގޭގެ އިތުރަށް މިނިވަން މުއައްސަސާ ތަކުގައި ގާސިމުގެ މަހު އެއްޗެތިކޮޅު ލިބޭ މީހުން ތިބެއެވެ. ފުލުހުންނާއި ސިފައިންގެ ތެރޭގައިވެސް ބާރުގަދަ ހިސާބު ހިސާބުގައި ގާސިމުގެ މުއައްޒަފުން ތިބެއެވެ. ބޭނުމަކީ ގާސިމަށް ފަހިވާގޮތަށް ދައުލަތުގެ ތެރެއިން ކަންކަން ތަރުތީބު ކުރުމެވެ. 
އެއްކަމެއް ނުކުރިޔަސް ކުލި ނުދެއްކިޔަސް މުއްދަތު ހަމަވިޔަސް ގާސިމަށް ދައުލަތުން ގާސިމާ ހަވާލުކުރާއެއްޗެއް ކުއްޔަށް ދޫކުރާ ބިމެއް ފަޅެއް ރަށެއް ވަކިކުރެވޭނެ ގޮތެއް ނުއޮވޭ ނޫން ހެއްޔެވެ. ވާނީ އެހެންތާއެވެ. ސަރުކާރުގެ އެތެރޭގައި ތިބޭ ގާސިމުގެ މުސާރަވެރިން ލައްވާ އެއްބަސްވުންތައް އޮންނަނީ އަތުނުލެވޭގޮތަށް ހަދާ ސަރުކާރުން އަތްގުޅިނުކާވަރުގެ ބަދަލެއް ދޭންޖެހޭ ގޮތަށް އަމުނާލާފައެވެ. މި ބުނެލެވުނީ އިލްޔާސް އެވިދާޅުވާ ގާސީމްގެ ނުގުޑާ އަޒުމާ ކެރުމުގެ ކުޑަ މިސާލަކެވެ.
އެހެން މީހުންނަށް ރަނގަޅު ގޮތް ހޯދާ ދިނުމުގެ ނަމުގައި ގާސިމް ކުރި ކޮންމެ މަސައްކަތަކީ އަމިއްލަ މުއްސަދިކަމާއި ބާރާއި މަވެތިކަން ހޯއްދަވަން ކުރެއްވި ކަންކަމެވެ. އުމުރުން 75 އަހަރުވުމާ ދިމާކޮށް ލިޔުންތެރިޔާ ޖަމީލުލައްވާ ލިޔުއްވާ ނެރުއްވީ ގާސިމް އިބްރާހީމްގެ ހަޔާތު ނާމާގެ އެއްފަރާތެވެ. ގާސިމްގެ ހަޔާތު ނާމާގެ އަދިރިފަރާތް އަދި އޮތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ