ރަނގަޅު ޑީލެއް ހެދޭތޯ ޕޮގްބާ އާއި މާސޭ އިން ވާހަކަ ދައްކަނީ ރަނގަޅު ޑީލެއް ހެދޭތޯ ޕޮގްބާ އާއި މާސޭ އިން ވާހަކަ ދައްކަނީ

ޕެރިސް (ފެބްރުއަރީ 11) - މަނާބޭހާ ގުޅޭ މައްސަލަ އަަކަށް ފަހު ކުޅުމަށް އެނބުރި އަންނަން ތައްޔާރުވަމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާއާ އެކު ޑީލެއް ހެދޭތޯ މަޝްވަރާ ކުރަމުން އަންނަ ކަމަށް މާސޭ އިން ބުނެފި އެވެ.
ޕޮގްބާ، 31، މަނާބޭހަށް ޕޮޒިޓިވްވުމުގެ މައްސަލައެއްގައި އެންމެ ފުރަތަމަ، ހަތަރު އަހަރަށް ސަސްޕެންޑްކުރި އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު، އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ވަނީ ޕޮގްބާގެ ސަސްޕެންޝަން 18 މަހަށް ކުޑަކޮށްފަ އެވެ. އެހެންވެ، ޕޮގްބާ އަށް މި މަހުގައި، ޓީމު ޕްރެކްޓިސްތައް ފަށައި، ރަސްމީކޮށް އެނބުރި ކުޅުމުގެ ތެރެއަށް އަންނަ މާޗް މަހު އާދެވޭނެ އެވެ.
ގިނަ ކްލަބްތަކަކާ ވާހަކަ ދައްކަމުން އަންނަ ޕޮގްބާ މި ވަގުތު މަޝްވަރާތައް ކުރަނީ މާސޭއާ އެވެ.
އެ ގޮތުން، ދާދި ފަހުން، މާސޭގެ ސްޕޯޓިން ޑިރެކްޓަރު، މެހެދީ ބެނަޝިއާ ވަނީ، މި ސީޒަން ނިމުމުން ޕޮގްބާއާ އެކު ކޮންޓްރެކްޓެއް ހެދުމުގެ ވިސްނުން މާސޭ އިން ގެންގުޅެމުން އަންނަ ކަމަށެވެ. އަދި އެ ގޮތަށް ކުރިއަށް ދިއުމަށް، ޕޮގްބާއާ އެކު، ޑީލެއް ހެދޭތޯ މާސޭ އިން ވާހަކަ ދައްކާ ކަމަށް ވެސް ބެނަޝިއާ ބުނެފައިވެ އެވެ.
މާސޭ އިން މި ވަގުތު ޕޮގްބާ ނުގެނެސް، ސީޒަން ނިންމާފައި އޭނާގެ ސޮއި ހޯދަން މަސައްކަތް ކުރާ ސަބަބު އޮޅުންފިލުވައިދިނީ، މާސޭގެ ކޯޗަކަށް ހުރި އިޓަލީގެ ރޮބާޓޯ ޑި ޒާބީ އެވެ. ޑި ޒާބީ ބުނީ، ސީޒަނެއްގެ މެދުތެރެއިން، ދިގު މުއްދަތެއް ވަންދެން ނުކުޅެ ހުރި ކުޅުންތެރިއަކު ގެނައުމަކީ، ޓީމުގެ "ބެލެންސް" ގެއްލިދާނެ ކަމެއް ކަމަށެވެ. އަދި މި ވަގުތަށް ބަލާއިރު، މާސޭ އަށް ރަނގަޅު ބެލެންސެއްގައި ކުރިއަށް ދިއުން ވަރަށް މުހިންމު ކަމަށް ޑި ޒާބީ ފާހަގަކުރި އެވެ.
ކެރިއަރުގައި ޕޮގްބާ ވަނީ ދެ ފަހަރެއްގެ މަތިން، މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސް އަށް ކުޅެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ