އަލީ ފަޒަލްއަކީ އިންޑިއާއަށް މުހިއްމު އެކްޓަރެއް ކަމަށް ކަމަލް ހަސަން ބުނެފި
ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެކްޓަރު އަލީ ފަޒަލްއަކީ އިންޑިއާއަށް ވަރަށް މުހިއްމު އެކްޓަރެއް ކަމަށް ސައުތު ސިނަމާގެ ލެޖެންޑް އެކްޓަރު ކަމަލް ހަސަން ބުނެފިއެވެ. ކެރިއަރުގެ ފުރަތަމަ ތަމަޅަ ފިލްމު "ތަގް ލައިފް"ގައި ކަމަލްއާ އެކު މަސައްކަތް ކުރަމުން އަންނަ އެކްޓަރު އަލީ ފަޒަލްގެ އެކްޓިންގް ހުނަރު އެންމެ ފުރަތަމަ ފަހަރަށް ފާހަގަ ކުރެވުނީ އެމޭޒަން ޕްރައިމްގެ ކާމިޔާބު ވެބް ސީރީސް "މިރްޒާޕޫރު"އިން ކަމަށް ކަމަލް ވަނީ ބުނެފައެވެ. އޭގެފަހުން ފިލްމު "ހޫފިޔާ"ގައި އަލީ ފަޒަލް ކުޅުނު ރޯލް ވަރަށް ކަމުދިޔަ ކަމަށާއި އަލީއާ އެކު ފިލްމެއްގައި މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ބޭނުންވި ކަމަށް ކަމަލް ވަނީ ބުނެފައެވެ. އެންމެފަހުން އެ ހުވަފެން ހަގީގަތަކަށް ހަދައިދިނީ ސައުތު ސިނަމާގެ ކުޅަދާނަ އެކްޓަރު މަނީ ރަތުނަމް ކަމަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ކަމަލް ވަނީ ބުނެފައެވެ. އަލީ ފަޒަލް އަދި ކަމަލް ހަސަން އެކީގައި ފެންނަ ފިލްމު "ތަގް ލައިފް"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ އަލީ ފަޒަލްއަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ވަރަށް މުހިއްމު އެކްޓަރެއް ކަމަށާއި ސައުތު ސިނަމާއަށް މަރުހަބާ ކިޔާ ކަމަށާއި ޚާއްސަކޮށް ޗެންނާއީއިން އަބަދުވެސް އަލީ ފަޒަލްއަށް މަރުހަބާ ކިޔާނެ ކަމަށް ކަމަލް ވަނީ ބުނެފައެވެ. ކަމަލް ހަސަން ފަދަ ސައުތު ސިނަމާގެ ލެޖެންޑު އެކްޓަރު އަދި ދުނިޔޭގެ އެތައް ހާސް ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯދާފައިވާ އެކްޓަރެއްގެ ފަރާތުން އެފަދަ ތައުރީފުގެ ބަސްތައް އިވުމަކީ ކެރިއަރުގައި ހާސިލުކުރެވުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އެކަން އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށް އަލީ ފަޒަލް ވަނީ ބުނެފައެވެ. މީގެ ދެ އަހަރުކުރިން އިއުލާނުކުރި މަނީ ރަތުނަމްގެ "ތަގް ލައިފް"އަކީ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ. ކަމަލްއާ އެކު އަލީ ފަޒަލް ފުރަތަމަ ފަހަރަށް ސްކްރީނުން ފެންނާނެ މި ފިލްމުގެ ބަތަލާ އަކީ ސައުތު ސިނަމާގެ ފިލްމީ ތަރި ތުރިޝާ ކްރިޝްނަންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ