އެކްސިޑެންޓުތައް މަދުކުރަން، ނުރައްކާތެރިކޮށް ދުއްވާ މީހުންނަށްދޭ އަދަބު ހަރުކަށިކުރަން ޖެހޭ: އަސްލަހު
މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި، ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ މީހުންނަށްދޭ އަދަބު މިހާރަށް ވުރެ ހަރުކަށިކުރަން ޖެހޭ ކަމަށް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން އަސްލަހު ވިދާޅުވެއްޖެއެވެ. ބާރު ސްޕީޑުގައި ގަވައިދާ ޚިލާފަށް ދުއްވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވަފަދަ އެކްސިޑެންޓުތައް ރާއްޖޭގައި ހިނގާފައި ވެއެވެ. އެފަދަ އެކްސިޑެންޓުތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ލިބިފައި ހުރިއިރު، ނުގަވައިދުން ދުއްވާ މީހުންނަށް އެކަށީގެންވާ ފިޔަވަޅެއް މިހާތަނަށް އެޅިފައެއް ނުވެއެވެ. ސަން އޮންލައިންގެ މި ހަފުތާގެ އެޑިޓަރުގެ ސުވާލު ޕްރޮގްރާމުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އިތުރުވެފައިވާތީ އެކަން މަދުކުރުމަށް ކުރަމުން އަންނަ ކަންތައްތަކާ ގުޅޭ ގޮތުން އަސްލަހު ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން، ނުރައްކާތެރިކޮށް ގަވައިދާ ޚިލާފަށް ދުއްވާ މީހުން މަދުކުރުމަށް 2006ވަނަ އަހަރު ފިޔަވަޅުތަކެއް އެޅުނުކަން ފާހަގަކުރައްވައި އަސްލަހު ވިދާޅުވީ، އޭރު 'ނައިޓް ކޯޓު' ކިޔާ ކޯޓެއް ހަދައިގެން ޓްރެފިކް ތަންފީޒުކުރި ކަމަށެވެ. ފުލުސް ކާރަކުން ޖެހި ހިނގި އެކްސިޑެންޓު: އެކްސިޑެންޓުތައް މަދުކުރުމަށް ނުރައްކާތެރިކޮށް ދުއްވާ މީހުންނާ ދޭތެރޭ މިހާރަށް ވުރެ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން އަސްލަހު ވިދާޅުވި -- ސަން ފޮޓޯ/ މޫސާ ނަދީމް އޭރު ނުރައްކާތެރިކޮށް ދުއްވުން މާނަކުރުމަށް ކަންތައްތަކެއް ކަނޑައަޅައި އަދަބުތަކެއް ދެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ނުރައްކާތެރިކޮށް ދުއްވުމުގެ ތެރޭގައި އޭރު ކަނޑައަޅާފައި ހުރި ބައެއްކަންކަން: ވަންވޭއާ ޚިލާފަށް ދުއްވުން ޓްރެފިކް ބައްތިއަށް މަޑުނުކޮށް ދުއްވުން ކަނޑައަޅާފައި އޮންނަ ސްޕީޑަށް ވުރެ ބާރަށް ދުއްވުން އެފަދަ ކުށްތައްކޮށްގެން ހިފަހައްޓާ މީހުން 24 ގަޑިއިރު ތެރޭ ކޯޓަށް ހާޒިރުކުރަން ޖެހޭ ކަމަށާއި އެދުވަހުން ދުވަހަށް ކޯޓުން ހުކުމް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ދެން އޭރުގައި ހަމަ ވަރަށް ބޮޑަށް [ނުރައްކާތެރިކޮށް ދުއްވާ މީހުން] ކޮންޓްރޯލްވި. އޭރު ދެން މި އަންނަނީ ޖަލު ހުކުމްތަކަކާއި ޖޫރިމަނާތަކާ މިފަދަ ކަންތައްތަކެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިފަދަ ހަރުދަނާ ނިޒާމެއް މިހާރު ވެސް އަންނަން ޖެހޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނުރައްކާތެރިކޮށް މިއުޅޭ ފަރާތްތަކަށް މިތަފަދަ [ހަރުކަށި އަދަބު]ތަކެއް އަންނަން ޖެހޭ ދެހާސް ނުވަ ވަނައަހަރުން ފެށިގެން މިހާ ހިސާބަށް އައިއިރު، ގަވައިދާ ޚިލާފުވެގެން ތަކުރާރުކޮށް ޖޫރިމަނާކޮށްގެން ކުށް މަދުވިތަން ނުފެންނަ ކަމަށް އަސްލަހު ވިދާޅުވިއެވެ. ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން އަސްލަހު، އެޑިޓަރުގެ ސުވާލު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ -- އޭނާ ވަނީ އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުން މިހާރު ކުރަމުން އަންނަ ކަންކަމުގެ ތަފުސީލުތައް ހިއްސާކުރައްވަފައެވެ. އެގޮތުން: ސައިލަންސަރު ފަޅާލައިގެން އަޑުގަދަކޮށް ދުއްވާ މީހުންނަށް ފިޔަވަޅު އެޅުން ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން އާންމުކޮށް އެކްސިޑެންޓުތައްވާ ތަންތަން ފަހާގަކޮށް، އެކްސިޑެންޓު މަދުކުރުމަށް ކަންކަން ކުރުން މީޑިއާ މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމަށް މައުލޫމާތު ހާމަކުރުން އެކްސިޑެންޓުތަކުގެ ތަފާސްހިސާބުތައް އާންމުކުރުން ވަސީލަތްތައް ތަރައްގީކޮށް، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޓްރެފިކް ގާނޫނު ތަންފީޒުކުރެވޭނެ ނިޒާމެއް ގާއިމުކުރުން އެކްސިޑެންޓުތައް ހިނގުމަކީ މުޅި ރާއްޖޭގައި ވެސް ވަރަށް އާންމު ކަމެކެވެ. ފުލުހުންގެ ތަފާސްހިސާބުން އެނގޭ ގޮތުގައި މިދިޔަ އަހަރު 2،885 އެކްސިޑެންޓް ރިޕޯޓުކޮށްފައިވާއިރު، މި އަހަރުގެ މިހައިތަނަށް 1،178 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ