ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފަހު އަހަރު ޑިފެންސް މިނިސްޓްރީން ހަރަދުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް އެ މިނިސްޓްރީގެ މާލީ ބަޔާންތަކުގެ އޮޑިޓުން ދައްކައިފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ "މިނިސްޓްރީ އޮފް ޑިފެންސްގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓު" ގައި ބުނެފައިވާ ގޮތުން އެ އަހަރަށް ފާސްކުރި ބަޖެޓާއި މިނިސްޓްރީން ކުރި ހަރަދުތަކުގައި މައްސަލައެއް ފާހަގަވެފައެއް ނެތެވެ.
އެގޮތުން ފާސްކުރި ބަޖެޓުން މިނިސްޓްރީން ހަރަދުކުރި ގޮތުގެ ބަޔާނުގައި ހިމަނާފައިވާ އަދަދުތަކާއި ޕަބްލިކް އެކައުންޓިން ސިސްޓަމްގައި ހުރި އަދަދުތަކާއި އަޅާކިޔާއިރު އުނިއިތުރެއް ފާހަގަވެފައި ނުވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައި ވެއެވެ.
މިކަންކަމަށް ޖުމްލަ ގޮތެއްގައި 2023 ގައި ޑިފެންސް މިނިސްޓްރީއަށް ދިން ބަޖެޓު ހަރަދުކުރީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި، މިނިސްޓްރީގެ އެހެނިހެން މާލީ ކަންކަން ބަލަހައްޓާފައިވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ޑިފެންސް މިނިސްޓްރީން އެ އަހަރު ޖުމްލަ 48.6 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އޭގެތެރެއިން 16.3 މިލިއަން ހަރަދުކުރީ ރިކަރަންޓު ހަރަދުތަކަށެވެ. ރިކަރަންޓު ހަރަދުގެ ތެރެއިން 12.4 މިލިއަން ހަރަދުކުރީ މުވައްޒަފުންނަށެވެ. ކެޕިޓަލް ހަރަދުތަކަށް ބޭނުންކުރީ 646،151ރ. އެވެ.
ބަޖެޓުގެ އިތުރުން 2023 ގައި ބޭރުގެ ބައެއް ގައުމުތަކުންނާއި ޖަމާއަތްތަކުން ޑިފެންސް މިނިސްޓްރީއަށް ހިލޭ އެހީ ލިބިފައިވެ އެވެ. އޭގެތެރެއިން ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ކޯސްޓްގާޑަށް އދ. އިން ދީފައިވާ ހިލޭ އެހީ އަދި އެ ވުޒާރާގެ އައު އިމާރާތް އެޅުމަށް އިންޑިއާގެ ސަރުކާރުން ދިން ހިލޭ އެހީ އެވެ.
ހިލޭ އެހީން ހަރަދުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި އެއްގޮތަށް އެހީ ދިން ކަންކަމަށްތޯ ބަލާފައިވާނެ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައި ވެއެވެ. އެކަންކަމުގައި ވެސް މައްސަލައެއް އުޅޭކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައެއް ނުވެ އެވެ.
2023 ގައި ޑިފެންސް މިނިސްޓްރީން ހަރަދުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް: އޮޑިޓް ރިޕޯޓު 2023 ގައި ޑިފެންސް މިނިސްޓްރީން ހަރަދުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް: އޮޑިޓް ރިޕޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ